ދުސްތޫރުގައި އޮތް ލާމަރުކަޒީ ޤާނޫނުގެ ދަށުން ލާމަރުކަޒީ ނިޒާމު ހިނގަމުންދަނިކޮށް 19 ވަނަ މަޖިލީހުން ގެނައި އިޞްލާޙުތަކެއް ފާސްކުރުމަށްފަހު އެނިޒާމުގެ މިލްކުވެރިކަން ހޯދުމަށް ބަޔަކު މަސައްކަތްކުރަނީ ސިޔާސީ މަޅިއެއްގައި ދިވެހީން ޖައްސައިގެން ވަކި މަޞްލަޙަތެއްގެ ބޭނުމުގައި ކަމަށް ސިޔާސީ މުދައްބިރުން ވިދާޅުވެއްޖެ އެވެ.

ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު މޫސާ ނިޒާރު އިބްރާހީމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ވުޖޫދުވެގެންއައި ޤާނޫނު ފާސްވިއިރު ޚާއްޞަ މަޖިލީހުގެ ރައީސްކަމުގައި ހުންނެވީ އޮނަރަބަލް ޤާސިމް އިބްރާހީމް ކަމަށެވެ. އަދި އެމަޖިލީހުގައި މޫސާ ނިޒާރުވެސް ހުންނެވި ކަމަށާއި ނަމަވެސް މިއަދު އެ ޙަޤީޤަތް ބަދަލުކުރަން ބަޔަކު އުޅޭކަމަށް މޫސާ ނިޒާރު ތުހުމަތު ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ޤަބޫލު ކުރެވުނު ގޮތުގައި ފާސްވެގެންދިޔައީ އާދެ! އޭރު ސަރުކާރަށް ނިސްބަތްވާ ޕާރޓީން ތާއީދުކޮށް އެކަމަށް ނިންމެވި އިޞްލާޙު އެ އިޞްލާޙު ފާސްވިއިރު އެ މަޖިލޮީހުގެ ހުންގާނުގައި ބަލަހައްޓަވަން އިންނެވި ބޭފުޅަކީ އޮނަރަބަލް ޤާސިމް އިބްރާހީމް. އެހެންވީމާ އެމަނިކުފާނުގެ ކޮންޓްރިބިއުޝަނާއި އެމަނިކުފާނުގެ ބާރުއެޅުއްވުމާއި އެމަނިކުފާނުގެ ވިސްނުންފުޅާއި ޚިޔާލުފުޅާއި އަދި ތާއީދު އޭރު އޮތްގޮތަށް ބަލާއިރު މުޅި މަޖިލީހުގަ އޭރު ސަރުކާރުގެ މެމްބަރުންގެ ގޮތުގައި 60 އެތަކެއް މެމްބަރުން ތިއްބެވި. 115 ވަރަކަށް މެމްބަރުންނޭ އަޅުގަނޑު ހަނދާން ވަނީ މުޅި މަޖިލީހުގަ އޭރު ތިއްބެވީ. އެހެންވީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އޭގެ ޙަޤީޤަތް ހިނގައިދިޔަ ގޮތް. އެހެންވީމާ އޭގެ މާނައަކީ ދިވެހި ރައްޔިތުންގެ ތެރެއިން އޭރުގަ އެގޮތަށް ތާއީދުކުރެއްވި ވަރަށްގިނަ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއާއި އަދި އެގޮތަށް އެތާއީދު އޮވެގެންނޭ އެ ނިޒާމު ޤާނޫނު އަސާސީގަ ލިޔެވިގެން ވުޖޫދުވެގެން އައީ. އެހެންވީމާ އޭގެ މިލްކިއްޔަތު ވަކި ބޭފުޅަކު ނަންގަވައިފަ އޭގަ ސިއްކަ ޖެއްސެވުމުގެ ޙައްޤެއް ޙަޤީޤަތް ހިނގައިދިޔަ ގޮތަށް ބަލާއިރުގަ އަޅުގަނޑަކަށް ގައިމުވެސް ދެވޭކަށްނެތް. އެހެންވީމާ އޭގަ އަޅުގަނޑަށް ދެންނެވޭނީ އެއީ އަޅުގަނޑުމެންގެ ރައްޔިތުންގެތެރެއިން ވަރަށްގިނަ ބަޔަކު ޚައްޞަކޮށް އަޅުގަނޑުމެންގެ މި ފިކުރުތަކަށް ތާއީދުކުރައްވާ ވަރަށް ގިނަ ބޭފުޅުން ބޭނުންފުޅުވެގެން އެ ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދޭންވެގެން އެ ސިޔާސަތު ރައްޔިތުންގެ ތެރޭގައި ހިންގަންވެގެން އޭރުގަ ތިއްބެވި ބޭފުޅުން ނިންމެވި ނިންމެވުމެކޭ އެއީ."
އުސްތާޒު މޫސާ ނިޒާރު

