ޖުމްހޫރީ ޕާރޓީން ކުރާ ވެރިކަމެއްގައި ވެވޭ ވަޢުދެއް ނުފުއްދަވައިދެއްވައި ދޫކޮށް ނުލައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމްހޫރީ ޕާރޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ އެކިއެކި އިންތިޚާބުތަކަށް ވާދަކުރައްވާއިރު ކޮންމެ ބޭފުޅަކުވެސް ވަޢުދުތަކެއްވެ ވަޑައިގަތުމަށްފަހު އެ ވަޢުދުތައް ފުއްދުމަށް ނުކުކޅެދިވަޑައިގެން ތިއްބަވާ ކަމުގެ ވާހަކަ ރައްޔިތުން ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބަށް ސިޔާސީ ގޮތުން ނާކާމިޔާބުވެ ވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން އަނެއްކާވެސް އާ ވަޢުދުތަކަކާއި އެކު ކެމްޕޭން ކުރައްވަމުން ގެންދަވާ ދުވަސްވަރެއްގައެވެ.

ޖުމްހޫރީ ޕާރޓީއާއި ގުޅިވަޑައިގަންނަވާ ބޭފުޅުން ދަނީ އިތުރުވަމުން

ހޯމަ ދުވަހުގެރޭ ޖުމްހޫރީ ޕާރޓީގެ މައި މާލަމްގައި އެޕާރޓީއާއި އަލަށް ގުޅިވަޑައިގަތް މެމްބަރުންގެ ފޯރމްތައް ލީޑަރާއި ޙަވާލުކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާގައި ޤާސިމް ވަނީ މަދަނީ އިދާރީ ދާއިރާތައް އުފެދިގެން އައިގޮތާއި އެ ޚިޔާލު ހުޅުވިގެން ދިޔަ ގޮތުގެ ވާހަކަފުޅު ވިދާޅުވެފައެވެ. އަދި އެ ޚިޔާލާ އެވިސްނުން ނިކުމެގެން އައީ ކޮންއިރަކު ކީއްވެ ކަމާއި އެކަމުގައި މަސައްކަތްކުރެއްވީ ކޮންކޮން ބޭފުޅުންނެއްކަންވެސް ފާހަގަ ކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވާހަކަ ފަތުއަޑުކިޔައިފައި އެންމެން ދައްކާއިރު މަދަނީ އިދާރީ ދާއިރާތައް އުފެދިގެން އައި ގޮތާއި އެއީ މިއަދު އެހެން ބަޔަކު ކުރިކަމެއް ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އަދި އެކަމަށްޓަކައި ދުސްތޫރަށް ގެނެވުނު އިޞްލާޙު ތަކާއި އެކު ލިޔެވުނު ޤާނޫނު އަސާސީ އާއެއްޗަކަށް ހަދަންވެސް ބަޔަކު މަސައްކަތްކުރަމުން ގެންދާކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު ރާއްޖޭގައި އޮތް ފެހި ޤާނޫނު އަސާސީއަކީ އާ ދުސްތޫރެއް ނޫން ކަމަށާ ނަމަވެސް އެއީ އިޞްލާޙު ކުރެވުނު ޤާނޫނު އަސާސީއެއްކަމަށް ޤާސިމް ވަނީ މިޖަލްސާގައި ވަރަށް ސާބިތުކަމާއި އެކު ވިދާޅުވެފައެވެ.

އަޅުގަނޑުމެނަށް އެނގޭ ކާކު ކިހިނެއްކަން އެ ލާމަރުކަޒީ އުޞޫލުގެ ޤާނޫނުތައް ގެންނަން މަސައްކަތްތަކެއްކުރީ. އާދެ، އެދުވަސްވަރަކީ ޤާނޫނު އަސާސީ އިޞްލާޙު، އަޅުގަނޑުމެން ކުރި ދުވަސްވަރު. އަޅުގަނޑުމެން މި ކިޔަނީ އާ ޤާނޫނު އަސާސީއޭ. އާޤާނޫނު އަސާސީއެއްނޫން އެއީކީއެއް. އެއީ އިޞްލާޙުކުރި ޤާނޫނ އަސާސީ. ސަތޭކަ ޕަރސެންޓް އިޞްލާޙުކުރި ޤާނޫނުއަސާސީއެއް އެއީ."
ޤާސިމް އިބްރާހީމް

