މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ކޮސްމެޓިކް ބްރޭންޑެއް ކަމަށްވާ "ނޯޓް ކޮސްމެޓިކްސް" ގެ މޮނޯ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފިއެވެ.

ނޯޓް ކޮސްމެޓިކްގެ އުފެއްދުންތަކަށް ހާއްސަކޮށްގެން މާލޭގައި މި ހުޅުވި އައުޓްލެޓް ހުޅުވުމުގައި އިސް ރޯލެއް އަދާކޮށްފައިވަނީ މިހާރުވެސް ނޯޓުގެ އެކި އުފެއްދުންތައް ވިއްކަމުންދާ ނިއު އެޑިޝަނުންނެވެ. މި ފިހާރާ ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި މި ފިހާރަ ހުޅުއްވައިދެއްވާފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސަރ (ސީއެމްއޯ) އަޒްމީ އަދުނާން ވިދާޅުވީ މިއީ އިންޓަރނޭޝަނަލް ބްރޭންޑެއްގެ މޮނޯ އައުޓެލްޓެއް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ހުޅުވުނު އައުޓްލެޓްގެ ސަބަބުން މިފަދަ އެތައް އައުޓްލެޓެއް އައުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަޒްމީ ވިދާޅުވިއެވެ.

އަދި މިފަދަ އައުޓްލެޓެއް ކާމިޔާބުކަމާއެކު ރައްޖޭގައި ހުޅުވުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް އަޒްމީ ވަނީ ޝުކުރު އަދާކުރަައްވާފައެވެ. ވަކިން ހާއްސަކޮށް ނިއު އެޑިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތަށް އަޒްމީ ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

ނިއު އެޑިޝަނުން ބުނީ އަލަށް ހުޅުވުނު މި އައުޓްލެޓުން ނޯޓް ބްރޭންޑުގެ ހުރިހާ އުފެއްދުންތަކެއް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށް ނިއު އެޑިޝަނުން ބުނެފައި ވެއެވެ.