ހިމަ ބިއްސަކީ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މީސެލް ވައިރަސްގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މި ވައިރަހުގެ އަސަރުކުރަނީ ނޭވާލާ ނިޒާމަށެވެ.

އިންސާނުންގެ ހަށިގަނޑަކީ މިވައިރަހުގެ ނަސްލު ދެމެހެއްޓުމަށް ހިޔާވަހިކަން ހޯދާ ހިޔާވެއްސެއް ކަމަށް ސިއްހީ ތަފާތު އެކި ހޯދުންތަކުން ދައްކައެވެ. އަދި އެއްވެސް އެހެން ދިރޭއެއްޗެއްގައި މިވައިރަސް ރިޒާވަރެއްގެ ގޮތުން ހުންނަކަން ހޯދިފައެއް ނުވާކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިބަލިން ރައްކާތެރިވުމަށް ސިއްހީގޮތުން ރައްކާތެރިވެ އަދި އެޅިދާނެ މުހިންމު ފިޔަވަޅުތައް ސިއްްހީ މާހިރުންދަނީ ވިދާޅުވެދެއްވަމުން ނެވެ. ހިމަބިއްސަކީ ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިންފެތުރުނު ބައްޔެކެވެ.

އެހެންނަމަވެސް ސަރުކާރާއި ސިއްހީ ދާއިރާއިން ކުރި ބުރަ މަސައްކަތުގެ އިތުރަށް ބޭރު ގައުމުތަކުގެވެސް އެހީއާއި އެކު މި ބަލި ވަނީ ރާއްޖެއިން މުޅިން ނައްތާލެވިފަ އެވެ. އަދި މި ބަލި ރާއްޖެއިން ނައްތާލެވިފައިވާކަން ރަސްމީކޮށް އިއުލާނުކޮށް އިއުލާނުކޮށްފައި ވަނީ 2017 ވަނަ އަހަރުގަ އެވެ. އެހެންނަމަވެސް އޭގެ 2 އަހަރު ފަހުން އަނެއްކާވެސް މި ވަނީ މި ބަލި ފެތުރެން ފަށާފައެވެ.

ރާއްޖޭއިން އަނެއްކާ މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ އުމުރުން 3 އަހަރުގެ ތުއްތު ކުއްޖެއްގެ ގައިންނެވެ. ކުއްޖާގެ ގައިން މި ބަލި ފެނުމާއިއެކު މި ބައްޔަށް ރައްކޭތެރިވުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަން ފެށި އެގޮތުން ބައްޔަށް ސްކްރީން ކުރުމާއި ވެކްސިން ދިނުމުގެ މަސައްކަތްތައްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

މި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް މި ބައްޔަށް ޕޮސިޓިވް 6 މީހަކު ވަނީ ފެނިފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީް ބުދަ ދުވަހު މި ބައްޔަށް ޓެސްޓު ކުރި 9 މީހުންގެ ތެރެއިން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭގެތެރެއިން އެކަކީ ހުޅުމާލޭ ޣާޒީ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށެވެ. އަދި އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ކުދިންގެ ތެރޭގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރާ 33 ކުއްޖަކު ތިބިކަމަށް ބަޔާނުގައިވެ އެވެ.

އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެ ސަރަހައްދެއްގައި އަމަލުކުރަމުން އަންނަ ގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު މި ބަލީގެ ނުރައްކާ އޮތީ ވެކްސިން ނުޖަހާ ފަރާތްތަކަށެވެ. އެގޮތުން މި ބައްޔަށް ޕޮޒިޓިވްވި އުމުރުން ތިން އަހަރުގެ ކުއްޖާއަކީ ވެސް ވެކްސިންގެ ޑޯޒް ފުރިހަމައަށް ނުދީ ހުރި ކުއްޖެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި މައުލޫމާތުން އެނގެއެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ބައްޔަށް ރައްކާތެރިވާން އޮތް ހަމައެކަނި ގޮތަކީ އެމްއާރު ނުވަތަ އެމްއެމްއާރު ވެކްސިން ޖެހުމެވެ. އަދި ވެކްސިންތައް ޖަހައި ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މި ބަލީގެ ނުރައްކަލެއް ނޯންނާނެ ކަމަށެވެ. އަދި ވެކްސިން ޖެހިކަން ޔަގީން ނުވާ މީހުންނަށް ވެސް އެކަމަށް ރައްކާތެރިވުމަށް ފިޔަވަޅު އެޅިދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިހާރުގެ ހާލަތަށް ބަލައިގެން ތާވަލުން ބޭރުން ދެ ޑޯޒްގެ ވެކްސިނެއް އެންމެ ނުރައްކާތެރިކަން ބޮޑުވެދާނެ އުމުރުފުރާތަކަށް ޖަހަން ފަށާފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.