ޤާސިމް ވަނީ ލާމަރުކަޒީ އުޞޫލު ތަޢާރަފް ކުރުމުގައި މަޝްވަރާކުރެއްވި ކެބިނެޓުގައި އެމަނިކުފާނު ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އޭރު ކެބިނެޓުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ކަންކުރެއްވި އައްނަބީލު މުޙައްމަދު ވަޙީދުއްދީނާއި އޭގެފަހުން ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުން ނައިބު ރައީސްކަމުން ރައީސް ކަމަށް ވަޑައިގަތް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ހަމަ އެއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލާމަރުކަޒީ އެނގިވަޑައިގެންފައިވާ ގޮތުގެ މައްޗަށް ކޮންމެވެސް ވަރަކަށް އިޝާރާތްކުރައްވައި ޤާސިމްވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

އަޅުގަނޑުމެންގެ އެންމެންނަކީ އެއްވަރަށް ވިސްނޭނެ ބައެއްވެސް ނޫން. އެންމެންނަކީ އެއްވަރަކަށް ތަޢުލީމުވެސް ލިބިފަ ތިބި ބައެއްނޫން. އަދި ތަޢުލީމު ލިބިފަ ތިއްބަސް ކަންތައްތައް ކުރުމުގަ އަޅުގަނޑުމެންގެ ދިވެހީން އަދި ދުނިޔޭގަވެސް ބުނެއުޅޭ ވާހަކައެއް، ފޮތެއް އޮތަކަސް އެދުރެއްވެސް ނުވާނޭ. އަދި ހަމަ އެހެންމެ ޢިލްމެއް ލިބިގެންއަޔަކަސްވެސް ޙިލްމެއް ނެތިއްޔަކާ އެނާ މީހަކަށްވެސް... ކަމެއްވެސް ނުކުރެވޭނެކަން. މިއީ މުޅިދުނިޔެ ޤަބޫލުކުރާ މުޙާވިރާތައް. އެހެންނޫންތޯ. އެހެންވީމާ ރއީސް ނަޝީދު ވެރިކަމަށް ވަޑައިގަންވައިގެން އެމަނިކުފާނަށް ކަންތައްތައް ކުރަން ނޭނގުމަކީ އަޅުގަނޑުމެން އަންތަރީސްވާން ޖެހޭނެކަމެއް ނޫން ދޮގެއްތޯ. ޙައިރާންވާން ޖެހޭ ކަމެއްނޫން. އަޅުގަނޑު ހޯމް މިނިސްޓަރުކަމުން އިސްތިޢުފާދޭން ޖެހުނީ މިދެންނެވިހެން. އަޅުގަނޑުމެންގެ ކޮލީގަކަށްހުރި އަޅުގަނޑުމެން އެކީގަ މަސއްކަތްކޮށްގެން އިޞްލާޙީ ބަދަލުތަކެއް އައިސްގެން ވެރިއަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުފުޅު ކުރެއްވި ގޮތުގަ ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން މިންވަރުފުޅު ކުރައްވައިފައިވާތީ. އޭނައަށް ލިބުނީމަ އަޅުގަނޑުދެން އޭނަޔާ ތަޅާ ފޮޅަން ބޭނުން ނުވީ. އަޅުގަނޑަށް އެނގިއްޖެ އޭނަގެ އިޚްލާޞްތެރިކަން ހުރި މިންވަރު. ކިހާވަރަކަށްކަން އޭނާ އިޚުލާޞްތެރީ. ކޮން ކަމަކަށްކަން އޭނާގެ ވިސްނުންހުރީ. އަޅުގަނޑުއެކަން ބޭނުންނުވީމަ ދެން އަޅުގަނޑު ފަހަށް ޖެހިލީ. އަޅުގަނޑަށް އެނގޭ އެ ނިމުނީ ނޫންކަން. އެ ނުނިމޭކަން. އަދި މިފެށުނީކަން ކިރިޔާ. ކަންތައްތައް. އެހެންވީމާ މިއަދުވެސް ތިޔަބޭފުޅުންނަށް އެ ފެންނަނީ އެކަންތައްތައް އެހެންނޫންތޯ."
ޤާސިމް އިބްރާހީމް

ޤާސިމް ވިދާޅުވީ އެމަނިކުފާނު މިއަދުވެސް ހުންނެވީ ދިވެހި ރައްޔިތުންނަށް ފާގަތިކަމާ ކެރިފޯރުންތެރިކަން ހޯއްދަވައިދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކަމަށެވެ. އަދި ސިޔާސީ މުޙައްލިލް ޢިމާދު ލަޠީފްގެ ދިރާސާ މަޢުލޫމާތުގެ އަލީގައި އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާތަނަށްވެސް އެމަނިކުފާނު މަސައްކަތް ކުރައްވައިފައިވާނީ ނަން ހޯއްދަވަން ނޫން ކަމަށެވެ.

