އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން ގުދުރަތީ މައުހައުލާއި ނިޒާމުތަކަށް އަންނަ ނޭދެވޭ ބަދަލުތައް ފެންނަމުންދާ ކަމަށް އެންވަޔަރަމަންޓް މިިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގައި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތަކާ ގުޅޭގޮތުން އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާގުޅޭ ވުޒާރާތަކުން ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދަމުންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން، ށ. ފުނަދޫގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން ހިމާޔަތްކުރަނީ ކީއްކުރަންކަން އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަށެވެ. ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާކަން ފާހަގަކޮށް، މި ބަދަލުތައް އަންނަ ސަބަބުތައް ދިރާސާކޮށް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީ.ޕީ.އޭގެ ސާރވޭ ޓީމް މިމައްސަލަތައް ދިރާސާކުރުމަށް މިހާރުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މާޅޮސްމަޑުލު އުތުރުބުރީގައި ހިމާޔަތްކޮށްފައިވާ 03 ސަރަހައްދު ކަމަށްވާ ށ. ބޮލިއްސަފަރު، ށ. ފަރުކޮޅު އަދި ށ. ނާލާހުރާ ފިނޮޅުގެ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމެވެ.

މި ޕްލޭން އެކުލަވާލުމަށް މި ބައްދަލުވުމުގައި ބައިވެރިވި ޅައިމަގު، މަރޮށި، ، ކޮމަންޑޫ، ކަނޑިތީމު، ގޮއިދޫ، ފުނަދޫ، އަދި ނަރުދޫގެ ކަމާއިގުޅޭ ފަރާތްތަކާއި އިދާރާތަކުގެ އިތުރުން ޖަމުއިއްޔާތަކާއި މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު ވަނީ ށ. ފުނަދޫގެ ރަށް ގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

އަދި ބޮޑުތިލަދުންމަތީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ށ. ފަރުކޮޅު އަދި ނ.ބޮޑުޅައިމެންދޫއަށް މިނިސްޓަރ ވަނީ ވަޑައިގެންފައެވެ.

ބުދަ ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ތިލަދުންމަތި އުތުރުބުރި ކައުންސިލުގެ ރައީސް މުޙައްމަދު އާރިފްވެސް ބައްދަލުވުމުގައި ވާހަކަ ދެއްކެވިއެވެ.

އާރިފްގެ ވާހަކަފުޅުގައި ސަރުކާރުގެ މުހިންމު އެއް ވައުދު ކަމުގައިވާ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ކުޅި، އެއް ފަރު އަދި އެއް ރަށް ހިމާޔަތްކުރުމަށް، ތިމާވެށިގެ ގޮތުން މުއްސަނދި ތަންތަނަށް މިފަދަ މެނޭޖްމަންޓް ޕްލޭންތައް ހެދުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ހިމާޔަތްކޮށްފައިވާ ތަންތަނުގެ އިތުރުން، މީހުން ދިރިއުޅޭ ރަށްތަކަށް ވެސް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަންޖެހޭ ކަމަށާއި، އެހެންނޫންނަމަ މުސްތަގުބަލުގައި އެރަށްރަށުގެ ވެށި މިހާރަށްވުރެ ބޮޑަށް ނިކަމެތިވެ ގެއްލިގެންދާނެކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ބޮޑުތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގެ ތެރެއިން މާދަމާ ކެނދިކުޅުދޫގައި ނ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް މަސައްކަތު ބައްދަލުވުމެށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.