ކޮކާ ކޯލާ އާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން "ލެޖެންޑްސް ކަޕް"ގެ ނަމުގައި ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވައިފި އެވެ.

އެފްއޭއެމް ޓާފް ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗްގައި ބައްދަލު ކުރީ ކޮކާ ކޯލާ އާއި، ކޮކާ ކޯލާ ޒީރޯ މި ދެޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި މިހާރު ވެސް ކުޅެމުން އަންނަ ފުޓްބޯޅަ ތަރިން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗް 3-1 ކާމިޔާބު ކުރި ކޮކާ ކޯލާ ޓީމުން ނެވެ.

އެފްއޭއެމުން ބުނީ މިއީ ދިވެހި ފުޓްބޯޅަ އަށް އެކި ގޮތް ގޮތުން ހިދުމަތް ކޮށްދެއްވައިފައިވާ ކުރީގެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ބާއްވާ މެޗެއް ކަމަށެވެ. މި މެޗު ފޯރިގަދަ ކުރުމުގެ ގޮތުން މެޗު ފެށުމުގެ ކުރިންނާއި އަދި މެޗް ކުޅެމުންދިޔަ ވަގުތު ތަފާތު ހަރަކާތްތަކެއްވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ސޮކާމޭޓްސް ގެ ރައީސް ހަސަން މަނިކު ވިދާޅުވީ، ކޮކާ ކޯލާގެ ފަރާތުން މިފަދަ ހަރަކާތަކަށް އެއްބާރުލުން ދިނުން އެއީ ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރަކަށް ވާނެކަމަށެވެ.

މޯލްޑިވްސް ސޮކާމޭޓްސްގެ ފަރާތުން އެފްއޭއެމް އާއި ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރީގެ ކުޅުންތެރިން ކުރިއެރުވުމަށް އެ ކުޅުންތެރިންނަށް ގިނަ މުބާރާތްތަކެއްވެސް އަންނަނީ ބާއްވަމުން ނެވެ.