އަވިން ކަރަންޓް އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އެންވަޔަރަންމެންޓް މިނސިްތްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ، ވޯލްޑް ބޭންކާއި އެންވަޔަރަންމެންޓް މިނިސްޓްރީ ގުޅިގެން ހިންގުމަށް ނިންމާފައިވާ އެކްސެލެރޭޓިންގް ރިނިއުވަބަލް އެނަރޖީ އިންޓްގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގައި ރާއްޖޭގެ 6 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑު ސިޓީ ހިތަދޫ، ހުޅުދޫ މީދޫ، ފޭދޫ އަދި މަރަދޫގެ އިތުރުން ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި މި މަޝްރޫއު ހިންގަން ވަނީ ނިންމާފައެވެ. މި ހަރަށުގައި ގާއިމުކުރެވޭ ސޯލާ ނިޒާމުތަކުގެ ސަބަބަުން އެ ރަށްތަކުގައި ދުވާލު ގަޑީގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ އަދަދަށްވުރެ އިންސައްތަ 70 އިތުރަށް ކަރަންޓު އުފެއްދޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްތްރީން ބުނެފައިވެއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި ރަށްތަކުގެ ކައުންސިލާއި އަދި ކަމާއި ބެހޭ އިދާރާތަކާއިއެކު މަޝްވަރާކޮށް ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމްކުރާނެ ސަރަހައްދުތައް ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ގިނަ ސާވޭތައް ކުރެވި ކަރަންޓުގެ ނިޒާމާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެއްކޮށް ދިރާސާ ކުރެވިފައިވާ ކމަސް ބުނެފައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގެ 6 ރަށެއްގައި ސޯލާރ ޕީވީ ސިސްޓަމްތައް ޤާއިމްކޮށްގެން އެކަނިވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެގޮތުން މި މަޝްރޫއުގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކޮށްގެން، ދައުލަތުން ތެލަށް ކުރަންޖެހޭ ހަރަދުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 4.5 މިލިއަން ޔޫއެސް ޑޮލަރ (70 މިލިއަން ރުފިޔާ) ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގަމުންދާ އެކްސަލަރޭޓިނގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ ފެށުމެވެ. މި މަޝްރޫޢޫގެ ދަށުން ވަނީ ހުޅުމާލޭގެ 1000 ހައުސިންގް ޔުނިޓްގައި 1.5 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމެއް ޤާއިމްކޮށްފައެވެ. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ހުޅުލެ – ހުޅުމާލެ ގުޅުވައިދޭ ލިންކްރޯޑުގައި އިތުރު 5 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.