ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ސްކޫލުތަކުގައި ދަސްވާރު ޕްރޮގްރާމް ފެށިގެން އައިއިރު އެ ޕްރޮގްރާމް ފެނިގެންދިޔައީ ވަރަށްވެސް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައެވެ. ޕްރޮގްރާމުގެ ސަބަބުން އޯލެވެލް އިމްތިހާނުގައި ސްކޫލުތަކުގެ ނަތީޖާ ރަނގަޅުވުމާއި މުޅި ގައުމުގެ ޖުމްލަ ނަތީޖާ ރަނގަޅުވާ ވާހަކަތަކުން އެންމެންގެ ހިތްތަކަށް ފިނިކަން ގެނުވިއެވެ.

އެހެންނަމަވެސް މިކަމާގުޅިގެން ބައެއް ބެލެނެރިންނާ މުދައްރިސުންގެ އިތުރަށް ބައެއް ދަރިވަރުންގެވެސް ޝަކުވާތަކެއް ހުއްޓެވެ. މަދު ބައެއްގެ ކުދި ޝަކުވާތަކެއް ހުރިކަމުގައިވީ ނަމަވެސް އަދާހަމައަށް އެކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައިނެތީ ކަމުން ލިބޭ ފައިދާތަކުގެ އަނދުނުން ލޯތައް ޖަރީވެފައި ހުރުމުންނެވެ.

ސަރުކާރު ބަދަލުވެ 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއެކު އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މި ޕްރޮގްރާމް ހުއްޓާލަން ނިންމާފައެވެ.

( މާލެ ، 12 ޖެނުއަރީ 2019 ) -- އިއްޒުއްދީން ސްކޫލް ރަސްމީކޮށް ހުޅުވުން - ވީފޮޓޯ : އަހުމަދު ޝުރާއު

ދަސްވާރު ޕްރޮގްރާމަކީ ކޮބާ؟

ދަސްވާރަކީ ގްރޭޑް ދިހެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ކުރިއަށްގެންދާ ކޯހެކެވެ. އެ ކޯހުގެ ތެރޭގައިވެސް ހޮސްޕިޓާލިޓީ ދާއިރާގެ އިތުރުން އޭސީފަދަ ތަކެތި މަރާމާތުކުރުމާއި ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ވެސް ކިޔަވައިދެއެވެ. މިއިން ކޮންމެ ކޯހަކީ ލެވެލް 3 ސެޓްފިކެތެއް ލިބިގެންދާ ކޯހަކަށްވާއިރު މީގެ އެއް ކޯހަކީ އޯލެވެލްގެ ތިންފާސް ކަމުގައި ބެލެވެއެވެ.

ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 9 ގައި ނަތީޖާދަށްވެ މާއްދާތަކުން ފާސްނުވާ ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވުމަށް މަޖުބޫރު ވެގެންދެއެވެ. އަދި އެހެން ދަރިވަރުންނަށް މަޖުބޫރުވާ 4 މާއްދާ ކަމަށްވާ ދިވެހި އިސްލާމް ހިސާބު އަދި އިނގިރޭސި މިމާއްދާތަކުގެ ތެރެއިން ބޭނުން މާއްދާތަކެއް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކުއްޖާއަށް ކިޔަވަންވެސް ފަސޭހަވީއެވެ. ބޭނުން މާއްދާއެއް ކިޔަވައި ބޭނުން ނުވާ މާއްދާ ނުވަތަ ނަތީޖާ ދަށް މާއްދާ ދޫކޮށްލުމުގެ ފުރުސަތުވެސް ލިބިގެން ދިޔައީއެވެ. މުޅި އޯވަރޯލް ނަތީޖާއަށް ބަލާއިރުވެސް ބޮޑުތަން ރަނގަޅުވެގެން ދިޔައީއެވެ. 8 މާއްދާ ހަދައި އޯލެވެލް އިމްތިހާނުގައި ބައިވެރިވެގެން 2 މާއްދާއިން ފާސްވުމުގެ ބަދަލުގައި 2 މާއްދާއިން އޯލެވެލް ހަދައި އިތުރުގޮތަކުން 3 ފާސް ލިބުނު ކަމަށް ބެލެވުނީއެވެ.

