ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ވަލުޖަނަވާރުގެ އެއްވެސް ވިޔަފާރިއެއް ކުރުން މުޅި ޗައިނާގައި މަނާކޮށްފިއެވެ.

އެގޮތުން، ޗައިނާގެ މާރުކޭޓްތަކާއި، ސުޕަރމާރުކޭޓްތަކާއި، ރެސްޓޯރަންޓްތަކާއި، އީ-ކޮމާރސް ޕްލޭޓްފޯމްތަކުގައިވެސް ވަލުޖަނަވާރުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމާއި، ވަލުޖަނަވާރުގެ މަސް ވިއްކުމާއި، އޭގެ ކެއިންބުއިމުގެ އެއްވެސް ޚިދުމަތެއް ދިނުންވެސް ޗައިނާ ސަރުކާރުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.

މިފިޔަވަޅު އެޅީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވި މަސްރަހް ހަމަޔަކަށް އެޅެންދެން ކަމަށް ޗައިނާ ސަރުކާރުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވެއެވެ.

ޗައިނާ ސަރުކާރުން ވަލުޖަނަވާރުގެ ވިޔަފާރި މި ހުއްޓުވީ، ކޮރޯނާވައިރަސް ފެތުރެމުންދަނީ ވުހާން ސިޓީގައި، ކެއުމުގެގޮތުގައި ވަލުޖަނަވާރުގެ މަސްވިއްކާ ސީފޫޑް މާރުކޭޓަކުން ކަމަށް ބެލެވިފައި ވުމާ ގުޅިގެންނެވެ. ސީފޫޑް މާރުކޭޓެއް ނަމަވެސް، އެތަނުގައި ވަލުޖަނަވާރު ވިއްކަމުން ގެންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށްވެސް މިހާރުވަނީ ހާމަވެފައެވެ.

މިކަމާހެދި، މަސްރަހް ހަމަޔަކަށް އެޅެންދެން ވަލުޖަނަވާރު ގެންގުޅުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ވިއްކުން މަނާކޮށް ނޭޝަނަލް ހެލްތު ކޮމިޝަނާއި، ސަރުކަރުގެ ހެލްތު މިނިސްޓްރީންވެސް ވަނީ ބަޔާން ނެރެފައެވެ.

މިއާއެކު، ވަލުޖަނަވާރާއި، ކެއުމުގެގޮތުގައި ބޭނުންކުރާ އެނޫންވެސް ދޫނިސޫފާސޫފި ވިއްކާ އަދި އޭގެ މަސް ވިއްކާ ހުރިހާ މާރުކޭޓްތައްވެސް ޗައިނާ ސަރުކާރުން މިހާރުވަނީ ބަންދުކޮށްފައެވެ. އަދި އެ އެންގުމާ ޚިލާފަށް ކަންކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނޭ ކަމަށްވެސް ސަރުކާރުންވަނީ އަންގާފައެވެ. އަދި އެކަމަށް ގެންދަނީ ފާރަވެރިވެސް ވަމުންނެވެ.