ބޯންމައުތު އަތުން 2-1 ގެ ނަތީޖާއަކުން ހޯދި މޮޅާއެކު އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުން އާސެނަލް ޖާގަ ހޯދައިފިއެވެ.

އާސެނަލް ފަސްވަނަ ބުރަށް ދަތުރުކޮށްފައިވަނީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ބޯންމައުތު އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި އާސެނަލުން ޖެހި ދެ ލަނޑު ވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އާސެނަލްގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ގެބްރިއެލް މާޓިނެލީ ދިން ބޯޅައަކުން ކާމިޔާބުކުރީ ބުކާޔޯ ސާކާ އެވެ. އާސެނަލްގެ ދެވަނަ ގޯލު 26 ވަނަ މިނެޓުގައި ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ އެޑްވާޑް ނެކެޓިއާ އެވެ.

މި ގޯލަށްފަހު ވެސް ދެ ޓީމަށް ގޯލިޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ހާއްސަކޮށް އާސެނަލަށް ލިބުނު ރަނގަޅު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ދެ ލަނޑުގެ ތަފާތުން އާސެނަލް ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ބޯންމައުތް އަށް ނަތީޖާ ހަމަހަމަކުރަން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ މި މެޗަށް އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. އަނެއްކޮޅުން ބޯންމައުތުން މި މެޗަށް ވަރުގަދަ ޓީމެއް ނެރުނު ނަމަވެސް އެޓީމުގެ އެޓޭކުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ކަލަމް ވިލްސަން އާއި އެއްވަނަ ގޯލްކީޕަރު އެއަރޮން ރަމްސްޑޭލް މެޗު ފެށީ ބެންޗުންނެވެ.

އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި އާސެނަލް ނުކުންނާނީ އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމައުތްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މާރޗް 6 ގައެވެ.