އުސްތާޒު މޫސާ ނިޒާރު ވިދާޅުވީ ޤާނޫނުއަސާސީ އިޞްލާޙުވެ ލާމަރުކަޒީ ނިޒާމު ޤާއިމްވުމަށްފަހު އެމްޑީޕީ އިސްވެ އޮތް 2008 ވަނަ އަހަރުގެ ސަރުކާރުގައި ކައުންސިލްތައް އުފެއްދުމަށްފަހު ކައުންސިލްތަކަށް ބާރުތައް ދިންކަމަށް ދައްކާ ވާހަކަތަކަކީވެސް ޙަޤީޤަތެއްހުރި ވާހަކަތަކެއް ނޫން ކަމުގައެވެ. އަދި ކައުންސިލްތަކަށް ބަޖެޓް ލިބުމާއި ކަންކަން ކުރުމަށް ހުރަސްއަޅައި ދަތިތައް ކުރިމަތިވެގެން އައީ ވެރިކަމުގެ ބާރުތައް ހަނިވެދާނެކަމަށް ސަރުކާރަށް ފެނިވަޑައިގެން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކުން ކަމުގައެވެ.

ޤާނޫނު އަސާސީ އިޞްލާޙުވެގެން އައިސް ފުރަތަމަ އިންތިޚާބުކުރި ފުރަތަމަ ކައުންސިލަރުންގެ ތެރޭގައި ބަދުނަޞީބު ވިޔަސް ނަޞީބު ވިޔަސް އަޅުގަނޑު ހިމެނުނު. ބައެއް ބެފުޅުން މިހާރުއެބަ ވާހަކަ ދައްކަވާ ކައުންސިލްތަކަށް އާރާއިބާރު ދެނީ ތިމަންނަމެނޭ ކިޔައިގެން. އެކަމަކު ދަންނަވަންތޯ. 2010 ހިސާބުގަ ކަންނޭނގެ މި ކައުންސިލްތައް އިންތިޚާބުވެގެންއައީ. ކޮންމެއަކަސް ޤާނޫނު އަސާސީ 2008ގަ އިޞްލާޙުވުމަށްފަހުގަ އައީ. އަޅުގަނޑު ގައިމުވެސް އިނީން ވާވު އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގަ އެ ކައުންސިލް އުފެދިގެން އައިއިރު. ޙަޤީޤަތަށް ދަންނަވަންތޯ. 3 އަހަރު އަޅުގަނޑުމެން ކައުންސިލްގަ މަސައްކަތްކުރިއިރުގަ ވ. އަތޮޅު ކައުންސިލް ހިންގެވުމަށް ރިކަރަންޓު ޚަރަދު ކަނޑައިފަ 3 އަހަރު ނިމިގެންދިޔައިރުގަ ފަސް ހާސް ރުފިޔާއަށްވުރެ ބޮޑުކޮށް އެންމެ ފަހަރަކުވެސް ދައުލަތުގެ ބަޖެޓުން އަޅުގަނޑުމެންނަށް ލާރި ފޮއްޗެއްނުދޭ. 2008ގެ ފަހުން ރާއްޖޭގެ ވެރިކަމުގަ ތިއްބެވީ ކޮންބައެއްކަން އަޅުގަނޑަކަށް ތިބެފުޅުންނަކަށް ދަންނަވާކަށް ނުޖެހޭނެ. ބާރު އޮތީ ކޮންބައެއްގެ އަތުގައި ކަމެއް އަޅުގަނޑަކަށ ދަންނަވާކަށް ނުޖެހޭނެ. ވ. އަތޮޅުކައުންސިލްގެ ރައްޔިތުންގެ ނަމުގައި 1.2 މިލިއަން ޑޮލަރު ނުވަތަ 3 މިލިއަން ރުފިޔާ އެރުގަ ރައްޔިތުންގެ ލާރީގެ ގޮތުގައި މާލިއްޔަތުގައި ހުރި. ޚަޒާނާގައި ހުރި. އަޅުގަނޑުމެން އެފައިސާ ބޭނުންކޮށްގެން މަސައްކަތެއްކުރަން ދިޔައިރުގައި އެ ލާރިކޮޅެއް ނެތް. އެ ލާރިކޮޅު ހުރީ ދައުލަތުގެ ޚަރަދަށް އެމްއެމްއޭގެ އެކައުންޓުތަކަށް ޖަމާކުރެވިފަ. އެއެއްމިއެއްނޭނގޭ ގޮތަށް މަސްހުނިކުރެވިފަހުރީ."
އުސްތާޒު މޫސާ ނިޒާރު އިބްރާހީމް

