އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި 30،000 މީސަލްސް ވެކްސިން ޑޯޒް، ދިވެހި ސަރުކާރާއި ހަވާލުކޮށްފި އެވެ.

ރާއްޖޭގައި މީސްލްސް ނުވަތަ ހިމަބިިހި ފެތުވެރުމަދާތީ ސަރުކާރުން ވަނީ ރާއްޖެއަށް 2 ލައްކަ ވެކްސިން ޑޯޒް ގެނައުމަށް މަސައްކަތްކުރަން ފަށާފައެވެ. މިކަން ފަހިކޮށްދިނުމަށް އިންޑިއާ ސަރުކާރުން މިވަނީ 30،000 މީސްލްސް ވެކަސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ. ދިވެހިރާއްޖޭގެ ފަރާތުން ވެކްސިނާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން އެވެ.

ވެކްސިންއާއި ހަވާލުވެވަޑައިގަތުމަސްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވަނީ، ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ސަރުކާރުން އެދުނު އެދުމަކަށް އިންޑިއާގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށްޓަކައި ޝުކުރުއަދާ ކުރައްވާފައެވެ.

މިފަދަ އެހީތެރިކަމެއް ކުރުމުއްދަތުގައި ފޯރުކޮށްދެވުމަކީ، އިންޑިއާއިން ރާއްޖެއަާއި އޮތް ގުޅުން ރަމްޒުވެގެންދާ ކަމެއްކަމަށް ފާހަގަކުރައްވާ، ސިއްހީ ދާއިރާއަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

"ވެކްސިން ހޯދުމަކީ ހަރަދު ބޮޑު، މުހިންމު ކަމެއް. އިންޑިއާ ސަރުކާރުން ހިލޭ، މުވަގުތަށް ބޭނުންވާ ވެކްސިން އަޅުގަނޑުމެންނަށް ދީފަ މިއޮތީ. އެހެންވީމަ ވެކްސިން ޖެހުމާއި، ވެކްސިންގެ ކަންކަން އެޗްޕީއޭގެ އިރުޝާދާ، އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެކީގަ ކުރިޔަށްގެންދިޔުމަކީ ވަރަށް މުހިންމުކަމެއް"
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރު އަމީން ވިދާޅުވީ މީސްލްސް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށްފަހު ހަނދާންނެތިގެން ނުވަތަ ފަރުވާކުޑަކުރެވިގެން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަނުކޮށް، އަދި އެއްވެސް ގޮތަކަށް ވެކްސިން ފުރިހަމަނުކޮށް ތިބި ފަރާތްތައް ރާއްޖޭގައި ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްކުންވެސް އަވަހަށް ވެކްސިން ޖެހުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ބައްޔަށް މިހާތަނަށް 3100 މީހަކަށް ވެކްސިން ދީފައިވާއިރު މީސަލްސް ވެކްސިން ކެމްޕޭނަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ހެލްތަ މިނިސްޓްރީން ބުނެއެެވެ.

ހިމަބިހި ފެތުރުނަ ނުދިނުމަށްޓަކާ 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށްދޭ މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް ވަނީ ދޭންފަށާފައެވެ. އަދި ހިމަބިއްސަށް ސްކްރީން ކުރުމާއި ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ހެލްތް މިނިސްޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތް އެއްމަސްދުވަހަށް ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުއެވެ.