ޤައުމީ ޓީމުގެ އައު ކޯޗަކަށް ނެދެލަންޑްސްގެ ތަޖުރިބާކާރު ކޯޗު މާޓިން ކޫޕްމަން ހަމަޖައްސައިފި އެވެ.

ކުރިން ގައުމީ ކޯޗުގެ މަގާމުގައި ހުރި ޕީޓާ ސެގަޓް ޓީމާ ހަވާލުވެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ޓީމުން ބާކީ ކުރި ހިސާބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ދިޔައީ އަމާޒުވަމުންނެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ލިބުނު ބޮޑު ނާކާމީޔާބީއާއި އެކު ޕީޓާ ސެގަޓް ވަނީ މަގާމުން ދުރުކޮށްފައެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ޓީމަށް ހަމަޖެއްސި މާޓިން ކޫޕްމަން އެންމެ ފަހުން ކޯޗު ކޮށްދިނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ. އަދި އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް ކޮށްފައެވެ. އަދި އޭނާ އަކީ ކުރިން ނެދަލޭންޑްސްގެ އެކި ޑިވިޝަންތަކުގެ ކްލަބުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ކުޅުނު ކްލަބްތަކުގެ ތެރޭގައި ގޯ އަހެޑް އީގަލްސް އާއި އެފްސީ ޓްވެންޓީގެ އިތުރުން ކެމްބާލީ ވާޑެން ހިމެނެ އެވެ.

ކޫޕްމަންއާ އެކު، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ މަޝްހޫރު ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. އޭނާ އަކީ ވެސް ޔޫރަޕްގެ އިތުރުން އޭޝިއާގެ އެކި ގައުމުތަކުގައި ކޯޗުކަން ކޮށް ތަޖުރިބާތަކެއްލިބިފައިވާ ކޯޗެކެވެ.

ގައުމީ ކޯޗުކަމާއި ހާވާލުވެ ކޫޕްމަން ބުނީ ރާއްޖެ ޓީމާ ހަވާލުވާން އޭނާ ނިންމީ އެންމެ ފަހުން ކޯޗުކޮށްދިން އަރޫބާ ޓީމާ އެއްގޮތަށް ކަންތައްތަކެއް ހުރުމުގެ އިތުރުން ފުޓްބޯޅައިގައި ޝައުގުވެރި ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ.

އެފްއޭއެމުން ކޯޗަށް ދީފައިވާ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އިތުރުން މި އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. ގައުމީ ޓީމު ގޮވައިގެން ކޫޕްމަން އެންމެ ފުރަތަމަ ނުކުންނާނީ އަންނަ މާޗް، 26 ގައި ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށެވެ.

ރާއްޖޭގެ ގައުމީ ކޯޗަކަށް ހަމަޖެއްސި ކޫޕްމަންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުގައި ހުރި ކޯޗެކެވެ. އޭގެ އިތުރުން އޭނާ ވަނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އެގައުމުގެ މަޝްހޫރު ކްލަބު އަލް ނަސްރުގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.