ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދޭން ޖެހޭ މުސާރަ ހޯދަން އެފްއޭއެމް އަށް މައްސަލަ ހުށައަޅިފަހުން އަހަރަކަށް ވުރެ ގިނަދުވަސް ވެފައިވާއިރު އެ ފައިސާ އަދިވެސް ނުލިބޭކަމަށް ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ގިނަ ކުޅުންތެރިންތަކަކަށް މުސާރަ ނުދެވުމުގެ މައްސަލައިގައި އެފްއޭއެމް އިން ވަނީ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އެ ކުލަބު ސަސްޕެންޑްކޮށްފަ އެވެ.

އެފްއޭއެމް އިން ބުނެފައި ވަނީ އެކުލަބަށް ދޭންޖެހޭ ފައިސާއިން މުސާރަ ނުދީތިބި ކުޅުންތެރިންނަށް މުސާރަ ދޭނެ ކަމަށެވެ. ނިއުރޭޑިއަންޓުން އިމްރާނަށް ދޭން ޖެހޭ މުސާރަ ނުލިބި ލަސްވާތީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަނީ އެފްއޭއެމަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެފައިސާ ލިބިފައި ނުވާކަމަށެވެ.

ނިއުރޭޑިއަންޓުން މުސާރަ ނުލިބި ތިބި ގިނަ ކުޅުންތެރިންތަކަކަށް މިހާރު މުސާރަ ލިބިފައިވާކަން ވީސްޕޯޓްސް އަށް ވަނީ އެގިފައެވެ. އެހެންނަމަވެސް އެއީ ކޮންކުޅުންތެރިންތަކަކަށްކަމެއް އެގިފައެއް ނުވެއެވެ.

އިމްރާން ފާހަގަކުރިގޮތުގައި އޭނާ ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންނަށް އެފްއޭއެމްއިން ދޭންޖެހޭ ފައިސާ މިހާރު ވަނީ ދީފައެެވެ. އަދި އެހެން ކުޅުންތެރިންނަަށް ފައިސާ ދީފައި އޭނާ އަށް ނުދޭންވީ ސަބަބެއް ނޭންގޭކަމަށް ވެސް އިންމަ ބުންޏެވެ.

މި މައްސަލައަށް އަހަރެއްވެފައި ވާއިރު މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް އެފްއޭއެމް ދައްކާފައިނުވާއިރު އެފައިސާ ނުލިބި ލަސްވާ ސަބަބު އެގެން ބޭނުންވާކަމަށް ވެސް އިމްރާން ބުންޏެވެ.

މި މަސަލައިގައި އެފްއޭއެމްގެ ބަހެއް ހޯދާލުމަށް ވީސްޕޯޓްސް އިން ގުޅާލުމުން ފޯނަށް ޖަވާނު ނުދޭތީ އެތަނުގެ ޖަވާބެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.