ޗައިނާއިން ފެތުރެމުންދާ ކޮރޯނާވައިރަސް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާއިރު މިކަމަށް ޚާއްސަ ސަމާލުކަމެއްދީ، މި ބައްޔަށް ރާއްޖެ ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުއްﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ވުހާން ސިޓީން ފެތުރެންފެށި ނުރައްކާތެރި ވައިރަހުގެ ސަބަބުން ޗައިނާއިން މިހާތަނަށް 26 މީހުން މަރުވެފައި ވާއިރު، މި ވައިރަހުގެ އަސަރު ޗައިނާގެ 830 މީހުންނަށް ވަނީ ކޮށްފައި ވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖޭގެ ހެލްތް މިނިސްޓްރީން ކަމާ ބެހޭ ހުރިހާ މުއައްސަސާއަކާއި ބައްދަލުކޮށް މި ކަމާގުޅޭ ގިނަ މަޝްވަރާތަކެއްކޮށް ނިންމި ނިންމުންތަކުގެ ނަތީޖާއަކީ ރާއްޖެއިން ވަރަށް އަވަސް ގޮތެއްގައި މި ބައްޔަށް ފުރިހަމައަށް ތައްޔާރުވެ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވުމެވެ.

މިކަަމަށްޓަކާ ރާއްޖެއިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަރާތްތައް ކޮރޯނާވައިރަހަށް ސްކްރީން ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ދަނީ ތަރމަލް ކެމެރާ ބޭނުން ކުރަންފަށާފައެވެެ.

ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އައިސޮލޭޓްކުރެވޭނެ އިންތިޒާމުތައްވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަަމަޖައްސާފައިވާއިރު، މިއީ މިބަލި ފެނިއްޖެނަމަ ފަސޭހަކަމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން އަވަސްކުރުމުގެ ގޮތުން ކުރެވިގެން ދިޔަ ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިބަލީގެ އަލާމާތެއް ރާއްޖޭގެ ރަށަކުން ފެނިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއާއި ހިސާބަށް ގެނެވޭނެ އިންތިޒާމުތަކާ ބެހޭ ގޮތުންވެސް ވާހަަކަދެކެވި އެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ބައްޔަށް ހޭލުންތެރިކުރުމަށްޓަކާ އެކި ބަސްބަހުން، މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.

މި ބައްޔަށް ސްކްރީން ކުރުމަށްޓަކާ ރާއްޖޭގެ އެންމެ ދެކުނުން ގަން އިންޓަރނޭޝަން އެއަރޕޯޓްގައިވެސް ކެމެރާ ބަހައްޓައިގެން ސްކްރީންކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށާއި ރާއްޖެއަށް އެތެރެވެވެން ހުރި އެހެން ބަނދަރުތަކުގައިވެސް ސްކްރީން ކުރެެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ނުފެނުނު ކަމުގައިވިޔަސް، ރާއްޖެއިން ދުރާލާ މި ފިޔަވަޅުތައް އަޅާފައިވަނީ ރައްކާތެރިވުމުގެ ގޮތުންނެވެ. އެއީ މިބަލި ފެނިފައިވާ ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވެފަ އެބަލި ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުންވެސް މިކަމަށް ކަންބޮޑުނުވެ، ވީހާވެސް ބޮޑަކަށް މި ބައްޔާގުޅޭ ސައްޚަ މައުލޫމާތުތައް ހޯދާ، ސިއްހީ ފަރާތްތަކުންދޭ އިރުޝާދުތައް އަޑުއެހުމަކީ މުހިންމުކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް މި އެޅި ފިޔަވަޅުތައް ޑަބްލިޔު.އެޗް.އޯއިންވެސް ވަނީ ފާހަގަކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަރްވިންދް މާތޫރު ވިދާޅުވީ ޑަބްލިޔުއެޗްއޯއިން މިކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށާއި މިކަމަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރަށް ބަލާއިރު ރައްޔިތުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަ މަށެވެ.

ޗައިނާއިން ބުނަނީ، ގޮތްނޭނގޭ މި ވައިރަސް ފެތުރެން ފަށާފައިވަނީ ވަލުޖަނަވާރާއި އެއިން ތައްޔާރުކުރާ ކެއިންބުއިމުގެ ޚިދުމަތްދޭ މާރުކޭޓަކުން ކަމަށް ބެލެވޭ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނަނީ، މި ވައިރަސް ފެތުރެންފެށީ ވާލުގެ ސަބަބުން ނުވަތަ ހަރުފަމަހުގެ ބާވަތަކުން ކަމަށް ބެލެވޭ ކަމަށެވެ.

ވައިރަސް އެންމެބޮޑަށް ފެތުރެމުންދާ ޗައިނާގެ ދެ ސިޓީ މިހާރު ބަންދުކޮށްފައިވާއިރު، ޗައިނާއިން ބޭރުން، ޖަޕާން، ހޮންގްކޮންގ، މަކާއޯ، ދެކުނު ކޮރެއާ، ތައިވާން، ތައިލެންޑް، ވިއެޓްނާމް، ސިންގަޕޫރު އަދި އެމެރިކާއިން މިހާރުވަނީ ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ފެނިފައެވެ.

ހަލުވިކަމާއިއެކު ފެތުރެމުންދާ ނޯވެލް ކޮރޯނާވައިރަހަކީ ކޯޗެއްކަން ކަމާބެހޭ ފަރާތްތަކަށް އަދި ހޯދިފައެއް ނުވެއެވެ.

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ގޮތްނޭނގޭ މި ވައިރަހުގެ ސަބަބުން ދުނިޔޭގެ ސިއްހަތަށް ނުރައްކާ ވެއްޖެކަމަށް ކަނޑައަޅަން އަދި މާ އަވަސްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތަށް މިވަގުތަށް ނުރައްކާ ނޫންކަމަށް ބުނެ، ޑަބްލިޔުއެޗްއޯއިން ކުއްލި ހާލަތު އިއުލާން ނުކުރި ނަމަވެސް، މި ވައިރަސް ފެތުރުން ހުއްޓުވަން ދުނިޔެ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.