ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަނީ އަހަރުމެން ހީވެސް ނުކުރާހާ ބޮޑަށް ކަމަށް ސައިންސްވެރިން ދަނީ ބުނަމުން ނެވެ. ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ މި ބަދަލުގެ އަސަރު އެންމެބޮޑަށް ފޯރާ، ގައުމުތަކުގެ ތެރޭގައި ކުދި ޖަޒީރާތައް ހިމެނޭއިރު، އޭގެ ބިރު މި ކުޑަކުޑަ ދިވެހިރާއްޖެއަށް އެބައޮތެވެ.

ދުނިޔެއަށް ދިމާވަމުންދާ ގުދުރަތީ ކާރިސާ ތަކުގެ އަސަރު އެންމެ އަވަހަށް އެންމެ ބޮޑަށް ފޯރާނެ ކަމަށް ސައިންސްވެރިން ލަފާކުރަނީ، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށެވެ.

ގުދުރަތީގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައި ހުންނަގޮތަށް ބަލާއިރު، ވޮޑެގިރާ މި ރަށްތަކުގައި ފުއްޓަރުފަރާތުގައި ގުދުރަތީ ތޮއްޓެއް ވަނީ ލެވިފައެވެ. ރަށްރަށުގެ ވަށައިގެން އަތިރިމަތީގައި ހޭޅިފަށް ހެދިފައި އޮންނައިރު، ބައެއް ރަށްރަށުގައި ގުދުރަތީ ކުޅިތަކާއި، ފާތައްވެސް ހެދިފައި އޮވެ އެވެ.

ނަމަވެސް ތަރައްގީގެ ކުލަވަރުޖެހި، ހަދަމުންދާ ތިމާވެށީގެ ރިޕޯޓްތަކަށްވެސް ރަނގަޅަށް ބެލުމެއްނެތި، ގުދުރަތީ ރައްކާތެރިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ތަރަށްގީގެ ޕްލޭންތައް ކުރަމުންދާއިރު، އޭގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން ނެވެ.

ގުދުރަތީ ކާރިސާތައް ރާއްޖެއަށް ކުރިމަތިވެ، މި ކުދިކުދި ނާޒުކު ރަށްތަކަށް މޫސުމީ އުދައިގެ އަސަރު ދަނީ ފޯރަމުން ނެވެ. އުދަ އަރައި، ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ރަށުގެ ހޭޅިފަތް ގިރަމުންގޮސް، މީހުންދިރިއުޅޭ ގެތަކާއި ހަމައަށް ބައެއް ރަށްރަށް ވަނީ ގިރާލާފަ އެވެ.

ކުޅުދުއްްފުށި ކުޅި ހިއްކުމުގެ ކުރިން.

ދުނިޔޭގެ ތިމާވެށީގެ މާހިރުން ބުނާ ގޮތުގައި، ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކުރެވިގެން ނޫނީ، ސަލާމަތެއް ނެތެވެ. އެބިރު ވަަޒަންކުރެވޭދެއް ބޮޑުކަމުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދަނީ ރާއްޖޭގެ ސަލާމަތަށްޓަކައި، ދިވެހިންގެ ސަލާމަތަށްޓަކައި ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ބާރުއަޅަމުން ނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްގެ ރިސާޗަރުން މިވަނީ، އުދަ އެރުމާއި، ރަށްގިރުން އަދި ސުނާމީ ފަދަ ކާރިސާތަކުން ރައްޔިތުން ރައްކާތެރި ކުރުމަށް، ރާއްޖޭގެ ފާ، ކުޅި އަދި ޗަސްބިންތައް ރައްކާތެރިކުރުމަކީ ސަރުކާރުން މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށް ބުނެފައެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ އެެއާޕޯޓް ތަރައްގީކުރުމަށް ހދ. ކުޅުދުއްފުށީގެ ކުޅީގެ ބޮޑުބައެއް ހަލާލުކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުޅުދުއްފުށި ސިޓީގެ ކުޅި މިހާރު އޮތް ވަރަށްވެސް ހިމާޔަތްނުކުރެވި އެތަނަށް އިތުރު ގެއްލުންތަކެއް ލިބިއްޖެނަމަ، ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ އަދި އޭގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން އިތުރު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަށް ހިއުމަން ރައިޓްސް ވޮޗުން އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އެސޯސިއޭޓް ޑިރެކްޓަރ ޕެޓްރީޝިއާ ގޮސްމަން ވަނީ ވިދާޅުވެފައެވެ.

"މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ދިވެހިރާއްޖެ އަކީ މިހާރުވެސް ރިސްކަށް ހުށަހެޅިފައިވާ ގައުމެއް. މުސްތަގުބަލުގައި ދިމާވެދާނެ ނުރައްކަލަކުން ރަށްތަކުގެ ރައްޔިތުން ސަލާމަތް ކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ."
ޕެޓްރީޝިއާ

ކުޅި، ފާ އަދި ޗަސްބިން ތަކަކީ ތިމާވެއްޓަށް ލިބިގެންވާ ގުދުރަތީ ބޮޑު ރައްކަލަކަށް ވާއިރު، ސަބަބުން ފެންބޮޑުވުމާއި، އުދައެރުން އަދި ސުނާމީ ފަދަ ކާރިސާތަކުން ސަލާމަތްވުމަށް އެފަދަ ތަންތަން މުހިންމު ދައުރެއް އަދާކުރެ އެވެ.

