ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވުމާއި، އަދުލު އިންސާފުގެ ނިޒާމުގެ ދޯދިޔާ ކަމުގެ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކަތަކެވެ. ތާރީހުގެ ފަތްފުއްތަކަށް ބަލާލިޔަސް މިކަމަށް ހެކިދޭނެ ކިތަންމެ ކަމެއް ފެންނަން އެބައޮތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ މި ހުރިހާކަމެއް ހައްލުކޮށްދެއްވާ އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާއި އެކުގައެވެ. ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ޖަލަކީ މީހާ ރަނގަޅުވާން ލިބޭ ފުރުސަތެއްގެ ގޮތުގައި ހައްދަވާ ދެއްވާނެ ކަމުގެ ވައުދާ އެކުގައެވެ.

އެހެންނަމަވެސް ސަރުކާރުގެ އެއް އަހަރު ފާއިތުވެގެންދިޔަ އިރު މި ވައުދު ނުފުއްދުނުތާ ފުއްދުމަށް ކުރި އެއްވެސް މަސައްކަތަކުން އެކަށީގެންވާ ހިންހަމަޖެހުމެއް ފެނިފައިވާ ނުވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އެހެން ސަރުކާރުތަކެކޭ އެއްފަދައިން މި ސަރުކާރުވެސް ފެއިލް ވެފައިވާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލއަގުވާމީ ޖަމިއްޔާ އެމްނެސްތީ މޯލްޑިވްސް އިން ވެސް ވަނީ ބުނެފައެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގައި މިދިޔަ އަހަރު އިންސާނީ ހައްގުތައް ރައްކާތެރިވެފައިވާ މިންވަރުގެ މައްޗަށް އެމްނެސްޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ރާއްޖެއާ ގުޅިގެން ބުނެފައި ވަނީ، ރާއްޖޭގައި އިންސާނީ ހައްގުތަކަށް ރައްކާތެރިކަމެއް ނެތި ފާއިތުވެދިޔަ ތަނުގެ ކަޅު ސޮފްހާ ތަކަށް އަލިކަމެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރި އިރު މި ސަރުކާރުން އެކަމަށް ވައުދުވެސް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެ 2019 ވަނަ އަހަރު ނިމިގެންދިޔައިރު މި ވައުދުތަކަށް ސަރުކާރުން އެއްވެސް ސަމާލު ކަމެއް ދީފައި ނުވާކަން ފާހަގަކުރައްވައި އެމްނެސްޓީން ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ވެވަފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ވެރިންނަށް އިލްތިމާސްކޮށްފައެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ރާއްޖޭގައި އިންސާނީ ހައްގުތައް ނިކަމެތި ވެފައިވާ މިންވަރު ހާމަކޮށް، ޖަލުތަކުގެ ވާހަކައާއި، ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންނަށް އިންސާފު ލިބިފައި ނުވާކަމުގެ އިތުރަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ނުރައްކަލަށް ހުށަހެޅި އެމީހުންނަށް ރައްކާތެރިކަން ނެތް ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޖަލުތަކުގައި އިންސާނިއްޔަތު ކަމެއް ނެތް:

އެމްނެސްޓީގެ ރިޕޯޓުގައި ރާއްޖޭގެ ޖަލުތައް ސިފަކޮށްފައި ވަނީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ތަނެއްގެ ގޮތުގައެވެ. ޖަލުތަކުގައި ޖާގަ ތަން ނުދޭ މިންވަރަށް މީޙުން ތިބިކަމާއި، މީހުންނަށް ގޮޅިން ނިކުމެ ހަމަ ވައި ލިބުމާއި ކަސްރަތު ކުރުން ފަދަ އެއްވެސް ފުރުސަތެއް ފަހި ކޮށްދީފައި ނުވުމުގެ އިތުރަށް ޖަލު ބަލަހައްޓާ އޮފިސަރުން ގައިދީންގެ މައްޗަށް ބާރުގެ ބޭނުންކުރާ މައްސަލަތައްވެސް ފެންމަތިވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިކަންކަމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ވައުދުވެ، މި މައްސަލަތައް ތަހުގީގުކުރަންވެސް ފެށި ކަމަށެވެ. އެގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް ތަހުގީގުތައް ކުރިއަށްގެންދިޔަ ކަމަށާއި އެހެންނަމަވެސް މިކަމަށް އެއްވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަން އެމްނެސްޓީން ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީން ބުނީ ޖަލުތަކުގައި ގައިދީންނާއި މެދު އަމަލުކުރަމުންދާ ގޮތަކީ އިންސާނުންނާއި މެދު އަމަލުކުރެވިގެންވާނެ ގޮތެއް ނޫން ކަމަށާއި، މިކަމަކީ ރާއްޖޭގެ އަދަުލު އިންސާފުގެ ނިޒާމުގައި ޖެހިގެންދާ ކަޅު ލައްގަނޑެއް ކަމަށެވެ. އަދި މިކަންކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް ފުރިހަމަ ތަހުގީގުތައް ހިންގުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

