ދިވެހިރާއްޖޭގެ ތަހުގީގީ އަދި ތަންފީޒީ އިދާރާތައް އެކަށީގެންވާ މިންވަރަށް މަސައްކަަތް ނުކުރާ ވާހަކަދައްކައި އެކަމުގެ ޝަކުވާ އަބަދުވެސް ދިވެހިން ކުރަމުންދެއެވެ.

ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރިން އެއްވެސް ބިރެއް، ފިކުރެއްނެތި މުޖުމަތަމައުގައި އުޅެމުންދަނީ އެސަބަބާހުރެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ވައްކަންކޮށްގެން، މީހަކު މަރާލައިގެން، މީހެއްގެ އިއްފަތްތެރިކަމަށް އަރައިގެނެގެން އެކަމަށް ދޭންވާ ހައްގު އަދަބުދީ ތަންފީޒު ކުރަމުން ނުދާކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.

ދިވެހި ރައްޔިތުން މިވާހަކަތައް ދައްކާތާ އެތައް ދުވަހެއްވެއްޖެއެވެ. މިވާހަކަތައް ދެއްކުމަކުން، މީސް މީޑިޔާގައި ޚިޔާލު ފާޅުކުރުަމަކުން މިކަމަށް ހައްލެއް ގެނެވުނު ކަމަކަަށް ރައްޔިތުން ގަބޫލެއް ނުކުރިއެވެ. އެއާއެކު، މިހާރު ފެނިގެން މިދަނީ މުޅިން އެެހެންކަހަލަ މަންޒަތެކެވެ. އަޅުގަނޑުމެންނަށް މިގައުމުން ފެނިގެން ނުވާނެފަދަ މަންޒަރުތަކެވެ.

ތަންފީޒީ އިދާރާތަކަށް ކަމުގެ ހައްލު ގެނެސް ނުދެވުމުން ދެން ރައްޔިތުން ނުކުންނަން މިފެށީ އަނެއްކާވެސް މަގުމަައްޗަށެވެ. ހިތުން ނުވަތަ ނަމުން ގާނޫނު ތަންފީޒު ކުރާށެވެ. ކުށްވެރިންނަށް އެކަމުގެ އަދަބު ދިނުމުގެ ނަމުގައެވެ.

މިކަން ފެށިގެން މިއައީ، ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުން ފެށިގެން ފެންމަތިވަމުން މިއަންނަ ރޭޕް ކޭސްތަކާއެކުގައެވެ.

ހުޅުމާލޭ ފުލެޓު ކައިރިއަށް މީހުން އެއްވެފައި

އެންމެ ފުރަތަމަ ހުޅުމާލެއިންނެވެ. ދެއަހަރު ނުފުރޭ ތުއްތު ކުއްޖާގެ ރޭޕް ކޭހުގައި ކުއްޖާގެ ބައްޕަގެ އަތެއް ވާކަމަށް އާންމުންގެ ތެރޭގައި އަޑު ފެތުރެން ފެށުމާއެކު އެކުއްޖާގެ ަބއްޕަ އެވަގުތު ހުރި ފުލެޓު ކައިރިއަށް އާންމުން ޖަމާވީއެވެ. ގޮވާ ގޮވާ ނުނިކުތުމުން އެއްޗެހި އުކައި، އެޕާޓްމަންޓުގެ ބިއްލޫރިގަނޑެއް ތަޅާލީއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ކުއްޖާގެ ބައްޕަ ގެންދިޔަ ކާރު ކަމަށް ހީކޮށް ކަމާ ގުޅުމެއްވެސް ނެތް ކާރަކަށް ހަމަލާދިނެވެ.

މިހުރިހާ ކަމެެއްގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގާ ފުލުހުންނަށް ބާރުގެ ބޭނުން ކުރަންޖެހި، އެވަގުތު އެސަރަހައްދުގައި އުޅުނު އެހެންމީހުނަށްވެސް އަނިޔާވީއެވެ. ކަން ހިނގާ ނިމިދިޔައިރު، އެއްވުމުގައި ބައިވެރިނުވާ މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއްވީއެވެ. އެކަމުގެ ޒިންމާ ނަގާނެ ފަރާތެއް އަދި މިވީހާތަނަކަށް ނެތެވެ.