( މާލެ ، 12 ޖެނުއަރީ 2019 ) -- އިއްޒުއްދީން ސްކޫލް ރަސްމީކޮށް ހުޅުވުން - ވީފޮޓޯ : އަހުމަދު ޝުރާއު

މި ކޯހުގެ މައްސަލައަކީ ކޮބާ؟

ކޯހުގެ ސަބަބުން ނަތޖާ ރަނގަޅުވެއެވެ. ދަރިވަރަށް ސެޓްފިކެޓެއް ލިބިގެންދެއެވެ. މުޅި ގައުމީ ފެންވަރުގައި ބަލާނަމަ ސްކޫލުތަކުގެ ނަތީޖާވެސް އެތައްތަނަކުން ކުރިއަށް ޖެހިފައިވާކަން ހާމަވެގެންދެއެވެ. އެހެންނަމަވެސް މިއީ ފެންނަ މަންޒަރެވެ. ދަސްވާރު ޕްރޮގްރާމުގެ ބޮޑު މަންޒަރު އަދާހަމައަށް އޮތީ ފޮރުވިފައެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދާއި ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވަނީ ދަސްވާރު ޕްރޮގްރާމުން ދަރިވަރުންނަށާއި ކުރިއަށް އޮތް މުޅި ޖީލަށް ލިބިގެންދާ ގެއްލުންތައް ވަރަށް ތަފްސީލީގޮތެއްގައި ހިއްސާ ކުރައްވާފައެވެ.

އެންމެ ފުރަތަމަ ކަމަކަށް ޑރ އަބްދުﷲ ރަޝީދު ފާހަގަކުރައްވާފައިވަނީ އެއީ ރާއްޖޭގައި ތައުލީމު ދިނުމަށް ކަނޑައަޅާފައިވާ ކަރިކިއުލަމްގައިވެސް ހިމެނޭ ކަމެއް ނޫން ކަމެވެ. ރާއްޖޭގެ ކަރިކިއުލަމަށް ބަލާއިރު ކޮންމެ ދަރިވަރަކުވެސް މަދުވެގެން 5 މާއްދާއިން އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަކީ ހިމަނާފައިވާ ގޮތެވެ. އެހެންނަމަވެެސް ކަރިކިއުލަމުންވެސް ބޭރުން އުފެދިގެން މިއައި ދަސްވާރުގެ ސަބަބުން ދަރިވަރުންނަށް ގިނަ މާއްދާތަކެއް ނުކިޔަވާ ދޫކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު މީގެތެރޭގައި ދިވެހި އިސްލާމްވެސް ހިމެނެނީއެވެ. ސައްތައިން ސައްތަ މުސްލިމް އަދި ދިވެހި ގައުމެއްގައި ބޭސިކް އެޑިއުކޭޝަންގެ ތެރޭގައި މި ދެމާއްދާ ނުހިމަނާ ކުރިއަށް ދިޔުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫންކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ ދަރިވަރުގެ ނަތީޖާ ކިތަންމެ ދަށް ކަމުގައިވީ ނަމަވެސް ދަރިވަރަށް އެ އުނގެނުމުގެ ފުރުސަތުން މަހުރޫމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އިމްތިހާނުގައި އެންމެ ފުރިހަމަ ޖަވާބު ނުދެވުނު ކަމުގައިވީނަމަވެސް ދަރިވަރު ކުލާހުގައި އިނދެ މުއްދަރިސު ގާތުން އެ ފިލާވަޅު ނަގާފަިއވާނަމަ އެ އިލްމަކީ ކުއްޖާގެ ސިކުނޑީގައި ކޮންމެވެސް މިންވަރަކަށް ހުންނާނެ އެއްޗެއް ކަމަށާއި ގްރޭޑް އެކަކުން ފެށިގެން 10 އަކާ ހަމައަށް މިދޭ އަސާސީ ތައުލީމުގެ ހަގީގީ ބޭނުމަކީވެސް އެއީ ކަމަށް ޑރ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރަށް ދަރިވަރުންނަކީ ކިޔެވުމުގެ އެކި މަރުހަލާ ތަކުގައި ނަތީޖާ ބަދަލުކުރާ ބައެއްކަން ހަނދާން ބަހައްޓަންޖެހޭ ކަމަށާއި، މޮކް ޓެސްޓަށް ފަހު އޯލެވެލް އިމްތިހާނުގައިވެސް ނަތީޖާ ރަނގަޅުކުރާ ދަރިވަރުން ތިބިކަމީ އެކި އަހަރުތަކުގެ ތަފާސްހިސާބުތަކުން ފެންނަން އޮތް ހަގީގަތަކަށް ވާއިރު ގްރޭޑް ނުވައެއްގެ ނަތީޖާއަށް ބަލައި ކުއްޖާއަށް އެތައް ފުރުސަތުތަކެއް ގެއްލުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުގެ ދަށް ނަތީޖާ ފޮރުވައި އޭގެމަތީގައި ފަރުދާއެެއް އެޅުމަށްވުރެ މުހިންމީ ކޮންމެ އެއްޗަކީވެސް އޭގެ އެންމެ ކުޑަ މިންވަރު ދަރިވަރަށް އެނގޭ އެއްޗަކަށް ހެދުން ކަމަށެވެ.

