ނުރައްކާތެރި ކޮރޯނާވައިސް ޗައިނާގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ދިއުމަކީ ދުނިޔޭގެ އާންމު ސިއްހަތަށް ނުރައްކާވެފައިވާ ކުއްލި ހާލަތެއް ކަމަށް ކަނޑައަޅައި، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން އެކަން އިޢްލާން ކޮށްފިއެވެ.

ޑަބްލިޔޫއެޗްއޯއިން ދުނިޔޭގައި ސިއްހީ ކުއްލި ހާލަތު އިޢްލާން މިކުރީ، ޗައިނާއިން ބޭރުގައި، ކޮރޯނާވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރަމުންދާ ކަމަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ޑަބްލިޔޫއެޗްއޯގެ މި ނިންމުމުގެ މާނައަކީ، މިއީ، ވައިރަސްއާ ކުރިމަތިލުމުގައި ޑަބްލިޔޫއެޗްއޯގެ އިރުޝާދާއެކު ދުނިޔޭގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ހާލަތެކެވެ.

މިހާލަތު އިޢްލާން މިކުރީ، ޑަބްލިޔޫއެޗްއޯގެ އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީގެ ދެވަނަ ކުއްލި ބައްދަލުވުން ޖެނީވާގައި މިއަދު ބޭއްވުމަށް ފަހުގައި، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއެވެ.

އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީއަކީ ދުނިޔޭގެ ސިއްހަތަށް ނުރައްކާތެރި ހާލަތްތައް މެދުވެރިވެ، ސިއްހީ ކުއްލި ހާލަތު އިޢްލާންކުރުމުގައި އެ ޖަމާއަތަށް ލަފާދޭ ސިއްހީ 16 ތަޖުރިބާކާރުން ހިމެނޭ ކޮމިޓީއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ، ޗައިނާއިން ފެތުރެންފެށި ކޮރޯނާވައިރަސް އެހެން ގައުމުތަކަށް ފެތުރި، ޖަރުމަނުވިލާތް، ޖަޕާން، ވިއެޓްނާމް އަދި އެމެރިކާގައި މިވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާފައިވާ ކަމަށެވެ.

ޗައިނާއިން ބޭރު ގައުމެއްގައި ވައިރަސްގެ ސަބަބުން އަދި މީހަކު މަރުނުވި ނަމަވެސް، މި ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ހާލަތް މެދުވެރިވެފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ، ސިއްހީ ނިޒާމު ނިކަމެތިކޮށް އޮންނަ ގައުމެއްގައި މި ވައިރަސް ފެތުރޭން ފަށައިފިނަމަ ލިބިގެންދާނޭ ގެއްލުން އަންދާޒާކުރަންވެސް ނޭނގޭ ކަމަށެވެ.

"އެހެންވެ، މިއީ އެކަމުން ގައުމުތައް ސަލާމަތް ކުރުމަށް އަޅުގަނޑުމެން ފިޔަވަޅު އަޅަންވީ ވަގުތު. އެހެންވެ، އަޅުގަނޑު މި ކަނޑައަޅަނީ މިއީ ދުނިޔެ ކަންބޮޑުވާ ދުނިޔޭގެ އާންމު ސިއްހަތަށް ނުރައްކާތެރި ހާލަތެއް ކަމަށް. މިގޮތަށް މި ކަނޑައެޅީ ޗައިނާގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބަކުންނެއްނޫން، އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަމުންދާ ކަންކަމުގެ ސަބަބުން"
ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް