އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއްގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ މަގާމު ހޯދާފައިވާ އެލައިޑް އިންޝުއަރެންސަކީ މީގެ 35 އަހަރު ކުރިން އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް އެ ކުންފުނި ތެރޭގައި އުފެއްދި ޑިޕާޓްމެންޓެކެވެ. އެހެންނަމަވެސް އެ ޑިޕާޓްމެންޓުގެ މަސައްކަތްތައް ފުޅާވެ، ބޮޑު ކުންފުންޏަކަށް ބަދަލުވެ، އެލައިޑް އިންޝުއަރެންސް މިހާރު މިވަނީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއްގެ ދިިރިއުޅުމާއިވެސް ގުޅިފައެެވެ.

އިންޝުއަރެންސް އިންޑަސްޓްރީގައި އީޖާދީ ޕްރޮޑަކްޓުތަކެއް ތައާރަފުކުރަމުން އަންނަ އެލައިޑް އިންޝުއަރެންސްގެ ކޮންމެ އުފެއްދުމެއްވެސް ނުވަތަ ޕްރޮޑަކްޓެއްވެސް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެނީ ކޮންމެވެސް ތަފާތުކަމަކާ އެކުގައެވެ. އެކުންފުނީގެ އިޝްތިހާރެއްވިޔަސް ނުވަތަ ކެމްޕެއިނެއް ފެށިޔަސް ކޮންމެވެސް ތަފާތުކަމެއް ރައްޔިތުންނަށް އަބަދުވެސް ފެނިގެންދެއެވެ.

190 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފައިދާ އިތުރުވެ އިންޝުއާ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް މިހާރު ވަނީ އަރާފައެވެ.

ކޮންމެ އަހަރަކުވެސް އެލައިޑުން އަހަރީދުވަސް ފާހަގަކުރަނީ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް:

ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 30ވަނަ ދުވަހު އެލައިޑް އިންޝުއަރެންސްގެ އަހަރީދުވަސް ފާހަގަކުރާއިރު، އެކުންފުނިން ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރަނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނަށްވެސް އެއިން ފައިދާވާނެފަދަ ގޮތަކަށެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް ދުއްވާ މީހުންނަށް އެލައިޑް އިންޝުއަރެންސުން، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ހާއްސަ ސްޓިކާއެއް ބަހަން މިވަނީ ފަށާފައެވެ.

"ގުޑް ސިޓިޒެން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ޓްރެފިކް ފުލުހުން ވަނީ ޗެކް ޕޮއިންޓުތައް ބަހައްޓާފައެވެ. މި ޗެކް ޕޮއިންޓުތަކުގައި ޗެކުކުރާ އުޅަނދުތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުންތައް ހުރި މީހުންނަށް އެލައިޑުގެ ސްޓިކާ ލިބޭނެއެވެ.

އެލައިޑުގެ ސްޓިކާ ލިބޭ މީހުން އެ ސްޓިކާ އެލައިޑުގެ އޮފީހާ ހަވާލުކުރުމުން އިނާމެއް ލިބޭއިރު، އިނާމުތަކުގެ ތެރޭގައި، މޯލްޑިވިއަންގެ ޓިކެޓާއި ލޮޓަސް ފިހާރައިގެ ހަދިޔާ އަދި ފިއުލް ސަޕްލައި މޯލްޑިވްސް އިން ދޭ ކޫޕަންތައް ހިމެނެއެވެ. އެފްއެސްއެމްގެ ކޫޕަންތައް ބޭނުންކޮށްގެން ހިލޭ ޕެޓްރޯލް އެޅޭނެއެވެ.

މިއަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ހަރަކާތަކީ ދުއްވާ އުޅަނދުތައް ގަވާއިދާ އެއްގޮތަށް ދުއްވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އަހަރީދުވަހާ ދިމާކޮށް އެލައިޑުން ވަނީ މަގުމަތީގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން "ރައްކާ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފައެވެ. "ރައްކާ" ކެމްޕޭނަކީ މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވަން ފާއިތުވި ފަސް އަހަރު އެލައިޑާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކެމްޕޭން ކުރިއަށް ގެންދިޔަ ނަމަވެސް މިއަހަރުގެ ކެމްޕޭން ހާއްސަ ކޮށްފައިވަނީ މާލެއާއި އައްޑޫ އަދި ފުވައްމުލަކަށެވެ.

އެލައިޑަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ނަމޫނާ ކުންފުންޏެއް:

މުޖްތަމައުގައި ހިނގާ އެކިއެކި ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައިވެސް ބޮޑު ދައުރެއް އަދާކުރާ އެލައިޑް އިންޝުއަރެންސް އަށް 35 އަހަރު ވެފައިވާއިރު، ރާއްޖޭގައި އެކުންފުނީގެ މާކެޓް ޝެއާ މިވަނީ 60 އިންސައްތައަށްވުރެ މައްޗަށް އަރާފައެވެ.

އެލައިޑުން އަންނަނީ ކުންފުނިތަކުގެ އިތުރަށް އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރެންސް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި މެޑިކަލް، މޮޓޯ އަދި ލައިފް އިންޝުއަރެންސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް ދަތުުރުވެރިޔާއަށް ދަތުރުމަތީގައި ކުރިމަތިވާ ކަންކަމަށް ރައްކާތެރިކަން ލިބިދޭ ގޮތަށް އެލައިޑުން ފަރުމާކޮށްފައިވާ ޕްލޭންވެސް ފާހަގަކޮށްލެވެއެވެ. އިންޝުއަރެންސްގެ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް އެލައިޑުން އަންނަނީ ތަފާތަު އުކުޅުތައް ބޭނުންކުރަމުންނެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ އެލައިޑް އިންޝުއަރެންސުން ކުރިޔަށްއޮތްތަނުގައިވެސް މިފަދަ ޚިދުމަތްތައް އެއްވެސް ދައްޗަކާނުލައި އިތުރު ފުރިހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.