ސިވިލް ކޯޓުގައި ޝަރީއަތް ހިންގާ ނިޒާމު މުރާޖައާކުރަން އެންގުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެންގުމަށް ސިވިލް ކޯޓުގައި މިހާރު ގާއިމްކޮށްފައިވާ ޑިވިޜަންތަކަށް ބަހާލައިގެން މައްސަލަތައް ބަަލަމުންދާ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން އެނިޒާމު މުރާޖައާކޮށް އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށް ޑީޖޭއޭއަށް ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނުގައި ވަނީ ބައެއް އިތުރު ކަންކަންވެސް ފާހަގަކޮށްފައެވެ.

އެގޮތުން ބައެއް ފަނޑިޔާރުން މައްސަލަ ބަލަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން ޝަކުވާ ލިބެމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި ބުނެފައިވަނީ ހިނގަމުންދާ މައްސަލަތައް އަވަހަށް ނިންމުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފް ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލަތައް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، އަދުލު އިންސާފާމެދު ސުވާލުއުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށްވެސް ޑީޖޭއޭގައި ދެންނެވުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ތެރޭގައި ނިންމަން ކޯޓުގައި އޮތީ ޖުމްލަ 6،481 މައްސަލައެވެ. އެއީ މިދިޔަ އަހަރު ކޯޓަށް ހުށަހަޅާފައިވާ 4،700 މައްސަލައިގެ އިތުރަށް 2018 ވަނަ އަހަރު ނިމުނުއިރު ކޯޓުން ނުނިމި އޮތް 1781 މައްސަލައެވެ. މީގެ ތެރެއިން 4،907 މައްސަލަ ކޯޓުން ނިންމާފައިވާއިރު، އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި ވަނީ 6 މައްސަލައެކެވެ.

މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 62 އިންސައްތަ މައްސަލަ ނިންމާފައި ވަނީ ޝަރީއަތް ހިންގުމެއް ނެތި ކޯޓުން ބޭރުން، ޑިސްޕިއުޓް ރިޒޮލިއުޝަންތަކުން ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.