ކުޅުދުއްފުށި ސިޓީގެ ކުޅިން ބޮޑުބައެއް ހިއްކި ފަހުން، އެރަށަށް ލިބެމުންދާ ގެއްލުންތަކެއް ބޮޑުކަން އަންދާޒާކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ. ހުސްވި 2019 ވަނަ އަހަރުގެ ތެރޭގައި ކުރި ވިއްސާރައިގައި އާދަޔާ ހިލާފަށް ރަށުގައި ފެންބޮޑުވިކަން ފާހަގަކޮށްފައިވެ އެވެ.

ކުޅުދުއްފުށި ސިޓީ އަށް ބަލާއިރު، އެެއާޕޯޓް އެޅުމަށް ކުޅި ހިއްކުމުގެ ކުރިން އެރަށުގެ ގާތްގަނޑަކަށް 400 އެއްހާ އަންހެނުން ދިރިއުޅުމަށް ހޯދާ އާމްދަނީ ހޯދުމަށް ރަށުގެ ކުޅި މުހިންމު ދައުރެއް އަދާކުރި އެވެ. ބައެއް މީހުން ރޯނުވެށުމަށް ބޮނބިފާކުރަން އެތަނުގެ ބޭނުން ހިފަމުންދިއައިރު، ބައެއް ރައްޔިތުންނަށް އާމްދަނީ ލިބެމުންއައި ހަމައެކަނި ވަސީލަތަކީވެސް އެއީ އެވެ.

އެހެންކަމުން ރަށުގެ ތިމާވެއްޓަށްވެސް ކުޅި އަކީ މުހިންމު ގުދުރަތީ ވަސީލަތަކަށް ވެގެންދާއިރު، ރައްޔިތުންގެ ދިރިއުޅުމަށްޓަކައިވެސް އެތަން ހިމާޔަތްކުރުން މުހިންމެވެ. މީގެ އިތުރަށް އެތަނަކީ، އެހެނިހެން ދޫނިސޫފާ ސޫއްޕާއި ދިރުންތައް ވެސް ހިމާޔަތްހޯދައި އަދި ހިމާޔަތަށް އެދި ބޭނުންކުރާ ތަނަކަށް ވެގެންދާއިރު އެ ސަބަބައްޓަކައިވެސް އެތަން ރައްކާތެރިކުރަން ޖެހެ އެވެ.

ކުޅުދުއްފުށި ސިޓީގައި އެއާޕޯޓް އެޅުމަށް، އެ ކުޅީގެ 70 ޕަސެންޓް ހިއްކާފައި ވާއިރު، ބާކީ އޮތީ 30 ޕަސެންޓް އެވެ. އެތަން ހިމާޔަތް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާއިރު، އެ ބައި ހިމާޔަތް ކުރުމަށް މެންގްރޫވް އެކްޝަން ޕްރޮޖެކްޓާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒިވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ސައިންސްވެރިންގެ ޓީމެއްގެ އެހީ އާއި އެކު "ސޭވް މޯލްޑިވްސް" އިން ވަނީ، އެކުޅި ހިމާޔަތް ކުރެވިދާނެތޯ ބަލާފައެވެ. މި ތަހުލީލުތަކަށްފަހު އެ ޓީމަށް ފާހަގަކުރެވުނު ބައެއް ކަންކަން އެންވަޔަރުމަންޓް މިނިސްޓްރީ އާއި ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ޓީމުން ވަނީ، ކުޅީގެ ގަސްގަހާގެހީގެ ހާލަތު ރަނގަޅު ކަމުން، ކުޅީގެ ބާކީއޮތްބައި ވީހާވެސް އަވަހަށް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކޮށްފައެވެ.

ކުޅުދުއްފުށި ސިޓީގެ ކުޅިން ސަލާމަތްކުރެވިފައިވާ ސަރަހައްދު ހިމާޔަތްކުރަން އެކަށީގެންވާ މަސައްކަތްތެއް އަވަހަށް ނުކޮށްފިނަމަ، އެތަނުގެ ދިރުންތައްނެތި އަދި ރަށުގެ ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު ހިއުމަން ރައިޓްސް ވޮޗު އިން މިވަނީ ފާޅުކޮށްފަ އެވެ.

އެ ޖަމާއަތުން ބުނެފައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ފޯރާނެ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ފެންބޮޑުވުމާއި ރަށްގިރުން އަދި އެހެނިހެންވެސް ގުދުރަތީ ކާރިސާތައް އިތުރުވަމުންދާއިރު، ކުޅިތަކާއި ފަރުތައް ރައްކާތެރި ކުރުމަކީ ރާއްޖޭގެ ރައްކަލަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅުކަމަށާއި، އެކަމަށް އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވުން މުހިންމުކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗު އިން ވަނީ ބުނެފައެވެ.