އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފި އެވެ.

މިހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ހަފްލާގައި އިންޑިޔާގެ އާޓިސްޓެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެ އެވެ. 2018 ވަނަ އަހަރުން ފެށިގެން އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ މައްޗަށް ބަލާލާ ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް މި ހަފްލާގެ ތެރެއިން ވަނީ ދައްކާލާފައެވެ. މީގެ އިތުރަށް މި ހަފުލާގައި ވަނީ، އިންޑިޔާގެ އިތުރަށް ރާއްޖޭގެ ބައެއް ފަންނާނުންގެ މިއުޒިކީ ހުށައެޅުންތައްވެސް ހުށައަޅާފައިވެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީހީ މުނާސަބަތާ ގުޅުވައިގެން ނެވެ.