ރާޢްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަކީ މި ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އޭޝިއަން ކަޕަށް ކޮލިފައިވެވޭ ފެންވަރު ހުރި ޓީމެއް ކަމަށާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކޮށްފި ނަމަ އެއީ ހާސިލު ކުރެވިދާނެ ކަމެއް ކަމަށް އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

ގައުމީ ކޯޗަކަށް ކޫޕްމަން އާއި އެސިސްޓެންޓް ކޯޗަކަށް މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް ހަމަޖެއްސުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ރައީސް ބައްސާމް ވިދާޅުވީ މިވަގުތަށް ކޫޕްމަން އާއި ހަވާލުކޮށްފައިވާ މަސަތްކަތަކީ އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރު ކޮށްދިނުމާއި ސުޒުކީ ކަަޕް ދިފާއުކުރުން ކަމަށެވެ

އާ ކޯޗަށް ހަވާލުކޮށްފައިވާ ޓާގެޓްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ އޭނާގެ ކުރިން ކޯޗުކަން ކޮށްފައިވާ އަރުބާ އާއި ރާއްޖެއާއި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާާއި ރާއްޖެ މީގެކުރިން ކުޅެފައިވާ މެޗުތަކަށް ބަލާއިރު ބައެއް ކަންކަން ރަނގަޅުކޮށްފިނަމަ ސާފް ސުޒުކީ ކަޕާއި އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ނުވާނެކަމެއް ނޫންކަމަށެވެ.

ބައްސާމް ވިދާޅުވީ ކޫޕްމަން އަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެފްއޭއެމްގެ މެނޭޖުމަންޓުން ފުރިހަމަ އަށް ދޭނެ ކަމަށާއި ކޯޗު ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެކަމަށެވެ.

ޤައުމީ ފުޓުބޯޅަ ޓީމުގެ އާ ކޯޗު ކޫޕްމަން އާއެކު އެފްއޭއެމްގެ ރައީސް ބައްސާމް-- ފޮޓޯ: އެފްއޭއެމް

މީގެއިތުރުން ކޫޕްމަން ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ނަގާއިރު، ކުޅުންތެރިންގެ އުމުރަށް ނުބަލާނެ ކަމަށާއި އެއީ މޮޅު ކުޅުންތެރިއެއްނަމަ ޓީމުން ފުރުސަތު ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ކޫޕްމަން ބުންޏެވެ. އޭނާ މިހެން ބުނެފައިވަނީ ކުރީގެ ކޯޗު ސެގާޓް ސެލެކްޝަން ހެދުމުގައި ބައެއް ކުޅުންތެރިންގެ އުމުރަށް ރިއާޔަތްކޮށް ވާހަދެއްކުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

މިހާރު އޮތް ހާލަތުގައި ރާއްޖެއަށް އޭޝިއަން ކަޕަށް ކޮލިފައިވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ބާކީ ތިން މެޗު އޮތްއިރު މި ތިން މެޗުން ރާއްޖެ ރަނގަޅު ނަތީޖާއެއް ހޯދަން ޖެހެއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ހަތަރުވަނައިގައި ހަ ޕޮއިންޓާއެކު ރާއްޖެ އޮތް އިރު މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިނުވާ ގުއާމް އެވެ.

ގައުމީ ޓީމު ގޮވައިގެން ކޫޕްމަން އެންމެ ފުރަތަމަ ނުކުންނާނީ އަންނަ މާޗް، 26 ގައި ޗައިނާއާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗަށެވެ.