ޖުމްހޫރީ ޕާޓީގެ ލީޑާޝިޕަށް ރައްޔިތުން ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔާމީން ރަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޖެޕީގެ ޓިކެޓުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ތާއީދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެހާ ބޮޑު ތަރުހީބެއް ޖޭޕީއަށް ލިބިގެން ދަނީ ޕާޓީގެ ލީޑާޝިޕާއި ދޭތެރޭ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވުމުންދިއުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތުއޮތް އެންމެ އުންމީދީ ޕާޓީ އަކީ ޖޭޕީ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ، ސިޔާސީ ހަރަކާތްތައް މިހާރު ކުރިއަށްދާ ގޮތަށް ބަލާނަމަ ޑިމޮކްރަސީ އަށް އެންމެ ފައްކާވެފައިވާ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ.

ރާއްޖޭގެ އާބާދީ ބޮޑެތި އަތޮޅުތަކުގެ ތެރޭގައި ލ. އަތޮޅަކީ ޖުމްހޫރީ ޕާޓީ އަށް މީހުން އެންމެ ގިނައިން ވަންނަ އެއް އަތޮޅު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އަދި އާބާދީގައި ވަރަށް ބޮޑު މެމްބަރޝިޕެއް އޮންނަ އެހެން އަތޮޅުތައްވެސް އެބަހުރި. އެހެންނަމަވެސް އަޅުގަނޑުމެން ސިޔާސީ ޕާތީއެއްގެ ގޮތުގައި ނިކުމެގެން މިވަނި ދާއިރާއެއްގައި ނުވަތަ މިވަނި ސަރަހައްދެއްގައި މިހާ ތާއީދު އެބައޮތޭ ކިޔާ އެ ވާހަކަތައް އަޅުގަނޑުމެން ތަކުރާރުކޮށް ނުދައްކާތީވެ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެންފާނެ ޖުމްހޫރީ ޕާޓީތޯ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީ މިދަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ގޮތުގައިވެސް ކުރިއަރަމުން. އެއީ ޖުމްހޫރީ ޕާޓީގެ ސިޔާސަތަށާއި ޕާޓީގެ ލީޑަރުގެ އިތުރުން ލީޑާޝިޕަށް ރައްޔިތުން ކުރާ އިތުބާރެއްގެ ސަބަބުން."
ޔާމީން ރަޝީދު

ޖުމްހޫރީ ޕާޓީ އަށް މީހުން އިތުރުވާ ރޭޓު އަންނަނީ އިތުރުވަމުން ކަން ފާހަގަ ކޮށް ޔާމީން ވިދާޅުވީ، ޕާޓީގެ ދަފްތަރު އަންނަނީ އިތުރުވަމުން ކަމަށެވެ. އަދި މިއަދު ސޯޝަލް މީޑއާއަށް ބަލާލުމުން ވެސް ޖޭޕީއަށް އޮތް ތާއީދު ވަރަށް ބޮޑަށް ފެނިގެންދާ ކަމަށާއި ޕާޓީގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޖުމްހޫރީ ޕާޓީގެ ގޮތްޕެއް ހުޅުވިގެން ދިޔުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ މީގެ ކުރިން ފެނިފައި ވަނީ ކޮންމެ ރިޔާސީ އިންތިހާބަކަށް ފަރިވެ ފޮޅޭ މަލެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު އެ ސަގާފަތް ކެނޑިގެންދާ ކަމަށް ޔާމީންގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ ޖުމްހޫރީ ޕާޓީ ހުއްޓިފައިވާ ދަނޑިވަޅެއްގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ މެމްބަރުންތަކެއް ޕާޓީއާއި ގުޅިވަޑައިގަތުމުން ޕާޓީގެ ހިނގުން ވަރަށް ބޮޑުތަނުން ކުރިއަށް ޖެހިލައިފި ކަމަށެވެ.

ކަންދިމާކުރި ގޮތުން އަޅުގަނޑުމެންނަށް މިވަގު ވެގެން މިދިޔައީ ލޯކަލް ކައުންސިލް އިންތިހާބުގެވެސް ދުވަސްވަރާ. އެހެންވީމާ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގައި ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތް މިވަނީ މަޑުޖައްސާލާފަ. މުޅި ފޯކަސް ލޯކަލް ކައުންސިލް އިންތިހާބަށް މިއޮތީ. މިހާ ހިސާބަށް އަޅުގަނޑުމެންނަށް މިއާދެވުނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޕާޓީގެ ގޮތްޕެއް އެކުލަވާނުލެވި. ނަމަވެސް އަޅުގަނޑުމެންނަށް ތާއީދު އެ ރަށްރަށުގައި އެބައޮތް. ކޮންމެ ރަށެއްގައި ގޮތްޕެއް ނެހެދުނަސް ކޮންމެ ރަށެއްގައިވެސް ފޯކަލްއެއް ހުންނާނެ."
އަހުމަދު މުބީން

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ރަނގަޅު އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރަމުން ދަނީ ޖުމްހޫރީ ޕާޓީން ކަމަށް ވެސް މުބީން ވިދާޅުވި އެވެ. އަދި ޒަމާނުއްސުރެ ޖުމްހޫރީ ޕާޓީ އާއި ދޭތެރޭ އެކި ސަރުކާރުތަކުން ކަންތައް ކުރި ގޮތަކީ ޖުމްހޫރީ ޕާޓީގެ ބޭނުން ކެނޑުނީމަ ބާކީކޮށްލާ އުސޫލު ކަމަށާއި ނަމަވެސް މުޅި ޕާޓި އެއްކޮށް ރިފޯރމް ކުރުމުގެ މަސައްކަތްތަކާއެކު ކުރިއަށް އޮތްތަނުގައި ޕާޓީ ވަރުގަދަވެގެންދާނެ ކަމަށް ވެސް ކުރީގެ މެންބަރު މުބީން ވިދާޅުވި އެވެ.