ނަފްސާނީ ބަލި، މިއީ އަޑުއަހާލަން އާ ނަމަކަށް ނުވާނެއެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުންވެސް ފެންނަމުންދާ ވަރަށްވެސް އާންމު ބައްޔެކެވެ. ރާއްޖޭގައިވެސް ވަކި އުމުރެއް ނެތި ގިނަ ބަޔަކަށް ތަހައްމަލުކުރަން ޖެހިފައިވާ ކަމެކެވެ. ބަލާބެލުމަށް މީހާގެ މޫނުމަތިންނާއި އުޅުމުން މާބޮޑެތި ކަންތައްތަކެއް ފާހަގަނުވެދާނެއެވެ. އެމީހާގެ ބަލިކަން ލޮލަށް ނުފެނިދާނެއެވެ. އެހެންނަމަވެސް ނަފްސާނީ ބަލި ހުންނަ ކޮންމެ މީހަކީވެސް ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. ހަށިގަނޑުގައި އަޅަނީ ކޮން ވޭނެއް ކަމެއް އަޅާ ވޭން އަޅަނީ ކޮންތަނެއްގައި ކަމެއް މިފަދަ ގިނަ މިހުންނަށް ބުނެދޭން ނޭނގެއެވެ. ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮން ވޭނެއްކަން ހުދު އެމީހުނަށްވެސް ނޭނގެނީއެވެ.

އެހެންނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ބަވަނަވުމުގެ ސަބަބުން މީހުންގެ ލޯ ދުނިޔެއަށް ހުޅުވި ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރިވާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެނގި ގަބޫލުކުރަން ބޭނުންނުވިޔަސް މިއީ އޮންނަ ކަމެއްކަން މިހާރު ގިނަ މީހުން ގަބޫލު ކުރެއެވެ. ގަބޫލުކުރަން މަޖުބޫރުވެސް ވެއެވެ. މުޖުތަމައު ތެރޭގައި މިފަދަ ބަލި ހުންނަ މީހުންނަށް ބެލޭނެ އެންމެ ރަނގަޅަކަށް ބަލައި އަޅާލުން ދެއެވެ.

އެހެންނަމަވެސް އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަމަކުން މިފަދަ ބަލިތަކަށް ފަރުވާއެއް ނުލިބެއެވެ. މިއީ ކަމާ ބެހޭ ޕްރޮފެޝަނަލުންނާއި ބޭސްވެސް ބޭނުންވާ ބައްޔެކެވެ، ރާއްޖޭގައި މިފަދަ ފަރުވާތައް ލިބެން އެބަހުއްޓެވެ. އެންމެ ފުރިހަމަ ނޫން ކަމުގައިވީ ނަމަވެސް ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ އިންސްޓިޓިއުޓްތައްވެސް މަދެއް ނޫނެވެ. އެގޮތުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު ހިދުމަތްތައް ލިބޭ ކްލިނިކްތައް އެބަހުއްޓެވެ.

އެހެންނަމަވެސް މިއީ އަމިއްލަ ފަރާއްތަކުން ހިންގާ ކްލިނިކްތަކެވެ. މި ކްލިނިކްތަކުން ދޭ ފަރުވާތަކުގެ އަގަށް ބަލާއިރު މެދު ފަންތީގެ ރައްޔިތަކަށް އެ އަގުގައި ކްލިނިކްތަކުން ފަރުވާ ނުހޯދޭނެ ކަމާއި މެދު ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތީއެވެ. އެ ތަންތަނުގައި އެއް ގަޑިއިރުގެ ތެރަޕީ ސެޝަނެއްގެ އަގު އާއްމުކޮށް އުޅެނީ 500ރ. އަށެވެ. ނަފްސާނީ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓްތަކުގެ އަގު އުޅެނީ 1،500ރ. އާއި 3،000ރ. އާ ދެމެދު އަގުތަކެއްގައެވެ.

ތިމާގެ ބަލި ހުންނަކަން އެނގުނު ކަމުގައިވީ ނަމަވެސް، މާލީ ހާލަތަށް ބަލައި ފަރުވާއަކާ ހަމައަށް މި އަގުގައި ދާ މީހުން މަދެވެ. އެ ތަނަވަސްކަން އޮތް މީހުންވެސް މަދެވެ. ނަފްސާނީ ބައްޔަކީ އޮންނަ ކަމެއްކަން ބަލައިގަންނަ އުސޫލުން އެކަމުގެ ފަރުވާއަށް ލުއިތަކެއް ހޯދައިދިނުމަކީވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިހުރިހާ ކަމަކަށް ރިއާޔަތްކޮށް 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ސަރުކާރުން ވަނީ އާސަންދައިގެ ދަށުން ހިދުމަތް ލިބޭގޮތަށް ނަފްސާނީ ބައްޔަށް ފަރުވާދޭ ކްލިނިކެއް ގާއިމްކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކްލިނިކުން 4000 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އެފަދަ ފަރުވާއަކަށް އެދި ގިނަ ބަޔަކު ތިބިކަން މި އަދަދުން އެކަނިވެސް ހާމަވެގެން ދެއެވެ.

