ޗައިނާއާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިންވެސް މިވަނީ ފެނިފައެވެ.

މިކަން އިޢްލާން ކުރީ، ވައިރަސްއާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ. އަމީން ވިދާޅުވީ ކޮރޯނާވައިރަސްކަމަށް ބެލެވޭ މިންގަނޑުތަކުގެ ތެރެއިން މިންގަނޑަކަށް އޭނާގެ ކަންކަން ފެތޭ ކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، ޑަބްލިޔު.އެޗް.އޯއިން ކަނޑައަޅަނީ މައިގަނޑު 5 ކަމަކަށް ބަލައިގެންނެވެ.

އެގޮތުން ކޮރޮނާއަށް ޝައްކުވާ މީހެއްގެ ގޮތުގައި ކަނޑައަޅާ 5 ކެޓަގަރީގެ ތެރޭގައި ހިމެނެނީ ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ޝައްކުވާފަދަ ނިޝާންތައް ހަށިގަނޑުން ފެނުމުގެ، 14 ދުވަސް ކުރިން ވުހާން އަދި ހޫބޭ ޕްރޮވިންސްއަށް ގޮސްފައިވުމާއި، އަލާމާތްތައް ފެނުނު ދުވަހުގެ 14 ދުވަސްކުރިން ޗައިނާގެ އެއްވެސް ސަރަޙައްދެއްގައި ހުންނަ މީޓް މަރކެޓް، މަސްވިއްކާ މަރުކެޓަކަށް ގޮސްފައިވުމެވެ.

މީގެއިތުރުން ހުން އައުން ކެއްސުން ކަރުގައި ރިއްސުން، ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުމާއި، ބަލިމީހާއަކީ މި ބަލި އުޅޭ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްދޭ ތަނެއްގެ، ޚިދުމަތްދޭ ފަރާތަަކަށްވުންވެސް ހިމެނެއެވެ. އަދި އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާ މީހެއްކަމަށް ބެލެވޭ މީހަކާއި އެކުގައި އުޅެފައި ހުރުން ނުވަތަ ބަލި މީހުން ތިބި ތަނަކަށް ޒިޔާރަތްކުރުންވެސް މިކެޓަގަރީތަކުގެ ތެރޭގައި ހިމެނެއެވެ.

އެހެންކަމުން މިއިން އެއްވެސް ކަމެއްގައި ޝާމިލްވި މީހެއްނަމަ ލަސްނުކޮށް ސިޢްޙީ އެހީ ހޯދުމަތް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ބަލި ހުރިކަމަށް ޝައްކުވާނަމަ ސިއްޙީ އެހީތެރިންގެ އިރުޝާދާއި ނުލައި އެއްވެސް މީހަކާއި ކޮންޓެކްޓްވެ، ނުވަތަ ބޭރަށް ނުކުމެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޗައިނާގައި އެންމެ ފުރަތަމަ ފެތުރޭންފެށި ކޮރޯނާވައިރަސް މިހާރުވަނީ، ޗައިނާއިން ބޭރުވެ ދުނިޔޭގެ 19 ގައުމަށް ފެތުރިފައެވެ. ޗައިނާވެސް ހިމެނޭގޮތުން ގައުމުތަކުގެ އަދަދު މިވަނީ 20 އަށް އިތުރުވެގެން ގޮސްފައެވެ.

ޗައިނާ ފިޔަވައި، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާ ކަމަށް މިހާތަނަށް އިޢްލާން ކޮށްފައިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ކެމްބޯޑިއާ، ކެނެޑާ، ފަރަންސޭސިވިލާތް، ފިންލެންޑް، ޖަރުމަނުވިލާތް، އިންޑިއާ، ޖަޕާން، މެލޭޝިޔާ، ނޭޕާލް، ފިލިޕީންސް، ސިންގަޕޫރު، ދެކުނު ކޮރެއާ، ސްރީލަންކާ، ޓައިވާން، ތައިލެންޑް، އެމެރިކާ، ޔޫއޭއީ، ވިއެޓްނާމެވެ.

މިބަލީގައި މިއަދުގެ ނިޔަލަށް 170 މީހުން މަރުވެފައި ވާއިރު، މަރުވި އެންމެންނަކީވެސް ޗައިނާއިން މަރުވި މީހުންނެވެ. ޗައިނާއިން ބޭރު އެއްވެސް ގައުމަކުން މި ބަލީގައި މީހަކު މަރުވިކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ވައިރަސްއަށް މިހާތަނަށް ޗައިނާއިން އެކަނިވެސް ހަތްހާސް ހަތްސަތޭކަ އެގާރަމީހުން ޕޮޒިޓިވް ވެފައިވާއިރު، ވައިރަސްއަށް ތުހުމަތު ކުރެވޭ ޗައިނާ މީހުންގެ އަދަދު ދިހަހާހާ ވަނީ ގާތްކޮށްފައެވެ.