( މާލެ ، 12 ޖެނުއަރީ 2019 ) -- އިއްޒުއްދީން ސްކޫލް ރަސްމީކޮށް ހުޅުވުން - ވީފޮޓޯ : އަހުމަދު ޝުރާއު

ހުނަރަކީ "ދަށް" ކުދިންގެ އެއްޗަކަށް ބަލައި ހުނަރުގެ އަގު ވައްޓާލާފައި:

ދަސްވާރު ޕްރޮގްރާމް ފެށިގެން އައިއިރު އެއީ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގެ ގޮތުގައި އައި އެއްޗެކެވެ. އަދި މި ޕްރޮގްރާމް ވެގެންދިޔައީ ދަށް ކުދިން ނުވަތަ ފާސްނުވާ ކުދިންގެ އެއްޗަކަށެވެ. މާނައަކީ ހުނަރަކީ ދަށް ކުދިންނަށް އެކަނި ދަސްކޮށްދޭ އެއްޗެއް ކަމުގައި ވެގެންދިޔުމެވެ. ހުނަރުވެރި ގިނަ ކަންތައްތަކެއް ކުރާ ކުދިބައެއް "ދަސްވާރު" މި ނަމުގެ ތެރޭގައި ބެދި ކުއްޖާއަކީ ދަށް ކުއްޖެއްގެ ގޮތުގައި ލޭބަލް ވެގެންދިޔުމެވެ.

އެހެންނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ކަމާމެދު ސުވާލު އުފެދެއެވެ. ތައުލީމީ ދާއިރާގައި ކިތަންމެ މޮޅުމީހާވެސް ނޫނީ އޯލެވެލް ޓޮޕް ޓެންގެ އެއްވަނަގައި ހިމެނޭ ދަރިވަރަކީވެސް މާދަމާ މޮޅު ކަނބުރުވެރިއަކަށް ވެދާނެއެވެ. މިފަދަ ކިތަންމެ މަންޒަރެއް މުޅި ދުނިޔެއިންވެސް ފެނިފައި އެބަހުއްޓެވެ. އެހެންކަމަށް ވާއިރު ރާއްޖޭގެ ސްކޫލުތަކުގައި ހުނަރަކީ ހަމައެކަނި ތައުލީމީ ދާއިރާގައި މޮޅުނޫން ބަޔަކަށް ދަސްކޮށްދޭ އެއްޗަކަށް ހަދަންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ މިހާރު ސްކޫލުތަކުގައި ކިތަންމެ މޮޅު ކުއްޖާވެސް ދަސްވާރު ހަދާނަމަ އެއީ ދަށް ކުއްޖެއް ކަމަށެވެ. ހުނަރަކީވެސް މޮޅުކަމަކަށް ވާއިރު އެކަމުގެ އަގު މުޅިން ވައްޓާލާފައިވާ ކަމަށާއި އޭގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުންވެސް އަސަރުކުރަމުންދާ ކަމަށެވެ. އެއީ އެކަން ހިނގަންވާނެ ގޮތް ނޫން ކަމަށާއި މިސަުކާރުގެ އަމާޒުހުރީ ސްކޫލުތަކުގައި ހުނަރަކީ ތައުލީމާ އެއްވަރަކަށް އިސްކަންދޭ އެއްޗަކަށް ހެދުމަށް ކަމަވެސް ވިދާޅުވިއެވެ. އަދި ބޭނުންވަނީ ސްކޫލަކިން ނިކުންނަ ކޮންމެ ދަރިވަރަކިވެސް ބޭސިކް އެޑިއުކޭޝަން ފުރިހަމަކޮށް ހުނަރުވެރި މޮޅު ކުއްޖަކަށް ހެދުމަށް ކަމަށެވެ.