ކުޑަކުދިންނަށް ކުރާ ގޯނާއަކީ ރާއްޖޭގައި މިހާރު ކުރިމަތިވަމުން އަންނަ ބޮޑު މައްސަލައެއް ކަމަށް، މިކަމަށް ހެދި ސާރވޭގައި ބައިވެރިވި 97 އިންސައްތަ މީހުން ބުނެފިއެވެ.

ކުޑަކުދިންގެ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މި ސާރވޭއަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް އޮޑިޓަރުން ކުރި ސާރވޭއެއް ކަމަށް ރިޕޯޓްގައިވެއެވެ.

92 މީހަކު ބައިވެރިކޮށްގެން ހެދި މި ސާރވޭގެ ނަތީޖާ ދައްކާގޮތުން ސާރވޭގައި ބައިވެރިވި 97 އިންސައްތަ މީހުން، ކުޑަކުދިންނަށް ކުރާ ގޯނާއަކީ ރާއްޖޭގައި ކުރިމަތިވަމުން އަންނަ ބޮޑު މައްސަލައެއްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. ނަމަވެސް 3 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އެހާބޮޑު މައްސަލައެއް ނޫނެވެ.

ސާރވޭގައި ބައިވެރިވި 42 އިންސައްތަ މީހުންނަށް، ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓްކުރުމަށް ގުޅާނެ ނަންބަރެއް ނޭނގޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުުރުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި މުއައްސަސާތަކުން ޖަވާބުދާރީވަނީ ސަމަކާރަކޮށް ނޫންކަމަށް ސާރވޭގައި ބައިވެރިވި 83 އިންސައްތަ މީހުންވަނީ ބުނެފައެވެ.

ސާރވޭގެ ބައެއް ބައިވެރިން ކުޑަކުދިންނަށް ކުރާ މައްސަލައެއް އެނގިހުރެ، ރިޕޯޓްކޮށްފައި ނުވަނީ މުއައްސަސާތަކުން މައްސަލަތައް ބެލުމަށް ސަމަކާރަ ނުވުމުން ކަމަށް ބުނެފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ ގޯނާއާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގައި 85 އިންސައްތަ މީހުން ބައިވެރިވެފައި ނުވާކަމަށް ބުނެފައިވެއެވެ.

މިހެން މިކަން ދިމާވެފައިވާކަމަށް ގިނަ ފަރާތްތަކުން ބުނެފައިވަނީ އެފަދަ ޕްރޮގްރާމެއް ބޭއްވިކަން އެނގިފައި ނުވުންކަމަށްވެސް މި ސާރވޭގައި ބުނެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓްކުުރުމަށް ގުޅާ ޚާއްސަ ނަންބަރަކީ 1412 ކަން ސާރވޭގައި ބައިވެރިވި 50 އިންސައްތަ މީހުންނަށް އެނގޭއިރު 8 އިންސައްތަ މީހުން ބުނެފައިވަނީ ފުލުހުންގެ ހޮޓްލައިން ނަންބަރު ކަމަށެވެ.

ނަމަވެސް 42 އިންސައްތަ މީހުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓްކުރުމަށް ގުޅާނެ ނަންބަރެއް ނޭނގޭކަމަށް ބުނެފައިވެއެވެ.

މި ސާރވޭގައި ބައިވެރިވި ގިނަ މީހުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މައްސަލަ ބެލުމާއި ކުދިންނަށް ހިމާޔަތް ދިނުމުގެ މަސައްކަތުގައި އެންމެ ބޮޑަށް ހިއްސާވާ މުއައްސަސާތަކަކީ ކޮބައިކަން އެނގެއެވެ.

70 އިންސައްތައަށްވުރެ ގިނަ މީހުން ދެކެނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ މި މަސައްކަތުގައި އެންމެ ބޮޑަށް ހިއްސާވާ މުއައްސަސާތަށް ކަމުގައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ގުޅޭ މުއައްސަސާތަކުން ސަމަކާރަކަމަށް ދެކޭ މިންވަރަށް ބަލާއިރު ސާރވޭގައި ބައިވެރިވި 83 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މައްސަލަ ބެލުމާއި ކުދިންނަށް ހިމާޔަތްދިނުމަށް މުއައްސަސާތަކުން ސަމަކާރަގޮތެއްގައި މަސައްކަތްކޮށްފައެއް ނުވެއެވެ.

މީގެތެރެއިން 47 އިންސައްތަ މީހުން މިގޮތަށް ދެކެނީ އަނިޔާ ދިންކަމަށް ބެލެވޭ މީހާއާއިމެދު އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުންނެވެ. އަދި 33 އިންސައްތަ މީހުން ދެކެނީ މައްސަލަތައް ނުނިމި ދިގުމުއްދަތެއް ހޭދަވަމުންދާތީ ކަމުގައެވެ.

13 އިންސައްތަ މީހުން ދެކޭ ގޮތުގައި މުއައްސަސާތަކުން ސަމަކާރަ ނުވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ.

7 އިންސައްތަ މީހުން ދެކޭ ގޮތުގައި ސިޔާސީ ގޮތުން މި މައްސަލައާއިމެދު ބާރުއެޅޭ މިންވަރު ކުޑަވުމާއި މުއައްސަސާތަކުގައި އިންސާނީ އަދި މާލީ ވަސީލަތް މަދުވުމާއި އެކި ފަރާތްތަކުން ބިރު ދެއްކުމާއި ބިރުގަތުމުގެ ސަަބަބުންނާއި މުއައްސަސާތަކުން ޒިންމާދާރުނުވުމުގެ ސަަބަބުން ކަމަށެވެ. ނަމަވެސް، 17 އިންސައްތަ މީހުން ދެކެނީ މުއައްސަސާތައް ސަމަކާރަކޮށް މަސައްކަތް ކުރާކަމަށެވެ.

ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް އެނގިފައިވާއިރު އެކަން ރިޕޯޓް ކޮށްފައިނުވާ ސަބަބަށް ބަލާއިރު، ސާރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 36 މީހުންނަށް ވަނީ ކުޑަކުދިންނަށް އަނިޔާ ލިިބިފައިވާ މައްސަލަތައް އެނގިފައެވެ. އޭގެތެރެއިން 14 މީހުން އެ މައްސަލައާމެދު އަމިއްލައަށް ފިޔަވަޅެއް އަޅާފައިނުވާކަމަށް ބަޔާންކޮށްފައި ވެއެވެ.

މީގެ ތެރެއިން 4 މީހުން މައްސަލައާމެދު ފިޔަވަޅެއް އަޅާފައިނުވަނީ، ކަމާގުޅޭ މުއައްސަސާތަކުން މައްސަލަތައް ބެލުމުގައި ސަމަކާރަ ނޫންކަމަށް ދެކޭތީކަމަށް ބަޔާންކޮށްފައިވެއެވެ.

ކުޑަކުއްޖަކަށް އަނިޔާ ލިބޭ މައްސަލައެއް އެނގޭނަމަ އަޅާނެ ފިޔަވަޅު އެނގޭ މިންވަރު ބެލުމަށް ނެގި ސާރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 59 އިންސައްތަ މީހުން ބުނެފައިވަނީ ކުޑަކުއްޖަކަށް، އަނިޔާލިބޭ މައްސަލައެއް އެނގޭނަމަ ކަމާގުޅޭ މުއައްސަސާއަކަށް އެކަން އަންގާނެ ކަމަށެވެ. ނަމަވެސް 2 އިންސައްތަ މީހުން ބުނީ އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ މިންވަރަށް ބަލާއިރު ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކަމާގުޅޭ މުއައްސަސާއަކުން ހިންގާފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ނުވަތަ ބާއްވާފައިވާ މައުލޫމާތު ސެޝަންއެއްގައި ބައިވެރިވެފައެއް ނުވެއެވެ.

އޭގެ ތެރެއިން 69 އިންސައްތަ މީހުން ޕްރޮގްރާމެއްގައި ބައިވެރިވެފައިނުވަނީ އެފަދަ ޕްރޮގްރާމެއް ބޭއްވިކަން އެނގިފައި ނުވުމުންކަމަށް ބުނެފައިވެއެވެ.

އަނިޔާގެ މައްސަލަތަކުގެ މަޢުލޫމާތު ލިބޭ ގޮތްތަކަށް ބަލާއިރު ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 83 އިންސައްތަ މީހުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ މަޢުލޫމާތު ލިބެނީ މީޑިއާއިންކަމަށް ބުނެފައިވެއެވެ. އަދި 8 އިންސައްތަ މީހުންނަށް ރަހުމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބޭއިރު، 5 އިންސައްތަ މިހުންނަށް މައުލޫމާތު ލިބެނީ މުއައްސަސާތަކުންނެވެ.

ރާއްޖެއިން ފަހަކަށް އައިސް ޖިންސީ ގޯނާއާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގިނަ ވާހަކަތަކެއް އިވެމުންދާއިރު ދާދިފަހުން ވަނީ ގއ ކަނޑުހުޅުދޫން، އުމުރުން 2 އަހަރުނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ މުނިކާފައާއި ކާފަ އަދި މި މައްސަލައާއި ގުޅުންހުރި އެކުއްޖާގެ ބައްޕަވެސް ހައްޔަރުކޮށްފައެވެ.