މިދުވަސްވަރަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލައި އެކުދިންނާމެދު ލާއިންސާނީ އެތައް އަމަލެއް ހިންގަމުންދާތީ އެކަމުގެ އުދާސްތައް އިންތިހާއަށް ބޭރުކުރަމުންދާ ދުވަސްވަރެކެވެ. މިފަދަ އަޑުތަކެއް ކުއްލިއަކަށް ގަދަވީ ގއ.ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެއަހަރުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީގޯނާކޮށް އަދި ކުއްޖާގެ ބައްޕަވެސް ކުއްޖާއަށް އިހުމާލުވެފައިވާ މައްސަލަ ފެންމަތިވި ހިސާބުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުގެ މިފަދަ ކޮންމެ މައްސަލައަކާއެކު އަޅުގަނޑުމެންގެ ހަނދާނަށް އަންނަ ނަމެއް ވެއެވެ. އެއީ މީގެ ފަސް އަހަރު ކުރިން ވ.ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ ތުއްތުތުއްތު މުހައްމަދު އިބްތިހާލެވެ.

28 ޖެނުއަރީ 2015 ގައި މުޅި ގައުމު ނިދިން ހޭލައްވާލީ ވ. ރަކީދޫގައި އުމުރުން އެންމެ ތިން އަހަރުގެ ތުއްތު އިބްތިހާލް، ސީރިއަސް އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޚަބަރާއެކުއެވެ. މި ޚަބަރާއެކު މީހުންނަށް ލިބުނު ސިހުން އިތުރަށް ބޮޑުވެގެންދިޔައީ މި ތުއްތުތުއްތު މައުސޫމް ކުއްޖާއަށް މިފަދަ ބޮޑެތި އަނިޔާތަކެއް ލިބި، މަރަށް ހާޒިރުވާން ޖެހުނީ އެކުއްޖާ ބަނޑުއަޅައި ވިހެއި، އުފަން މަންމަގެ ސަބަބުންކަން އެނގުމުންނެވެ. އިބްތިހާލް މަރުވެފައި އޮތްއިރު ބޭރު ފުށުން އެތައް އަނިޔާތަކެއް ފެންނަން ހުއްޓެވެ. ކުއްޖާގެ ކަންފަތާއި ކުރިމަތިފަރާތަށް ވެސް ހުރީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އިބްތިހާލްގެ މަންމަ އާފިޔާ، އިބްތިހާލް އުރާލައިގެން

އިބްތިހާލުގެ މަރުގެ މައްސަލައިގައި އެކުއްޖާގެ މަންމަގެ މައްޗަށް ވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައެވެ. އާފިޔާ ވަނީ ދަރިފުޅަށް ތަކުރާރުކޮށް އަނިޔާކުރި ކަމަށް ޝަރީއަތުގައި ވެސް އެއްބަސްވެފައެވެ. އެގޮތުން މަރުވި ދުވަހު، އިބްތިހާލުގެ ކަރަށް ފިތައި، މޭމަތީގައި ތިން ފަހަރަކު ކޮޅުފައިން ޖެހި ކަމަށް އޭނަ ވަނީ ބުނެފައެވެ. ދަރިފުޅަށް އަމިއްލަ އަތުން ކުރި އަނިޔާތައް ތަފުސީލާއެކު ކިޔައިދީފައިވީނަމަވެސް ޝަރީއަތް ވަކިހިސާބަކަށް ދިޔަ ފަހުން އާފިޔާ ވަނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނައަށް ވަޅިން ބިރުދެއްކުމުން ކަމަށް ބުނެ އިބްތިހާލަށް އަނިޔާކުރި ކަމަށް ދެކޮޅުހަދާފައެވެ. ޝަރީއަތް ނިމެންދެން އާފިޔާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

އިބްތިހާލަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު، އޭނަގެ ދޮންކާފަގެ މައްޗަށް ކުރެވުނު ނަމަވެސް އެ މައްސަލައިގައި އޭނައަށް ދައުވާ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނަގެ މައްޗަށް ވަނީ އަމިއްލަ ދަރިފުޅާ ބެހުނުކަމުގެ ދައުވާ އުފުލާފައެވެ.

އިބްތިހާލް މަރާލީ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު އަމިއްލަ އިޚްތިޔާރުގައި ކަމަށް އާފިޔާގެ ނަފްސާނީ ޓެސްޓް ހެއްދެވި ޑޮކްޓަރު ޑރ.އައިޝަތު އަލީ ނާޒު ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ. ނާޒު ވިދާޅުވީ އާފިޔާގެ ޓެސްޓުތަކުން ޑިޕްރެޝަނާއި އެންޒައިޓީ ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރެވިގެން ގޮސްފައިވާ ކަަމަށެވެ. އެގޮތަށް ދިމާވެފައިވަނީ އާފިޔާއަށް އެހެން މީހެއްގެ ފަރާތުން ޖިންސީގޯނާ ލިބިފައިވާތީ ކަމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންގެ ފަރާތުން ޑިޕްރެޝަނާއި އެންޒައިޓީ ފެންނަ ކަމަށެވެ.