އެހެންނަމަވެސް މިއީވެސް އެންމެ ފުރިހަމަ ހައްލަކަށް ނުވެއެވެ. މިފަރުވާތަކުގެ އަގުތަކާއި ގުޅިގެން އާންމުންގެ ޝަކުވާ އަދިވެސް ކުޑައެއް ނޫނެވެ. އެހެންނަމެވެސް މި ބައްޔަކީ ސަރުކާރުންވެސް އެކަމަށް އިސްކަންދޭ ކަމެއްކަން ސަރުކާރުން ހުޅުވި ކްލިނިކުންވެސް ހާމަވެއެވެ. އަދި އަމިއްލަ ކްލިނިކްތަކުންވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ވައުދާ އެއްގޮތަށް މިހާރު މިވަނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދައިގެ ދަށުން ކަވަރު ކުރަން ނިންމާފައެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން މިފަދަ ބައެއް ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާފައިވާއިރު އަމިއްލަ ކްލިނިކްތަކުންދޭ ކޮންސަލްޓޭޝަނާއި ސައިކޮލޮޖިކަލް އެސެސްމަންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ ފަދަ ޚިދުމަތްތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުގައި އާސަންދައިގެ ދަށުން ހިދުމަތަށް ކަނޑައަޅާފައިވަނީ އަހަރަކަށް 5،000ރ. އެވެ.

އަގުތައް ދަށްކުރެވި މި ޚިދުމަތްތައް ރައްޔިތުންގެ އަތްފޯރާ ހިސާބަށް ގެނެވުނު ކަމުގައިވީ ނަމަވެސް އަދިވެސް މީގައި ދިމާވާ ގޮންޖެހުމެއް އެބަވެއެވެ. މި ބަލި ހުންނަ މީހުން ފަަރުވާ ހޯދަން ފަސްޖެހުމެވެ.

ދިރާސާތަކުން ދައްކާގޮތުން ގިނަ ބަޔަކު މިބައްޔަށް ފަރުވާ ހޯދުމަށް ފަސްޖެހެނީ ސޯޝަލް ސްޓިގްމާ ނުވަތަ މުޖުތަމައުގެ ފަރާތުން އޭނާއަށް ކުރިމަތިވާނެ ކަންކަން ނުވަތަ މަލާމާތުން ސަލާމާތްވާށެވެ. ގިނަ މީހުންނަށް އެމީހުންނަށް ކުރިމަތިވާ ނުތަނަވަސްކަން ނުވަތަ ދިމާވާ މައްސަލަަތައް ހިއްސާކުރުން ވަނީ ވަރަށް ދަތި ކަމަކަށެވެ.

މީގެ އިތުރަށް ގިނަ ބަޔަކު ފަރުވާ ހޯދުމަށް ފަސްޖެހެނީ އެމީހުންނަށް ފަރުވާ ހޯދަން އަދި ނުޖެހޭ ކަމަށް ގަބޫލު ކުރެވޭތީއެވެ. މީހަކު ފަރުވާ ހޯދަން ބުނުމުން ދެކޮޅު ހަދާނެއެވެ. މީހެއްގެ ކިބައިގައި ނަފްސާނީ މައްސަަލަ ހުރިކަން އެމީހާއަށް ދެނެގަނެވޭ ހިސާބުން ފަރުވާ ހޯދަން ނުޖެހޭކަން ދެއްކުމަށް ބަހަނާ ނުވަތަ އުޒުރު ދެއްކުމަކީވެސް އާއްމު ކަމެކެވެ.

ހަމައެއާއެކު އެކަމަށް ފަރުވާ ހޯދުމަށް ބިރުގަތުމުގެ ސަބަބުން ފަސްޖެހޭ ބަޔަކުވެސް އުޅެއެވެ. ތިމާއަށް ދިމާވާ ކަންކަން ކިޔައިދިނުމަށް ބިރުގަންނަ ބަޔަކުވެސް އޭގެ ތެރޭގައި އުޅެއެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ބިރުގަންނަންވީ ކަމެއް ނޫނެވެ. މިކަމަށް ހޯދަންޖެހޭ ފަރުވާ ހޯދުމުން ބަލި ތަހައްމަލު ކުރާ މީހާއަށް ލިބޭނީ ހިތްހަމަޖެހުމެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން 30 އިންސައްތައާއި 80 އިންސައްތައާ ދެމެދު މީހުންނަކީ އެކަމުން ސަލާމަތްވުމަށް އެއްވެސް ފަރުވާއެއް ނުހޯދާ މީހުންނެވެ. މީގެ ތެރޭގައި ބައިޕޯލާ ޑިސްއޯޑަރ ހުންނަ 50 އިންސައްތަ މީހުންނާއި، ޕެނިކް ޑިސްއޯޑަރ ހުންނަ 55 އިންސައްތަ މީހުންނާއި، މޭޖަރ ޑިޕްރެޝަން ހުންނަ 56 އިންސައްތަ މީހުން ހިމެނެއެވެ.