އެކަން ހިނގާދިޔަތާ ހަފްތާއެއްހާ ދުވަސް ފަހެވެ. ވިލިމާލޭގައި ކުއްޖަކަށް ޖިންސީ އަނިޔާ ކުރަމުންދާ ބައްޕައަކު ހޯދައި އެމީހާއަށްވެސް އަނިޔާކުރީއެވެ. އެމީހާއަށް އަނިޔާ ކުރުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން އޭނާގެ އަނިޔާތަކަށް ފަރުވާދިނުމަށް ވިިލިމާލެ ހޮސްޕިޓަލަށް ގެންދިޔުމުން އާންމުން އެކަމާ ރުޅިގަދަވެ، ވިލިމާލޭ ހޮސްޕިޓަލަށްވެސް ގެއްލުން ދިނީއެވެ. ވިލިމާލެ ހޮސްޕިޓަލުގެ ބިއްލޫރިގަނޑު ތަލާލާފައިވާ ފޮޓޯތައް ދިޔައީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ.

ވިލިމާލޭގައި އާންމުންވެގެން މީހަކަށް އަނިޔާކޮށްފައިވާ މަންޒަރު

މީގެން އެއްވެސް ކަމަކީ ހިނގައިގެން ވާނެ ކަންކަން ނޫންކަން ހަމަބުއްދިއަކުން ވިސްނާލި ކޮންމެ މީހަކަށް އެނގޭނެއެވެ. އެއްވެސް އެއްވުމެއްގައި ޝާމިލުނުވާ، ކުށެއްނެތް ރައްޔިތުންގެ ފުރާނައަށާއި، މުދަލަށް ގެއްލުންވެ، ދައުލަތުގެ މުދަލަށް ގެއްލުންވުމުން، ކުށްވެރިނަަށް ހައްގު އަދަބު ދެވުނީ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.

ރައްޔިތުން ނުކުމެ ގާނޫނު ތަންފީޒު ކުރަން ފަށައިފިނަމަ، ކަންކަން ދާނީ ހައްތަހާ ގޯހުން ގޯހަށެވެ. އޭގެ ހެކި މިހާރުވެސް މިއޮތީ ފެންނާށެވެ.

ތަހުގީގީ އިދާރާތަކާއި، ތަންފީޒީ އިދާރާތަކުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރާނަމަ، މުއައްސަސާތަކާއި އިދާރާތަކުގެ ވެރިންގެ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރުމަކީ މައްސަލައެއްނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. އެހެންނަމަވެސް، އެކަމުގައި ހައްދުތަކާއި މިންތަކެއް ވަނީ ކަނޑައަޅާފައެވެ. އެއިންތަކުން ބޭރުވެ، ހިތުހުރި ގޮތަކަށް ކަންކުރަން ފެށުމުން ވާނީ މިފަދަ ކަންކަމެވެ.

ވިލިމާލެ ހޮސްޕިޓަލު ބިއްލޫރިގަނޑު ތަޅާލާފައިވާ މަންޒަރު

ގާނޫނު ތަންފީޒުކުރާނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުންނެވެ. އަމިއްލައަށް މިކަން ކުރަން އުޅެފިނަމަ، ކުށްތަކަށް އަރައިގަނެވި، އަނެއްކާވެސް އިތުރު ގެއްލުންތަކާ ތިމާއަށްވެސް ކުރިމަތިލާން ޖެހިދާނެއެވެ.

އާންމުން ރައްޔިތުން މިކަމާ ދުުރުކުރުވަން ބޭނުންނަމަ، ތަހުގީގީ އަދި ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުން އަވަސްކުރަން ވެއްޖެކަމަށް ގިނަ އާންމުން ދެކެެއެވެ. އެހެން ނޫންނަމަ، މިކަމަކީ ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމެއްކަމަށްވެސް އާންމުން އަންނަނީ ބުނަމުންނެވެ.