މޫސާ ނިޒާރު މިފަދައިން ވާހަކަފުޅު ދައްކަވައިފައިވާއިރު ވ. އަތޮޅުގެ ބައެއް ރަށްރަށުގެ ބަނދަރު ތޮށިގަނޑު ހަލާކުވެ އަދި ބައެއް ރަށްރަށުގައި ދަތި އުނދަގުލުން ނޫނީ އަރައިފޭބޭނެ ގޮތެއް ނެތުމުގެ ޝަކުވާ ރައްޔިތުން ކުރާތާ އެތައް އަހަރެއްވަނީ ފާއިތުވެގެން ގޮސްފައެވެ.

އެހެން ނަމަވެސް ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކެމްޕޭންކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުން، ޚާއްޞަކޮށް އެމްޑީޕީން ގެންދަނީ ރައްޔިތުންނަށް ހުވަފެންތަކެއް ދައްކަމުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ އެކިފަހަރު އެކި ގޮތްގޮތަށް ލާމަރުކަޒީ ބާރުތައް އޮންނަ ގޮތުގެ ވާހަކަތައް ދައްކަވަމުންނެވެ.

އެހެން ނަމަވެސް މިހާތަނަށް އައިއިރު ލާމަރުކަޒީ ގޮތުން ކައުންސިލްތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ވަނީ ކުޑަކޮށްފައެވެ. ޚާއްޞަކޮށް އެމޑީޕީން އިސްތިޢުފާދިން ސަރުކާރަށްފަހު ދެންއައި ސަރުކާރުތަކުގައި ކައުންސިލްތަކުގެ ގިނަ އިޚްތިޞާޞްތަކެއްވަނީ އެ ސަރުކާރުތަކުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ޖުމްހޫރީ ޕާރޓީގެ ހޯމަ ދުވަހުގެރޭގެ ޖަލްސާގެ ތެރެއިން

މޫސާ ނިޒާރު ވިދާޅުވީ މިހުރިހާ ކަމެއްގެ ތެރޭގައިވެސް ޖުމްހޫރީ ފިކުރާއި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހިންގުންތެރި ސިޔާސީ ޙިކުމަތްތަކަކީ ދިވެހި ރައްޔިތުންނަށް އަބަދުވެސް ގެއްލެމުންދާ އުއްމީދުތައް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމުގައެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ޕާޓީއަށް މެމްބަރުން އިތުރުކޮށް ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދަވަނީ ރައްޔިތުންނަށް އެއްވެސްކަމެއް ސިއްރު ނުކުރައްވައި ހާމަކަން ބޮޑުކޮށް ކުރައްވަމުންގެންދަވާ ކަންތައްތަކެއްގެ ގޮތުގައި ކަމުގައެވެ.