ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރމަލް ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެއަރޕޯޓުގައި ސްކްރީނިންގް ފެށުމާއިއެކު ތާރމަލް ކެމެރާއިން ހުންހުންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާނެ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮރޯނާވައިރަސް ރާއްޖެއިން ފެނިދާނެތީ، އެކަމަށް ރާއްޖެއިން ތައްޔާރުވެ، ތައްޔާރީ ހާލަތުގައި ވާކަމަށް އިއްޔެ ހެލްތް މިނިސްޓަރ އަބްދުއްﷲ އަމީން ވަނީ ވިދާޅުވެފައެވެ.

މިގޮތުން ސްކްރީން ކުރުމަށް އިތުރު ކެމެރާ ގެނެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއާއިއެކު އައްޑޫ ސިޓީގައިވެސް ސްކްރީން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިއާއެކު ރާއްޖެއަށް، ބޭރުން އެތެރެވެވެން ހުރި ބަނދަރުތަކުންވެސް ސްކްރީން ކުރެވޭނެ ގޮތުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސްގެ ސަބަބުން ޗައިނާގެ ދެވަނަ ސިޓީއެއް މިހާރުވަނީ ބަންދުކޮށްފައެވެ.

މިއީ، ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކުރި ކަމެކެވެ.

އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ ވައިރަސް ފެތުރޭންފެށި ވުހާން ސިޓީއެވެ. ވަރަށް ޚާއްސަ ސަބަބެއް މެދުވެރިވެގެން ނޫނީ، އެ ސިޓީން ބޭރަށް އެއްވެސް މީހަކު ދިއުން ޗައިނާއިން ވަނީ މަނާކޮށްފައެވެ.

ހަމަ އެއާއެކު، ވުހާން ސިޓީއާ އިންވެގެން އޮންނަ ހުއާންގްގަންގް ސިޓީންވެސް މީހުން ބޭރަށް ދިއުން މިއަދުން ފެށިގެން މަނާކޮށްފައިވާ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ވަނީ ބުނެފައެވެ.

ހުއާންގްގަންގް ސިޓީއަކީ ހަމިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

ގޮތްނޭނގޭ ވައިރަސްގެ ސަބަބުން ޗައިނާއިން އެކަނިވެސް މިހާތަނަށް 17 މީހުން މަރުވެފައި ވާއިރު، 571 މީހަކަށް މި ވައިރަސް ވަނީ ޖެހިފައެވެ. ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 95 މީހެއްގެ ހާލު ސީރިއަސްކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައެވެ.