ވިލާ ގުރޫޕަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

ވިލާ ހަކަތައަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ގުރޫޕަށް 18 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ އަދި މިހާރު ވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ވަނީ ދީފައެވެ. ހަނދާނީލިިޔުންތައް ބައްސަވައިދެއްވީ ވިލާ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝީދު އެވެ.

ވިލާ ކޮލެޖުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖުމްލަ 21 މީހަކަށް ވަނީ ހަނދާނީ ލިޔުން ދެއްވާފަ އެވެ. އޭގެތެރޭގައި ހިމެނެނީ، ފިރިހެން 20 މުވައްޒަފުންނާއި އަންހެން މުވައްޒަފެ ކެވެ.

އެ މުވައްޒަފުންނަކީ ވިލާ ކުންފުނީގެ ގިނަ ދުވަސްތަކެއްވަންދެއް މަސައްކަތް ކުރެއްވި، އަބްދުލްރަހްމާން ހުސެއިން، އަބްދުﷲ ޖަލީލް، އަބްދުﷲ ރަޝީދު، އަދުނާން ވަހީދު، އަހުމަދު މޫސާ، އަހުމަދު ވަހީދު، ގާސިމް މޫސާ، ހުސެއިން ރިޔާޒް، އިބްރާހިމް ވަހީދު، އިިބްރާހިމް ވަހީދު އަބްދުﷲ، މަހްމޫދު ރަމީޒް އަބްދުލްރަހްމާން، މުހައްމަދު ހަސަން ދީދީ، މުހައްމަދު އިމްރާން އަންސާމް، މުހައްމަދު އިސްލާމުއްދީން، މުހައްމަދު ޖަމީލް، މުހައްމަދު ނަސީމް، މުހައްމަދުު ރަޝީދު، މުހައްމަދު ސަމީރު، ނިމާލް ޖަޔަސުރިޔާ،ޔޫސުފް ސޮލާހް އަދި އާމިނަތު ޒިޔުޝާ އެވެ.

މި ރަސްމިިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ހަކަތައިގެ ފައިނޭންޝަލް ކޮންޓްރޯލަރ މަހްމޫދު ރަމީޒް ވަނީ ވިލާ ހަކަތައަށް ވިހި އަހަރު ފުރުނުއިރު، ވިލާ ހަކަތައިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ. މަހްމޫދު ރަމީޒް ވިދާޅުވީ ވިލާ ހަކަތަ ފެށިގެން އައިއިރު، ހަމައެކަނި ތެލުގެ ވިޔަފާރިއަށް އިސްކަން ދިންނަމަވެސް، މިހާރު ގިނަ ޚިދުމަތްތަކެއް ވަރަށް ފުޅާކޮށް ދެމުން އަންނަ ކަމަށެވެ.

ކައްކާ ގޭސް އެންމެ ފުރަތަމަ ރާއްޖެއަށް އިމްޕޯޓްކޮށް އެޚިދުމަތް ދޭން ފެށީ ވިލާ ކުންފުނިން ކަން ފާހަގަކުރައްވައި، މަހުމޫދު ރަމީޒު ވިދާޅުވީ ރާއްޖޭގައި މިހާރު ކައްކާ ގޭސް އެންމެ ގިނައަދަކަށް އެއްފަހަރާ ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏަކީވެސް ވިލާ ހަކަތަ ކަމަށެވެ. އަދި އެންމެ ގިނައިން ސިމެންތި ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏަކީ ވެސް ވިލާ ހަކަތަކަމަށެވެ.

މިފަދަ އަސާސީ ޚިދުމަތްތައް އެންމެ ފުރަތަމަ ފެއްޓެވީ ގާސިމް އިބްރާހިމް. މިކަމުން އެނގިގެންދަނީ ދިވެހި ރައްޔިތުންނަށް އޮތް ލޯބާއި އިހްތިރާމްގެ ބޮޑުކަން."
ވިލާ ހަކަތައިގެ ފައިނޭންޝަލް ކޮންޓްރޯލަރ މަހްމޫދު ރަމީޒް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ހަކަތައިގެ ޑިރެކްޓަރ އަބްދުﷲ ޖަލީލް ވިދާޅުވީ، ވިލާ ހަކަތަ މިހާރު މިއޮތީ "ޓީން އޭޖް"އިން ނެއްޓި ޒުވާން އުމުރުފުރައަށް އަޅާފައި ކަމަށެވެ. އަދި މި ހިސާބަށް ވިލާ ހަކަތަ ގެނައުމުގައި ވަރަށް ގިނަ ކަންކަން އަދި އޮޅިތައް ގިރާ ކޮށްފައިވާ ކަމަށާއި، ވިލާ ހަކަތައަށް އެކަނި ބެލި ކަމުގައިވިޔަސް ތަރައްގީވެފައިވާ މިންވަރު ފެންނަ ކަމަށެވެ. މިހާރު ކުންފުނި މިއޮތީ މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި ސިސްޓަމްތަކަށް ބަރޯސާވާން ފަށާފައި ކަމަށް ވެސް އަބްދުﷲ ޖަލީލް ވިދާޅުވިއެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ އަކީ ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު ކުންފުންޏެވެ. ވިލާ ކުންފުނީގެ ދަށުން ހިންގާ ވިލާ ހަކަތަ އުފެދުނީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. ވިލާ ހަކަތަ ފާހަގަކުރެވިގެންދަނީ ތެލާއި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުން ހޯދައިދިން، އަދި ދިވެހިންގެ މެދުގައި މަގުބޫލް ކުންފުންޏެއްގެ ގޮތުގައެވެ.