އަޅުގަނޑު މަސައްކަތްކުރީކީ ކޮންމެހެން ނަން ހޯދާކަށެއްނޫން. އަޅުގަނޑު މި އިޖުތިމާޢީ ދާއިރާގަ އަދި ދިވެހި ރާއްޖޭގެ ކުރިއެރުމަށްޓަކައި ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް އިންސާނުންގެ ޞިއްޙަތު ސަލާމަތްކޮށް އިންސާނުންގެ ޞިއްޙަތު ދަމަހައްޓައި ނެގެހެއްޓުމަށާ ޤައުމުގެ އަމާން ކަމާ މަޞްލަޙަތާ އަދި ކުރިއެރުމަށްޓަކައި އަމިއްލަ ފަރުދުންގެ ޖީބުތައް ތަނަވަސްކޮށް މުއްސަނދިކުރުމަށްޓަކައި އެކި ގޮތްގޮތަށް އެކި ދާއިރާތަކުގައި ކުޅިވަރާ މިހެންގޮސް ނަން ހުސްކޮށް ކަންހުސްކޮށް ކިޔަމާ ހިނގާ ޖެހުނު ހުރިހާ ދާއިރާއެއްގައި އަޅުގަނޑު މަސައްކަތްކުރީ ނަންހޯދާކަށެއްނޫން."
ޤާސިމް އިބްރާހީމް

ޤާސިމް ވިދާޅުވީ އެމނިކުފާނަށް ކުރެއްވޭ ވަރުންނާއި ނުކުރެއްވޭވަރުންވެސް ދިވެހިރައްޔިތުންނަށް ކަންތައްތައް ކޮށްދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާރޓީގެ ހޯމަދުވަހުގެރޭގެ ޖަލްސާގެ ތެރެއިން

މީގެ އިތުރުންވެސް ޤާސިމް ވިދާޅުވީ އެމަނިކުފާނަށް ހުރިހާކަމެއް ފުރިހަމަވެ ވަޑައިގަތީމާ ދެން ބޭނުންފުޅުވަނީ ރައްޔިތުންނަށް އެ ފުރުޞަތު ލިބޭނެ ގޮތއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. ނަމަވެސް އެއީ ގަދަހިފުމަކާ ނުލައި ވާނެކަމެއް ނޫން ކަމަށާ އެކަމުގެ އަސަރުތައް އެމަނިކުފާނާ ދެކޮޅަށް ޖެއްސުމުގެ ގޮތުން ދައްކާ ވާހަކަތަކުން ފެންނަމުންދާކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަކީ މަތިވަރުގެ މޫސުމުގެ ދުވަސްވަރެކޭ އެއްގޮތަށް ގަސްގަހުގައި މޭވާ ގަތީމާ އެއަށް ވާލު އައިސް ޖައްސާފަދައިން ހިނގާ ކަންކަން ކަމަށެވެ. އަދި އެމަނިކުފާނާއި ވާދަވެރީންނަށް އިޝާރާތް ކުރައްވައި ޤާސިމް ވިދާޅުވީ ބޮޑުގުޅަ ތެލުލައި އެހެން ނަމަވެސް އެހެން ކަމަކަށް އެނބުރިގަތީމާ ތެޔޮތާހުގައި އޮވެ ބޮޑުގުޅަ ދަގުޔަށްވާކަން އެއީވެސް އެންމެން ދަންނަ ކަމެއް ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ މަސއްކަތްޕުޅާއި އެކު ޖުމްހޫރީ ޕާރޓީން ކުރާ ވެރިކަމެއްގައި ވެވޭ ވަޢުދުތައް ފުއްދައި މީހެއްގެ މައްޗަށް އަނިޔާވެރިވާ މީހަކު މިނިވަންކަމާއި އެކު އުޅުނަ ނުދެއްވައި 24 ގަޑިއިރުގެ ތެރޭގައި ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް ފުރިހަމަ އިންޞާފު ޤާއިމް ކޮށްދެއްވާނެ ކަމުގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.