ހަވަނަ އިންޓަ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އެސްޓީއޯ އިން ވިއްކަމުންގެންދާ ބްރޭންޑް ހިޓާޗީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ހޯމަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާ އެެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ޕަރްވީން ވިދާޅުވީ މި މުބާރާތަކީ ވަރަށް ގިނަ އޮފީސްތަކުން ބައިވެރިވަމުން އަންނަ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން އޮފީސްތަކުގެ މުވައްޒަފުންގެ އެއްބައިވަންތަކަން ފެނިގެންދާ ކަމަށެވެ.

އެސްޓީއޯ އަކީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެސްޓީއޯއިން މި ނޫންވެސް މުބާރާތްތައް ކުރިޔަށް އޮތްތާ ސްޕޮންސަރ ކުރާނެކަމަށްވެސް ޕަރްވީން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހޭންޑް ބޯޅަ އެސޯސިއޭޝަންގެ ހަޒާންދާރު އަހުމަދު ސަލީމް ވިދާޅުވީ މުބާރާތް އެސްޓީއޯއިން ސްޕޮންސަރ ކޮށްދެއްވި ކަމަށްޓަކައި އެސްޓީއޯއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

މި މުބާރާތް ކުރިޔަށްދާނީ ފެބްރުވަރީ މަހު 1 ވަނަ ދުވަހުން ފެށިގެން 27 ފެބްރުއަރީގެ ނިޔަލަށް ޝަނަލް ހޭންޑްބޯލް ގްރައުންޑުގައެވެ.

ހޭންޑު ބޯލް އެސޯޝިއޭޝަނުން ބުނީ މި މުބާރާތް ކުރިޔަށްދާނީ ދެ ޑިވިޝަންއަކަށް ބަހާލައިގެން ކަމަށެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަން (ފިރިހެން) ބައިގައި ހަތަރު ޓީމެއް ވާދަކުރާ ގޮތައް ކުރިން އޮތް ނަމަވެސް ގުރުނެގުމަށްފަހު މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމާފަ އެވެ.

އެހެންކަމުން މި ބައިގައި ބައިވެރިވާނީ ތިން ޓީމެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަން (ފިރިހެން) މެޗުތައް ތިން ގްރޫޕަކަށް ބަހާއިލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވާއިރު މިޑިވިޝަނުގައި 14 ޓީމު ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ މުބާރާތުގައި އަންހެން ޓީމުތައް ބައިވެރިވަނީ ހަމައެކަނި ދެނަވަ ޑިވިޝަންގަ އެވެ. މި ބައިގައި ޖުމްލަ 25 ޓީމެއް ވާދަކުރާއިރު މެޗުތައް ކުޅުމަށް ހަމަޖެހިަފއިވަނީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ.

ހޭންޑު ބޯޅަ އަކީ މިހާރު ރާއްޖޭގައި ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރަށް ވެފައިވާއިރު އޮފީސް މުބާރާތުގެ އިތުރަށް، އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ވެސް ކޮންމެ އަހަރަކު އަންނަނީ ބާއްވަމުން ނެވެ. އަދި ސުކޫލް ކުދިންނަށް ހާއްސަކޮށް އިންޓަރ ސުކޫލް ހޭންޑުބޯލް މުބާާރާތް ވެސް ކޮންމެ އަހަރަކު ބާއްވައެވެ.

ހޭންޑުބޯޅަ އެސޯސިއޭޝަނުން ބުނީ މިއިން ކޮންމެ މުބާރާތެއްގައި ވެސް ކޮންމެ އަހަރަކު ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިއަހަރުގެ އޮފީސް މުބާރަތުގައި ވެސް 25 އޮފީހަކުން 37 ޓީމު ބައިވެރިވާކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.