ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ކުޑަހެންވޭރު ޔުނައިޓެޑް އަތުން ކުލަބް ޕީކޭ މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޕީކޭ އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ޕީކޭ އެވެ. މި ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅު ކާމިޔާބުކުރީ ޝިފާޒް އާދިލް އެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕީކޭ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ޕީކޭ ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ޕީކޭ ވަނީ އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯޑު ޕްރިންސް އެވެ. މެޗުގައި ކުޑަހެންވޭރު ޓީމުގެ ހަމައެކަނި ގޯލު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދު އެވެ.

އެއަށްފަހު ވެސް ސެ ޓީމަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެގެންދިޔަ އެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ. ގްރޫޕް ސްޓޭޖު ކުރިޔަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ޖޭޖޭ ސްޕޯޓްސް އާއި 19 އަހަރުންދަށޫގެ ޤައުމީ ޓީމެވެ. އަދި ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ކުލަބް ޕީކޭ އާއި ކުލަބް ވެލެންސިޔާ އާޢި ކުޑަ ހެންވޭރު ޔުނައިޓެޑުގެ އިތުރުން ބީޖީ ސްޕޯޓްސް އެވެ. ސްޓޭޖުގެ މެޗުތައް ކުރިއަށް ދާނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ސެމީފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

ދެވަނަ ޑިވިޝަނުގެ މެޗެއް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުގައެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ވެލެންސިޔާ އާއި ބީޖީ ސްޕޯޓްސް ކުލަބެވެ.