ގާނޫނީ ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އާފިޔާ ޝަރީއަތުގައި ބުނެފައިވާތީ މިމައްސަލަ ކުރިއަށް ގެންދަނީ ވަކީލަކާ ވެސް ނުލައެވެ.

އަނިޔާވެރިކޮށް މަރާލާފައިވާ އިބްތިހާލް

އިބްތިހާލް މަރުވީ މަންމަ އަނިޔާކުރާކަން ޖެންޑާ މިނިސްޓްރީއަށާއި ފުލުހުންނަށްވެސް ހުށަހަޅާފައި ވަނިކޮށް ކަމުގައި ވުމުން، އިބްތިހާލުގެ މަރުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށް ދައުލަތުން ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. މިމައްސަލާގައި ދައުލަތުގެ 5 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ފަށާފައިވަނީ ހާދިސާއަށް ދެއަހަރު ފަހުންނެވެ. 29 ޖެނުއަރީ 2017 ގައި ޝަރީއަތް ފަށާފައި ވީނަމަވެސް، އެކަށީގެންވާ ހަލުވިމިނެއްގައި ޝަރީއަތް ކުރިއަކަށް ނުދެއެވެ.

އިބްތިހާލަށް މަންމަ އަނިޔާކުރާ ކަމުގެ މައްސަލަ ބެލުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖެންޑާ މިނިސްޓްރީން ވެސް ވަނީ އިބްތިހާލުގެ މަރަށްފަހު އެކަން ތަހުގީގުކޮށްފައެވެ. މިނިސްޓްރީގެ ތަހުގީގަށް ފަހު، އެމިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއެވެ. ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޭނައަށް އަލުން ވަޒީފާ ދިނުމަށް އެންގިއެވެ.

މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބެލިއެވެ. އެޗުއާރުސީއެމުން ވެސް ހަމަ އެދުވަހު މައްސަލަ ބަލަން ފަށައި، އެކުލަވާލި ރިޕޯޓު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ވަނީ ހިއްސާކޮށްފައެވެ. އަދި ޖަމްއިއްޔާ ޖަމާއަތްތަކުން މިކަމާ ދެކޮޅަށް ތެދުވެ، ހިނގާލުންތަކާއި މުޒާހަރާތައް ބޭއްވިއެވެ.

އިބްތިހާލް މަރާލުމާ ގުޅިގެން ކުރެވުނު އިހުތިޖާޖުތަކުގެ ތެރެއިން

މިކަމުގައި ކުށްވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވެފައި ވެއެވެ. އަދި ފަހުން މިހާރުގެ ރައީސް ވެރިކަމަށް ވަޑައިގަތީ އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާ މިފަދަ ކަންކަމަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް ހިތާމަޔަކީ މިހިތާމަވެރި ހާދިސާއަށް ފަސް އަހަރު ފުރުނުއިރުވެސް އެމައުސޫމް ކުޑަކުޑަ ކުއްޖާގެ ފުރާނަ ގެއްލިގެން ދިއުމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވުމެވެ. އެ ކުއްޖާއަށް ލިބެމުންދިޔަ އަނިޔާތަކާއި އަދި މަރުވެފައި އޮތްއިރު ފެންނަން ހުރި އަނިޔާތައް ވަރަށް ތަފުސީލުކޮށް ޝަރީއަތުގެ މަޖިލީހުގައި ހެކިވެރިންގެ ފަރާތުން ވެސް ކިޔައިދީފައި ވާއިރު، އެ އަނިޔާތަކަށް ފަސްއަހަރުދުވަސް ފާއިތުވެގެންދިޔައިރު ވެސް އިންސާފު ނުލިބުމެވެ.

މި ތުއްތު ކުއްޖާގެ އަނިޔާވެރި މަރަކީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި މުޅި ދައުލަތާއި މުޖުތަމައު ފެއިލްވެފައިވާ މިންވަރާމެދު އެންމެންގެ ލޯހުޅުވައިދިން ހާދިސާއެކެވެ. މިހާރުވެސް މަގާމުތަކުގައި ތިއްބެވި އިސް ބޭބޭފުޅުންނަށް މި މައްސަލައިގައި އިހުމާލުގެ އިނގިލި ދިއްކުރެވޭއިރު، އެކަމުން ރެކިވަޑައިގަތް ކަމުގައި ވީނަމަވެސް ދެ ސަރުކާރެއް ފާއިތުވެގެންދާއިރު މައްސަލަ ނުނިމި އޮތުމަކީ ފެއިލްވެފައިވާ ދައުލަތުގެ ހާލަތު އިތުރަށް ހާމަވެގެންދާ ކަމެކެވެ. އިބްތިހާލްގެ ހާދިސާ ފަދަ އެތައް ހާދިސާއެއް ގައުމުގައި ހިނގައި، އިބްތިހާލް ފަދައިން އަނިޔާ ތަހަންމަލްކުރަމުންދާ އެތައް ކުއްޖަކު މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބިއިރު އިބްތިހާލަށް އިންސާފު ނުލިބި ދިއުމަކީ އެފަދަ އެހެން ކުދިންނަށް ވެސް އިންސާފު ނުލިބުމެވެ.