• ފުނަދޫގައި އެއަރޕޯޓެއް ހެދުމުގެ ވާހަކަ ފުރަތަމަ ދެއްކެވީ ރައީސް އިބްރާހިމް ނާސިރު 1978ގައި
  • އަމަލީ މަސައްކަތް ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަމުގައި
  • ޓެސްޓް ފްލައިޓް ޖައްސާފައި މިވަނީ 41 އަހަރު ފަހުން 2020 ވަނަ އަހަރު

ށ. ފުނަދޫގައި އެއަރޕޯޓެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަވާފައިވަނީ 1978 ވަނަ އަހަރު ސުމުއްވުލްއަމީރު އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އޭގެ 20 އަހަރުފަހުން ފުނަދޫ އެއަރޕޯޓެއް ހެދުމަށް ކަޑަޖެއްސެވީ 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެވެ. އެހެންނަމަވެސް 2018 ވަނަ އަހަރާ ހަމައަށް އައިއިރުވެސް ފުނަދޫ ރައްޔިތުންނަށް އެއަރޕޯޓްގެ ހުވަފެން ދެކުން ފިޔަވާ ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

މިހުވަފެނުގައި ކޮންމެވެސް ވަރެއްގެ ކުލައެއްޖެހެން އުޅޭކަމުގެ މަލަމަތި ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގައެވެ. ފުނަދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި 2018 ވަނަ އަހަރުގެ ފެބްރުއަރީމަހު ހަވާލުކުރި ހިސާބުން މަހާޖައްރާފު ބޭނުންކޮށްގެން އެއާޕޯޓް އެޅުމަށް 45 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި އަމަލީ މަސައްކަތް ނިމި ފުރަތަމަ ޓެސްޓް ފްލައިޓް 2020 އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ޖައްސާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެތެރޭގައެވެ.

ހަތަރު ރައީސުންގެ ހުވަފެނާ ތަސައްވުރާއެކު 41 އަހަރު ފަހުން ފުނަދޫގެ ރައްޔިތުންނަށް މިވަނީ ޑޮމެސްޓިކް އެއަރޕޯޓެއް ލިބިފައެވެ.

ސަރުކާރުން ށ. ފުނަދޫގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓަށް މޯލްޑިވިއަންގެ ފުރަތަމަ ޓެސްޓް ފްލައިޓް ހުކުރު ދުވަހު ހެނދުނު 08:10 ހާއިރު ޖައްސާފައިވާ އިރު މި ފްލައިޓްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނީ، ރަސްމީކޮށް ފުނަދޫ އެއާޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން ފެށިގެން ކަމަށެވެ. ރަސްމީކޮށް ދަތުރުތައް ފެށުމާއެކު ހަފްތާއަކު ތިން ފްލައިޓް ފުނަދޫ އެއަރޕޯޓަށް ޖައްސާނެ ކަމަށާ އުންމީދަކީ މާރޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓް އެ އަރޕޯޓަށް ޖެއްސޭ ގޮތަށް ދަތުރުތައް ޝެޑިއުލް ކުރެވިގެން ދިއުން ކަމަށް ސިވިލް އޭވިއޭޝަނުން ބުންޏެވެ.

1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާ އެކު ހަދާފައިވާ ފުނަދޫ ޑޮމެސްޓިކް އެއަރޕޯޓަކީ 90 މީޓަރުގެ ޓެކްސީވޭ އަކާއެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. މިއެއާޕޯޓުގައި ހަދާފައިވާ އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ.

ފުނަދޫ އެއާޕޯޓް ހެދުމަށް ދައުލަތުގެ ބަޖެޓުންވަނީ 89 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މީގެ 41 އަހަރުކުރިން ފުނަދޫގައި އެއަޕޯޓެއް އަޅުއްވައި ދެއްވާނެކަމަށް އޭރުގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވުމާއެކު އެކަމުގެ އިންތިޒާރުގައި ތިބި ގިނަ ބަޔަކު ވަނީ އެއަޕޯޓެއްްގެ ފޮނި މީރުކަން ނުލިބި ދުނިޔެ ދޫކޮށްފައެވެ.

އެހެންކަމުން މިއަދަކީ ދުނިޔެ ދޫކުރި ފުނަދޫގެ ކާބަފައިންގެ ކާފަ ނުވަތަ މުނިކާފަ ދަރިންނަށް، ތުއްތު އިރުއްސުރެ އަޑު އިވެމުންދިޔަ ފުނަދޫ އެއަޕޯޓުގެ ވާހަކައިގައި ކުލަޖެހި ހުވަފެން ހަގީގަތަކަށްވި ދުވަހެވެ. އެރަށުގެ ރައްޔިތުން ބުނީ މިއީ އެރަށަށް އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. ދެން އިންތިޒާރު ކުރަނީ ޝެޑިއުލް ދަތުރުތައް ފަށާ ދުވަހަށް ކަމަށެވެ. އެދުވަހަށްޓަކައި މިއަދަށް ކުރި ތައްޔާރީތަކަށްވުރެ މާ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް ފުނަދޫ ރައްޔިތުން ބުނެއެވެ.