ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް މިހާތަނަށް އެންމެ ގިނަ ފޯރު ހުށަހަޅާފައި ވަނީ މާމިގިލިން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވީނިއުސް އަށް މައުލޫމާތުދެއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް މިރްފަތު އިސްމާއީލް ޝަފީގް ވިދާޅުވީ ޖޭޕީގެ ޓީމުތައް ރައްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން އެ ޕާޓީގެ ލީޑަރު އިސްވެ ހުންނަވައިގެން މިހާރު ވެސް ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތްކޮށް އެ ޕާޓީއަށް ވަންނަ މީހުންގެ ފޯމް ތަކާއި ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބައެއް ފޯމުތައް ލިބެމުންދާ ކަމަށް މިރްފަތު ވިދާޅުވިއެވެ. އަދި މިހާތަނަށް އެންމެ ގިނަ ފޯމު ލިބިފައި ވަނީ މާމިގިލިން ކަމަށާއި ވެސް ވިދާޅުވި އެވެ.

މިރުފަތު ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 20:20 ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދުމަށް ވާދަ ކުރައްވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފާޓީގެ ފޯމް ޕާޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް މިރްފަތު ވިދާޅުވި އެވެ. ޖޭޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށްވެސް މިރްފަތު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ޢަލީ އާރިފް ވިދާޅުވީ އަލަށް ތަސްދީގުކުރެވުނު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން ފުރިހަމަ ބާރުތަކެއް ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން ރަށްރަށާއި ސިޓީ ތަކާއި އަތޮޅުތަކުގެ ރައްޔިތުންނަށް ކުރިއެރުން ހޯދައި ދިނުމަށް ވަރަށްބޮޑު ފުރުސަތުތަކެއް ލިބިފައިވާ ކަމަށްވެސް އާރިފު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވާއިރު، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 41 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓާސް ލިސްޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ގޭގެ އެޑްރެސް ބަދަލުވެފައިވާ ކަމުގެ ޝަކުވާ އާއި މަރުވެފައިތިބި މީހުންގެ ނަންތައް ލިސްޓުތަކުގައި ހުރި ކަމުގެ ޝަކުވާގެ އިތުރަށް އިއިޑީ ކާޑް ބަދަލުވެގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މި އިންތިހާބުގައި މުޅިން އަލަށް 5181 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށްވެސް އީސީން މައުލޫމާތު ދެއެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އެ ކޮމިޝަންގެ ވެބްސައިޓުންނާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ އިތުރަށް ސިޓީތަކުގެ އަވަށު އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.