މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕޮރޮމޯޝަނެއް ކޮކާ ކޯލާ ކުންފުނިން ފަށައިފި އެެވެ.

މި ޕްރޮމޯޝަން އިއުލާން ކޮށްފައި ވަނީ މޯލްޑިވްސް ސޮކާ މޭޓްސް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކޮކާ ކޯލާ ކުންފުންޏާއި ގުޅިގެން ބޭއްވި "ލެޖެންޑް ކަޕް" ފެށުމުގެ ރަސްމިއްޔާތުގައި ކޮކާ ކޯލާ ކުންފުނީގެ ސަރަހައްދީ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ އެވެ.

މިލިންޑް ޑެރަސާރީިއާ ވިދާޅުވީ ކޮކާ ކޯލާ ކުންފުންޏަކީ އަބަދުވެސް ކުޅިވަރު ކުރިއެރުވުމަށް ހިތްވަރުދޭނެ ކުންފުންޏެއްކަމަށާއި ޔޫރޯ ފުޓްބޯލް މުބާރާތާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ޕްރޮމޯޝަންތައް ބާއްވާ ކަމަށެވެ. އެގޮތުން މިއަހަރުވެސް ކޯކް ބޮއެގެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ލައިވް ކޮށް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ
މިލިންޑް ޑެރަސާރިއާ

މިލިންޑް ޑެރަސާރިއާ އިތުރަށް ވިދާޅުވީ މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް އިތުރު ބައިވެރިއެއް ގޮވައިގެން ބަލާލަން ދާން ފުރުސަތު ދޭނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ކަމަށާއި އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި ކަމަށެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ ތެރޭގައި ނަސީބުވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮމޯޝަން ކުރިޔަސް ގެންދިއުމަށް ހަމަޖެހިފައި ވަނީ 31 މާރޗް ގެ ނިޔަލަށް ކަމަށް ކޮކާކޯލާއިން ބުންޏެވެ.

ކޮކާ ކޯލާ އިން ވަނީ މީގެ ކުރިނަވެސް ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތައް ބަލާލުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދީފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ހުރިހާ ހަރަދަކާއިއެކު ކޮކާ ކޯލާ އިން ވަނީ ދިވެހިންނަށް ދީފައެވެ.