އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތަކެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނީ މި ގޮތަށް ނިންމައި، އާންމު އަޑުއެހުންތަކުގައި އަމަލުކުރާނޭ ގޮތުގެ އުސޫލު އިސްލާކުރުމަށް ފަހު ސަރުކާރުގެ ހުރިހާ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.
މި އުސޫލުގައި، އަޑުއެހުން ބާއްވާ ތަނާއި، ތާރީޚާއި، ގަޑި އާންމު ކުރުމާއި، އަޑުއެހުމަށް ހާޒިރުވުމާއި، ބަދަލުގައި މީހަކު ހަމަޖައްސާނެގޮތާއި، ބަދަލުގައި އަންނަ ފަރާތުން އަމަލުކުރަންޖެހޭ ގޮތާއި، އަޑުއެހުންތައް ކެންސަލް ކުރާނެ ހާލަތްތައް އަދި މައްސަލަ އަޑުއެހުމަށް، އާންމުން ވަންނާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.
މި އުސޫލުގައި ވާގޮތުން އަޑުއެހުމަށްޓަކައި އާންމުންނަށް ވަދެވޭނީ މައްސަލަ އަޑުއަހަން ވަނުމުގެ ދަފްތަރުގައި ނޯޓްކޮށްގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދަފްތަރުގައި ނޯޓް ކުރިކަމުގައި ވިޔަސް މާލަމަށް ވަނުމުގެ ހުއްދަ ދެވޭނީ ނޯޓްކުރާ ތަރުތީބުން ތަނުގައި ޖާގަ އޮތް މިންވަރުން ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
މީގެއިތުރުން އަޑުއެހުމަށް ވަންނަން ނަން ނޯޓްކުރަން ފަށާނީ އަޑުއެހުން އޮންނަ ދުވަހުގެ ހެނދުނު 8:15 އިން ފެށިގެން އަޑުއެހުން ތާވަލްކޮށްފައިވާ ގަޑިޖެހުމުގެ 5 މިނެޓާ ހަމައަށް ކަމަށްވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މައްސަލައިގެ އަޑުއެހުން ނިމޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެދިއްޖެނަމަ މައްސަލަ ހުށައެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ދޫކުރަންވާނެ ކަމަށް މި އުސޫލުގައި ވެއެވެ.
އަދި މައްސަލަ ނިމޭތާ ގިނަވެގެން 4 ދުވަހުގެ ތެރޭގައި އެ ރިޕޯޓް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައި ވާއިރު، މައްސަލަތައް ބެލުމުގައި އަމަލުކުރާ މިއުސޫލު އެ އޮފީހުގެ ވެބްސައިޓުން ލިބޭނެކަމަށްވެސް އައިކޮމްއިން ބުނެެއެވެ.