ބޮލީވުޑްގެ އޭ ލިސްޓު ބަތަލް ސައިފް އަލީ ޚާން އަދި ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގްގެ އަންހެން ދަރި ސާރާ އަލީ ޚާންއަށް ބޮލީވުޑް ފިލްމުތަކަށް އޮންނަ ޑިމާންޑު އިތުރުވެ މިއަހަރަށް ސާރާގެ ތާވަލް ފުލްވެއްޖެއެވެ.

ބޮލީވުޑް ހަންގާމާއިން މިއަދު ރިޕޯޓުކޮށްފައިވާގޮތުން މިއަހަރަށް ސާރާގެ ފަހު ފިލްމު އޭނާ ވަނީ މިހާރު ނަގާފައެވެ. އެއީ އާނަންދް ލާލް ރާއީގެ ކުރިއަށް ރިލީޒްވާން އޮތް ޑައިރެކްޝަން "އަތްރަންގީ ރޭ" އެވެ.

މިފިލްމުން ސާރާ ފެނިގެންދާނީ އަކްޝޭ ކުމާރް އަދި ދަނުޝްއާއެކު ލީޑް ރޯލުންނެވެ.

ދެ ފިލްމަކުން އެކުއެކީހެން ބޮލީވުޑަށް ތައާރަފުވި ސާރާ އަލީ ޚާންގެ އެންމެ ފުރަތަމަ ފިލްމަކަށް ސިނަމާގައި އެޅުވީ ސުޝާން ސިންގްއާއެކު އޭނާ ލީޑްރޯލުން ފެނުނު "ކޭދަރްނާތް" އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރަންވީރް ސިންގްއާއެކު ލީޑްރޯލުން ސާރާ ފެނުނު "ސިމްބާ" ވެސް ސިނަމާތަކުގައި އެޅުވިއެވެ.

ސާރާގެ މިހާތަނަށް ރިލީޒްވި މި ދެފިލްމަކީވެސް ކާމިޔާބު ދެ ފިލްމެވެ.

ސާރާ ރެޑްކާޕެޓަކަށް ތައްޔާރުވެގެން

އަލަށް ސާރާ ސޮއިކުރި ފިލްމު "އަތުރަންގީ ރޭ" އާ ގުޅޭގޮތުން ޑައިރެކްޓަރު އާނަންދް ބުނީ މިފިލްމަކީ ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށާއި އަކްޝޭ ފަދަ އެކްޓަރަކަށް ނޫނީ ނުކުޅެވޭނެ ރޯލެއް ފިލްމުގައި ހިމެނޭ ކަމަށެވެ. އަދި ފިލްމަކީ "ގޭމް ޗޭންޖިންގް" ފިލްމަކަށް ވާނެ ކަމަށާއި ސާރާ އަދި ދަނުޝްއާމެދުވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އާނަންދް ވަނީ ބުނެފައެވެ. މިފިލްމުގައި ސާރާއާ ދަނުޝް އަދާކުރާނީ ދެ ލޯބިވެރިންގެ ރޯލެވެ.

ސާރާގެ މިއަހަރު ކުރިއަށް ރިލީޒްވާން ހުރި ފިލްމުތަކަށް ބަލާއިރު އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ކާރްތިކް އާރްޔާންއާއެކު ލީޑް ރޯލުން ފެނިގެންދާ "ލަވް އާޖް ކަލް" ސިނަމާތަކުގައި އަޅުވާނެއެވެ. މިއީ އެތައް ބަޔަކު އުއްމީދުކުރަމުން އައިސްފައިވާ ފިލްމެކެވެ.

އަނެއްކޮޅުން ސާރާ ވަރުން ދަވަންއާއެކު ފެނިގެންދާ "ކޫލީ ނަމްބަރު 1" ވެސް މިއަހަރު ސިނަމާތަކުގައި އަޅުވާނެއެވެ. އެފިލްމުގެ މަންޒަރުތައް މިހާރު ނަގަމުން ދާއިރު މިފިލްމަށް ސާރާ ލާން ނިންމީ ކުރިން އެފިލްމަށް ނަގާފައިވާ އާލިއާ ބަޓްގެ އަތުން އެރޯލު ނެގުމަށްފަހުއެވެ.

ސާރާގެ އެކްޓިންއަށް ގިނަ ޑައިރެކްޓަރުން ތަޢުރީފުކުރަމުން ދާއިރު އެތައް ޕްރޮޑިއުސަރުންނެއް މިހާރު ތިބީ ސާރާގެ ތާވަލުން ތާރީޚެއް ލިބޭނެ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ.