އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަހަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގައިވެސް ފާހަގަކޮށްފިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ރާއްޖޭގައިވެސް ފާހަގަކޮށްފައިވާއިރު އާދީއްތަ ދުވަހުގެރޭ މިކަމަށްޓަކައި ވަރަށް ހާއްސަ ހަފްލާއެއް ދަރުބާރުގޭގައި ވަނީ ބާއްވާފައެވެ. މިހަފްލާގައި އިންޑިއާގެ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންފައި ވާއިރު، ދިވެހި ދައުލަތުގެ އިސް ފަރާތްތަކުންވެސް މިހަފްލާގައި ބަިއވެރިވެވަޑައިގެންފައިވެއެވެ.

އެގޮތުން ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ކެބިނެޓުގެ ވަޒީރުންވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ރާއްޖެއާއި އިންޑިއާ ދެ،މެދު އޮންނަ ޒަމާންވީ ގުޅުމަށް ވަރަށް ބޮޑަށް އަލި އަޅުވާލާފައިވެއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ ވާހަކަފުޅުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ. ސަންޖޭ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނަ ގައުމެއް ކަމުގައެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސްނުޖެހި ނުހަނު ލޯތްބާއެކު އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު

މީގެއިތުރުން އިންޑިއާގެ ހިލޭއެހީގެ ދަށުން ރާއްޖޭގައި މިހާރު ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ސަފީރު ވާހަކަފުޅު ދައްކަވާފައިވެއެވެ. ސަފީރު ވިދާޅުވީ އިންޑިއާއިން މަސައްކަތްކުރަނީ ބޮޑެތި މަޝްރޫއުތަކަށް އިސްކަންދިނުމުގެ ބަދަލުގައި ދިވެހިންނަށް ކޮނެމެހެން ބޭނުންވެފައި ހުންނަ ކުދި މަޝްރޫއުތައް އަވަހަށް ނިންމުމަށް ކަމަށެވެ. އެގޮތުން ރަށްރަށުގައ އުޅޭ ރައްޔިތުންނަށް މަސްވެރިކަމުން ނަފާ ހޯދޭނެ މަގު އިތުރަށް ފަހިކޮށްދިނުމަށް އައިލެންޑް ފިޝަރީޒް ޔުނިޓް ގާއިމްކުރުމާއި، ޑްރަގް ޑީޓޮކްސް ސެންޓަރުތަކާއި، އަތޮޅުތަކުގައި ސްކޫލް ފެރީ ގާއިމްކޮށްދިނުމާއި، ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ފަހިކޮށްދިނުމާއި، އައިސްޕްލާޓް ފަދަ ތަންތަން ގާއިމްކޮށްދިނުމަށް އިންޑިއާއިން ބޮޑު އިސްކަމެއް ދޭކަމަށް ސަންޖޭ ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އިންޑިއާއާއި، ރާއްޖެއާ ދެމެދު 18 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމަށް ސަންޖޭ ވިދާޅުވިއެވެ. ސަންޖޭ ވިދާޅުވީ މި އެއްބަސްވުންތަކަކީ ކުރިއަށްނުގޮސް މަޑުޖެހިފައި އޮންނާނެ އެއްބަސްވުންތަކެއް ނޫން ކަމުގައެވެ. މީގެތެރޭގައި ތަފާތު 7 ދައިރާއަކުން ވެފައިވާ އެއްބަސްވުންތައް ހިމެނޭ ކަމަށް ވިދާޅުވެ ސަންޖޭ ވިދާޅުވީ މި މަސައްކަތްތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމުގައެވެ. އެންމެ މުހިއްމު ކަމެއްގެގޮތުން ސަންޖޭ ވަނީ ރާއްޖޭގެ އިންވެސްޓަރުން އިންޑިއާގައި އިންވެސްޓުކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

މި ހަފްލާގެ ބައިވެރިންނާ މުހާތަބުކޮށް ފޮރން މިނިސްޓަރ ޝާހިދުވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަފައިވެއެވެ. އަދި އެކި ދާއިރާތަކުން އިންޑިއާ ހޯދަމުންދާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ވަމުންގެންދާ އެހީއާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ. މީގެއިތުރުން މިނިސްޓަރ ޝާހިދު ވަނީ ދެގައުމުގެ ގުޅުމާ ގުޅެގޮތުން އިންޑިއާގެ ރަސްމީ ބަހުރުވަ ކަމަށްވާ ހިންދީ ބަހުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަނީ ވަރަށްވެސް ޒަމާންވީ ގުޅުމެކެވެ. ގިނަ ސަރުކާރުތަކުން ދެގައުމުގެ ގުޅުން އެންމެ ޒަމާންވީގޮތަށް ދަމަހައްޓަން މަސައްކަތް ކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. 5 އަހަރުގެ ހީނަރުކަމަކަށްފަހު ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ހީނަރުވެފައިވާ މިގުޅުން އިތުރަށް ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ގިނަ މަސައްކަތްތަކަށްފަހު މިއަދު ފެނިގެންދަނީ މިގުޅުން ވަރަށްވެސް ބޮޑަށް ބަދަހިވެގެން ގޮސްފައިވާ މަންޒަރެވެ.

ދިވެހިރާއްޖެއިން އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގައި، އަމިއްލަ ގައުމުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގައި ބައިވެރިވާ ފަދައިން ބައިވެރިވެފައިވާތީ އިންޑިއާ އަދި ރާއްޖޭގެ ގުޅުން ކުރިއަރައިގެން ގޮސްފައިވާ މިންވަރު ވަރަށް ބޮޑަށް ސާފުވެގެންދެއެވެ.