އައްޑޫ ސިޓީގެ ސޯލާ ކަރަންޓުގެ 11 މެގަވޮޓުގެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ޓެންޑާ ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށްގެން "އެޖެންޑާ 19 އެމްޑީޕީ މުޅި ރާއްޖޭގައި" މި ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ ކެންޕެއިން ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީގައި ބޭއްވި ވޯކްޝޮޕްގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވީ، އައްޑޫގައި 30 މެގަވޮޓުގެ ކަރަންޓު ދިނުމަށް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށާއި ސޯލާއިން ހަކަތަ އުފެއްދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ސޯލާ ކަރަންޓު ދިނުމަށް ފްލޯޓިން ޕެނަލް 10 މެގަވޮޓާއި އަދި އެއްގަމުގައި 1 މެގަވޮޓްގެ ޕެނަލް ޖެހުމަށް މިމަހުގެ ތެރޭގައި ޓެންޑާ ކުރުމަށް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދައިގެން އައްޑޫ ސިޓީއަށް ކަރަންޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ކަމަށެވެ.

މި ވޯކްސޮޕްގައި އައްޑޫގެ ކަރަންޓާއި ފެނުގެ އިތުރުން ނަރުދަމާ ނިޒާމާގުޅޭ ގިނަ ޝަކުވާތަކެއް މޭޔަރު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ފެން ބޭނުން ނުކޮށް އެހިދުމަތްވެސް ބޭނުން ނުކުރާ ގެތަކަށް ކޮންމެ މަހަކަށް 30 ރުފިޔާ ނެގުމަށް ބިލު ހަދަމުން ގެންދިއުމުގެ ސަބަބުން ބައެއް ގޭގެ ބިލަށް ހަތަރު ފަސްހާސް ރުފިޔާ އަރާފައިވާ ކަމަށް ވިދާޅުވިއެވެ. ގެއެއްގެ ފާރު ބުޑުގައި ހުންނަ އިސްކުރަކަށް 30 ރުފިޔާ ނަގަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

އެއަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުން ފެނަކަ އެމްޑީ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އެ 30 ރުފިޔާ ނުނެގުމަށް ފެނެކައިގެ ބޯޑުން ހަތަރު މަހެއްހާ ދުވަސްކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި އައްޑޫ ސިޓީގެ ތަރައްގީއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފެނަކަ އެމްޑީވެސް ވަނީ ދެއްވާފައެވެ.