ފަނޑިޔާރުންނާއި މަގާމުތަކަށް ބަދަލުތަކެއް، އެކަމަކު އިންސާފު ގާއިމުނުވި:

އެމްނެސްޓީގެ ބަޔާނުގައި ހާއްސަ ސަމާލުކަމެއް ދީގެން ފާހަގަކޮށްފައިވާ އެއް ކަމަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަު ރިލްވާނާއި، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ވާހަކައެވެ. ރިލްވާންގެ ގެއްލުވާލިތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވެ ޔާމިން ރަޝީދުގެ މަރަށްވެސް ދެ އަހަރަށް ވުރެ ދުވަސްވެފައިވާއިރު މި ދެ މައްސަލާގައިވެސް އިންސާފު އަދިވެސް ނުލިބޭކަން އެމްނެސްޓީން ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީން ބުނީ މި ދެ މައްސަލާގައި އިންސާފު ހޯއްދައި ދިނުމަކީ މިސަރުކާރުންވީ ވައުދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުހިންމު ވައުދެއް ކަމަށެވެ. މި މަސައްކަތުގައިސަރުކާރުން ،ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިށަނެއް އުފައްދައި ބާރުތަކެއް ދީގެން މަސައްކަތް ކުރި ނަމަވެސް އެއް އަހަރު ވެގެންދިޔައީ އެއްވެސް ކަހަލަ އެދެވޭ ކުރިއެރުމެއް ނުލިބޭކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

އެމްނެސްޓީން ބުނީ އަދުލު އިންސާފު ގާއިމުކުރުމާއި، ނިޒާމަށް ގެއްލިފައިވާ އިތުބާރު ހޯދުމަށް، ފަނޑިޔާރުންނަށްވެސް ބޯޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުވެސް ބަދަލުކޮށް، ދީނީ ޚިޔާލުތަފާތުވުންތަކެއް އޮތް އިރުވެސް އަންހެން ފަޑިޔާރުން އައްޔަންކޮށްފައިވާކަން އެމްނެސްޓީން ފާހަގަކުރިއެވެ.

އަދި ޖަލުގެ މައްސަލަތަކާ ގުޅިގެން، ބައެއް އިސްވެރިން އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުމާއި، ބައެއް ބޭފުޅުން މަގާމުން ވަކިކުރުން ފަދަ ކަންކަންވެސް ކޮށްފައިވާކަން ފާހަގަކޮށް އެމްނެސްޓީން ބުނީ މި ހުރިހާ ބަދަލުތަކެއް އޮތް ކަމަށްވީ ނަމަވެސް އެންމެ އެދެވޭ ގޮތަށް އިސްލާހުގެ މަންޒަރު ފެނިފައި ނުވާ ކަމަށެވެ.

ހައްގުތައް ހޯދަދޭން އުޅުނު މީހުނަށްވެސް ބިރުވެރިކަން:

އެމްނެސްޓީގެ މި ރިޕޯތުގައި ރާއްޖޭގެ ހާލަތު ބަޔާންކޮށްފައިވާއިރު، ގެއލިފައިވާ ހައްގުތައް ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ އުނދަގޫތައްވެސް ވަނީ ފާހަގަކޮށްފައެވެ. އެކި ގޮތް ގޮތުން އމީހުން ބިރުވެރިކަމަށް ހުށަހެޅިފައިވާ ކަމަށާއި، އެދެވޭ ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާކަން އެމްނެސްޓީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ މީހުންނާއި، ވަކި ވަކި ފަރުދުންނާއި، ގާނޫނީ ވަކީލުންނަށްވެސް، ސޯޝަލް މިޑިއާ، މެދުވެރިކޮށާއި އަނގަބަހުންވެސް އެކި ފަހަރު މަތިން މަރުގެ އިންޒާރުތައްވެސް ދީފައިވާ ކަމަށާއި، މިފަދަ ކަންކަމަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

އެމްނެސްޓީން ބުނީ ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލި، ޖެހިފައިވާ ކަޅު ލައްގަނޑު ފިލުވާލާ، ރާއްޖޭގެ ނަން އުޖާކާ ކުރާނެ ކަމުގެ އުންމީދު މި ސަރުކާރަށް އޮތް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުވެސް ވަނީ އެކަމަށް ފެއިލް ވެފައި ކަމަށެވެ.