ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާާ މާޒިޔާ ދަ ގުރާންޑޭ އަތުން އުދަނގޫ މޮޅެއް ހޯދައިފި އެވެ.

ބާކީ ތިންމެޗް އޮއްްވާ މާޒިޔާއިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ. މި މެޗަކީ ލީގު ޗެމްޕިއަންކަން ކަށަވަރު ކުރިފަހުން މާޒިޔާ ކުޅުނު ފުރަތަމަ މެޗެވެ.

އެންމެ ފަހުން ކުޅުނު އަށްމެޗުން ވެސް މޮޅުވެފައިވާ މާޒިޔާ، ޤައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުން މެޗުން ދަ ގްރާންޑޭ ބަލިކުރެވުނީ އުދަނގުލުންނެވެ. މި މެޗް މާޒިޔާ ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީވެސް މާޒިޔާއިންނެވެ. މެޗުގެ 15 ވަނަ މިނެޓްގައި އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ އަފްގާނިސްތާނު ފާވާޑު މުހަންމަދު ޝާރިފް އެވެ.

އެހެންނަމަވެސް މި ލީޑުގައި މާޒިޔާއަށް ހިންދެމި ނުލެވިގެން އުލެނިކޮށް ދަގްރާންޑޭއިން އެ ޓީމުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓްގައި ޖަހާ ނަތީޖާ 1-1 އަށް ބަދަލު ކުރިއެވެ. އެލަނޑު ކާމިޔާބު އެޓީމަށް ކާމިޔާބު ކުރީ ޔަޝްފާދު ހަބީބު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓިމަށް ވެސް ލަނޑުޖަހާނެ ރަގަޅު އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ވަނީ ބޭކާރުވެފަ އެވެ. މެޗުގެ ދެވަނަ ހާފް ފެށައިގެން މާޒިޔާއިން ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް އެޓޭކްތައްވެސް ވަރުގަދަ ކޮށްފައެވެ.

އެގޮތުން ފުލުފުލުގައި ގުރާންޑޭގެ ގޯލަށް މާޒިޔާއިން ހަމަލާތައް ދެމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 74 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ކޮނެލިއަސް ސްޓެވާޓް އެވެ.

މާޒިޔާގެ މި ލަނޑާއި އެކު ދަގުރާންޑޭއިން އެޓީމުގެ ކުޅުން ވަރުގަދަކޮށް މާޒިޔާގެ ކޮޅަށް ބާރުބޮޑުކުރިއެވެ. އެހެންނަމަވެސް އެޓީމަށް މާޒިޔާގެ ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.