ދިވެހިރާއްޖޭގެ ގުދުރަތީ ހަމަ ބަދަލުވަމުން އެބަދާ ކަމަށާއި، އެކަމުން އަރައިގަނެ ސަލާމަތްވާނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގިނަ ރައްތަކެއް އާދަޔާ ހިލާފަށް ގިރަމުންދާ މައްސަލައިގައި، އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާާއްވާފަ އެވެ.
މަޖިލިސް ޗުއްޓީގައި ވަނިކޮށް އާއްމުންނަށްވެސް ހުޅުވާލައިގެން ބުދަ ދުވަހު ބޭއްވި މި ކުއްލި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވޭތުވެދިއަ ވިއްސަކަށް ތިރީހަކަށް ދުވަހުގެ ތެރޭގައި ހުޅަނގުން އިރުވަޔަށް ވައި ބަދަލުވި އިރު، އެ ހަޅައިގައި ރާއްޖޭގެ ރަށްތަކަށް މީގެ ކުރިން ނުކުރާކަހަލަ އަސަރެއް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ. ރަށްގިރާ މައްސަލައިގައި މަޖިލީހަށާއި، ކޮމެޓީއަށް ލިބިފައިވާ ފޮޓޯ އާއި އިތުރު ބައެއް ފޮޓޯތައް މަޖިލީހުގެ ރައީސް ވަނީ ކޮމެޓީގެ މެންބަރުންނައް ދައްކާލާފަ އެވެ. އަދި ބައެއް ރަށްރަށް ގިރާލާފައިވާ މިންވަރުގެ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅުއްވައި ދެއްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ގިރަމުންދަނީ ކަންބޮޑުވާ މިންވަރަށްތޯ ދެނެގަނެ އެކަމުގައި ސަރުކާރާއި، އަދި ބައިނަލްއަގުވާމީ ފަރާތްތަކަށް ކުރެވޭ ކަންކަމަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލަކީ ދުނިޔޭގައި އެއްވެސް ސަރުކާރަކަށް ކުއްލި އަކަށް ހައްލު ގެނެވެން އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތެރެއިން އަރައިގަނެވޭނެ ގޮތް ބަލައި ސިޔާސަތުތައް އެގޮތަށް ބައްޓަން ކުރުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
މި ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވާ ރ. އަތޮޅުގެ މީހުންގެ އުޅޭ 15 ރަށް އޮންނައިރު ރަށްގިރުމުގެ ޝަކުވާ 10 ރަށުން ލިބިފައިވާ ކަމަށެވެ.
މެންބަރު ވަހީދު ވިދާޅުވީ މިކަން ދިގުލައިގެން ދިއައިރު، އެ ކަންކަމުގައި ކަމާއިބެހޭ މިނިސްޓްރީންދޭ ސަމާލުކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިކަމުގެ އަސަރު ހުރީ ކިތައް ރަށަށްތޯ އާއި، އެއީ ކިހިނެއްވާ ކަމެއްކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮސްދިނުމުގައި ކަމާއިބެހޭ އިދާރާތައް އުޅެނީ ފަހަތުފަޔަށް ވަރަށްބޮޑަށް ބުރަކޮށް ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ރަށްގިރުން އިންތިހާއަށް ކުރިމަތިވި އިރު، މިފަހަރުގެ ހަޅަ ނޮވެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ހުޅަނގު ދެކުނުން ޖަހަން ފަށާފައިވާ ކަމަށެވެ.
އާއްމުކޮށް ރާއްޖޭގައި ހަޅަ ޖަހަނީ އިރު އުތުރުން ކަމަށާއި، ނަމަވެސް މިފަހަރު ހުޅަނގު ދެކުނުން ޖަހަން ފެށި ދިގު ހަޅަތައް ނިމުމަކަށް އައީ ދިގު ހަޅައަކަށް ފަހުގައި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރަށްތައް ގިރާލައި، 200، 300 އަހަރުވެފައިވާ ގަސްތަކާއި ރުއްތައް ނެތިގެން ގޮސްފައިވާކަމަށެވެ.
އެހެންކަމުން މިހާރުން މިހާރަށްވެސް ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް އިސްކަން ދިނުމަށްފަހު، ހަމަ ފަޅުތަކާއި ފަރުތައް ހިއްކުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވީ، މީހުން ނޫޅޭ ފަޅު ރަށްރަށްވެސް ވަރަށްބޮޑަށް ގިރައިގެން ގޮސްފައިވާ ކަމަށާއި، އަޅާނުލާ ތިބޭނަމަ ފަޅުރައްތައް ދިވެހިންގެ އަތުން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ ހަފުތާބަންދުގައި އަތޮޅުތެރެއިން ވަޑައިގެންނެވި އިރު، ގދ. ގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވި ކަމަށާއި، އެ ސަރަހައްދުގެ މީހުން އުޅޭ ރަށްތައް ވެސް ގިރަމުންދާއިރު، ފަޅުރަށްތައްވެސް ގިރާލާފައިވާކަމަށް ވިދާޅުވި އެވެ.
ގދ. އޮޑެގައްލާގެ ދެބައިކުޅަ އެއްބައި ގިރާލާފައި ވާއިރު، ވޮޑަމުލާގެ އިރުމަތީ ފަޅި އެއްކޮށް ގިރާލާފައިވާ ކަމަށްވެސް މެންބަރު ޔައުގޫބު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރުމުގެ މައްސަލަ ކުރިމަތިވުމާއި ގުޅިގެން މަޖިލީހުގެ ތިމާވެށި ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ، މި މައްސަލަ ބައިނައިލް އަގުވާމީ ސަމާލުކަމަށް ގެނައުމަށާއި، ތިމާވެށީގެ މައްސަލަތައް ދެނެގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ރިވިއު ކުރުމަށެވެ. އަދި މީގެ އިތުރަށް އެންވަޔަރުމަންޓް މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރެއްވުމަށްވެސް ވަނީ ނިންމަވާފަ އެވެ.
އަދި އެ މަސަްކަތްތަކަށް ފަހު، އެންވަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީން މަޖިލީހުގައި އެމައްސަލަ ދިރާސާކުރުމަށް، ކޮމެޓީ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށްވެސް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ ކަމަށް ސައިންސްވެރިން ލަފާކުރަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް،،އެކަމުގެ ހެކިތައް ރާއްޖެއިން ފެންނަމުންދާއިރު، ރަށްގިރުމުގެ މައްސަލަތައް ރާއްޖެއަށް އިންތިހާއަށް ދަނީ ފޯރަމުން ނެވެ.
ރާއްޖޭގެ ކުޅިތަކާއި ފަރުތައް ރައްކާތެރި ކުރުމަކީ ރާއްޖޭގެ ރައްކަލަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށާއި، އެކަމަށް އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވުން މުހިންމުކަމަށް ހިއުމަން ރައިޓްސް ވޮޗު އިން ވެސް ވަނީ ބުނެފަ އެވެ.