ދިރާގު ދިވެހި ލީގުގެ ޗެންޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ، އުރީދޫގެ ބްރޭންޑު އެންބެސަޑަރަކަށް ހަމަޖައްސައިފި އެވެ.

އުރީދޫގެ ބުރޭންޑު އެންބަސަޑަރަކަށް މާޒިޔާ ހަމަޖައްސައި އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކަށްފައި ވާއިރު، އެ ކުންފުންޏަކީ މިހާރުވެސް މާޒިޔާގެ ސީނިއާ ޓީމާއި އެ ކުލަބުން ހިންގާ އެކަޑަމީގެ މެއިން ސްޕޮންސަރެވެ.

އުރީދޫގެ ބުރޭންޑު އެންބަސަޑަރަކަށް މާޒިޔާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނަޖީބް ޙާން އެވެ. މާޒިޔާގެ ފަރާތުން ސޮއި ކުރީ އެކުލަބުގެ ސީއީއޯ ހުސައިން ޝާފިއު އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު މާޒިޔާ ކަށަވަރުކޮށްފައި ވާއިރު ލީގުގެ އެއްވަނައިގައި އެޓީމު އޮތީ 50 ޕޮއިންޓާ އެކު އެވެ. މިއީ މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. މި ކާމިޔާބީ އާއި އެކު މާޒިޔާ ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމަށް ލިބޭ ޖާގަ ކަށަވަރު ކޮށްފަ އެވެ.

މާޒިޔާއިންވަނީ އައު އަހަރާއިއެކު އެޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ލީގުގެ އެހެންޓީމުތަކުން ފާހަގަކޮށްލެވޭ ޒުވާން ކުޅުން ތެރިންތަކެއް ވަނީ އެޓީމަށް ގެނެސްފައެވެ.