މިހާރަކަށް އައިސް މޫސުމަށް އަންނަ ބަދަލުތަކާއިއެކު ރާއްޖޭގެ ހުރިހާރަށެއްގައިވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ރަށްގިރުމުގެ ވާހަކައެވެ. ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކަށްވެސް ވެފައިވަނީ ރަށްގިރަމުން ދިއުމެވެ. ސޯޝަލްމީޑީއާއަށް ބަލާލިކަމުގައި ވިޔަސް ފެންނަނީ ރަށްތައް ގިރަމުންދާތީ އެކަމުގައި އާމުންގެ ކަންބޮޑުވުން ހުރި މިންވަރެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އެކި ރަށްތަކަށް އުދައެރުމާއި ރަށްގިރުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސޯޝަލްމީޑިއާގެ ޒަރިއްޔާއިން އަންނަނީ ހިއްސާކުރަމުންނެވެ.

ރަށް ގިރަމުންދާތީ އާންމުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ސޯޝަލްމީޑިއާ ޕޯސްޓްތަކުގެތެރެއިން އަޅުގަނޑަށް އެންމެ ފާހަގަވި އެއްރަށަކީ ވ.ފުލިދޫ ގިރަމުންދާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުން ފެންނަނީ ވ. ފުލިދޫ ގިރަމުންގޮސް އެރަށަށް އަރާފޭބުމަށް ހަދާފައިވާ ފާލަން ރަށާގުޅޭ ހިސާބުންވަކިވެ، ހަލާކުވެފައިވާ މަންޒަރެވެ.

ވ ފުލިދޫގައި ބަނދަރެއް ނޯންނައިރު އެރަށަށް އަރާފޭބުމަށް ބޭނުން ކުރަމުން އަންނަނީ ފާލަމެކެވެ. އެހެންކަމުން ފާލަން ހަލާކުވެ ބޭނުން ނުކުރެވޭގޮތް ވުމީ އެރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ލިބޭނެ ކަމެއްކަން ޔަގީންނެވެ.

ރަށްގިރުމުގެ މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަށް އެންމެ ކައިރިން ބަލާނީ ރަށު ކައުންސިލުކަން ޔަގީނެވެ. ވީނިއުސްއަށް މައުލޫމާތު ހިއްސާ ކުރައްވަމުން ފުލިދޫ ކައުންސިލްގެ ރައީސް ސަނާ އަލީ ވާފިރު ވިދާޅުވީ، ފުލިދޫއަކީ ރަށްގިރުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވަމުން އަންނަ ރަށެއް ކަމަށެވެ. އެހެންނަމަވެސް ފާއިތުވި ފަސްއަހަރުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް ރަށްގިރާފައިވާ ކަމަށެވެ. 2018 ވަނަ އަހަރުވެސް ރަށްގިރުމުގެ ސަބަބުން ރަށުގެ ފާލަން ވެއްޓުނު ކަމަށާ، މިހާރު ހަލާކުވެފައި އެވަނީ އޭރު ފާލަން ހަލާކުވުމުން ރައްޔިތުން ނިކުމެ ހެދި ފާލަމެއް ކަމަށް ސަނާ ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރިކަން ފާހަގަ ކުރައްވާ ސަނާ ވިދާޅުވީ، އެންވައިރުމަންޓް މިނިސްޓްރީއާއި އީޕީއޭއަށް 2019 ވަނަ އަހަރު މައްސަލަ ހުށައެޅި ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލަ ދިރާސާކުރުމަށް އެންވައިރުމަންޓް މިނިސްޓްރީގެ ޓީމެއް އެރަށަށް ދާނެކަމަށް މިނިސްޓްރީން ބުނިނަމަވެސް މިހާތަނަށްވެސް ޓީމެއް އައިސްފައި ނުވާކަން ސަނާ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

ސަނާ ވިދާޅުވީ ރަށުގައި ފެންވަރު ރަނގަޅު ފާލަމެއް ހެދުމުގެ މަސައްކަތް 2018 ވަނަ އަހަރު ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ 90 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. މިހާރުވެސް ހިދުމަތްދޭ 13 ގެސްޓު ހައުސް އެރަށުގައި ހުރެއެވެ

ސަނާ ވިދާޅުވީ ބަނދަރަކަށްވުރެ، ފެންވަރު ރަނގަޅު ފާލަމެއް ހައްދަވައިދެއްވުމަށް އެދުނީ ބަނދަރު ހެދުމުން ރަށުގެ ގުދުރަތީ ރީތިކަމަށް އަސަރު ކުރާނެތީ ކަމަށެވެ. އެހެންނަމަވެސް އޮޑިދޯނި ފަހަރު ގެންގުޅޭ މީހުން ބަނދަރެއް ނެތުމުން އެކަމުގެ ޝަކުވާ އަބަދުވެސް ކުރަމުން އަންނަ ކަމަށާއި، ޚާއްސަކޮށް މޫސުން ގޯސް ދުވަސްވަރުގައި ބަނދަރު ނެތުމުން އުޅަނދުތަކަށް ގެއްލުންވާފަހަރުވެސް އަންނަ ކަމަށާއި އެހެންކަމުން ރަށަށް ބަނދަރެއް މުހިންމުކަމަށް މިހާރު ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާބާދީގައި 504 މީހުން ދިރިއުޅޭ ވ ފުލިދޫގައި ފެންވަރު ރަނގަޅު 250 ފޫޓްގެ ފާލަމެއް ހެދިކަމުގައިވިޔަސް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ދެ މޫސުމުގައި މިނިސްޓްރީގެ ޓީމަކުން ދިރާސާ ކުރުމަށްވުރެ، ފުލިދޫ ރައްޔިތުން ބޭނުންވަނީ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިއުންކަމަށް ކައުންސިލުން ބުނެއެވެ.