• އެންމެ މުހިންމީ ސާފުތާހިރުކަން އިސްކުރުން
  • އަތް ދޮވުމަކީ ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމުކަން
  • '' މާސްކް އަޅައިގެން ރައްކާތެރިވާކަމަށް ބެލުމަކީ ކުށްހީއެއް ''

މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަހާއެކު ގިނަބަޔަކު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކޮރޯނާވައިރަހަކީ ނޭވާލާނިޒާމަށް ޖެހޭ އިންފުލުއެންޒާ ފަދަ ވައިރަހަކަށްވާއިރު، މިއީ ދުނިޔެއިން އަލަށް ފެނިގެން އުޅޭ ބައްޔެކެވެ.

މި ބަލީގެ އަލާމާތްތަކަކީ އާދައިގެ ރޯގާއިންވެސް ފާހަގަކުރެވޭ އަލާމާތްތަކެވެ. އޭގެތެރޭގައި 38 ޑިގްރީ ސެލްޝިއެސްއަށްވުރެ މަތީގައި ހުން ހުރުމާއި، ކެއްސުމާއި، ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރަށް ފުއްޕާމެޔަށް ނިޔުމޯނިޔާ ޖެހުމުގެ ފުރުސަތު ބޮޑުވުމާއި ލޭގެ ތެރެއަށް އިންފެކްޝަންގެ އަސަރު ދިޔުމާއި، ކިޑްނީ ފެއިލްވުން، އަދި ބައެއްފަހަރު ބޮޑުވަރުވާ މީހުންގެ ފުރާނަގެއްލޭކަންވެސް ފާހަގަވެއެވެ.

މި ބަލި ޖެހިއްޖެނަމަ ބަލީގެ އަލާމާތް ފެންނަން ނަގަނީ ކިހާ މުއްދަތެއްކަން އަދި ހޯދިފައި ނުވިޔަސް، މިހާތަނަށް އެނގިފައިވާގޮތުގައި މި ބަލީގެ އަލާމާތް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 2 ދުވަހާ 14 ދުވަހާ ދެމެދުގެ މުއްދަތެއްގައި ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

ނޭވާލާ ނިޒާމަށްޖެހޭ މި ބަލީގެ ސަބަބުން ދުނިޔެ ދޫކޮށްދާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިބަލިން ސަލާމަތްވުމަށް އަދި ކުރެވޭނެ މާބޮޑު ފަރުވާއެއް ހޯދިފައެއް ނެތެވެ.

ނަމަވެސް ސިއްހީ މާހިރުންނާއި ސިއްހީދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ދޭ ނަސޭހަތެއް އެބަ ވެއެވެ. ކޮންމެ ބައްޔަކުންވެސް ސަލާމަތްވުމަށްޓަކާ ސާފުތާހިރުކަން އިސްކުރަންޖެހޭވާހަކައެވެ. އަތް ދޮންނާށެވެ. އަތް ދޮވުމަކީ ގިނަ ބަލިތަކުން ރައްކާތެރިވުމަށް އެޅިގެންދާ އެންމެ މުހިންމު ފިޔަވަޅުވެސް މެއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއްކަމަށްވާ ޑރ މުޙައްމަދު އަލީ ވިދާޅުވީ ފުރަތަމަ އެނގިގެން ދިޔައީ، މި ބައްޔަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ބައްޔެއްކަމަށެވެ. ނަމަވެސް މިހާރު މިއީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔެއްކަން އެނގިގެން ދިޔުން ވެގެން ގޮސްފައިވަނީ ބަލީގެ ނުރައްކާތެރިކަން އިތުރުވިކަމެއްކަމަށްވެސް ޑރ މުޙައްމަދު އަލީ ވިދާޅުވިއެވެ.

މި ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތުން ނުކުންނަ ކުޅާއި، ފެނުގެ ސަބަބުން އަނެކާއަށް މި ބަލީގެ އަސަރުކުރާކަމަށްވެސް ޑރ މުޙައްމަދު އަލީ ވިދާޅުވިއެވެ.

އެހެންކަމުން މިކަމުން ސަލާމަތްތެރިކަން އޮތީ އާންމު ސާފުތާހިރުކަމުގެ މިންގަނޑުގައި ހިފަހައްޓައިގެންނެވެ. ޑރ މުޙައްމަދު އަލީ ވިދާޅުވީ އެހެންކަމުން މިކަމުގައި އެންމެ ބޮޑަަށް ވިސްނަންޖެހެނީ އަތް ދޮވުމަށްކަމަށެވެ. އަތް ދޮވުމަށްޓަކާ ކޮންމެ ކަހަލަ ސައިބޯންޏެއް ބޭނުންކުރިނަމަވެސް، އަތް ދޮވުން މިއީ އެންމެ މުހިންމުކަމެއް ދޭންޖެހޭ ކަން ކަމަށް ޑރ މުޙައްމަދު އަލީ ވިދާޅުވިއެވެ.

އަތް ދޮވުމަށް ކޮންމެހެން ވަކި ކަހަލަ ސައިބޯންޏެއް ބޭނުމެއް ނުވޭ. އާދައިގެ ސަިއބޯނި ބޭނުންކޮށްގެންވެސް އަތް ދޮންނަންވީ. އަތް ދޮވުން މިއީ އެންމެ މުހިންމުކަމަކީ. އެކަމުގެ ސަބަބުން އެތައް ބަލިތަކަކުން ރައްކާތެރިކޮށްދޭ
ޑރ މުޙައްމަދު އަލީ

ޑރ މުޙައްމަދު އަލީ ވިދާޅުވީ ކޮރޯނާވައިރަސް ޖެހުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ހާލަތު އިތުރަށް ގޯސްވާނެކަމަށެވެ. މީގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ހިމެނެއެވެ.

ހެލްތް މިނިސްޓްރީން މި ބައްޔަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްކުރަމުންދާއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުޙައްމަދުވެސް ފާހަގަކުރެއްވީ ބަލިތަކުން، ޚާއްސަކޮށް މިބަލިންވެސް ރައްކާތެރިވުމަށްޓަކާ އެންމެ މުހިންމުކަމެއްގެ ގޮތުގައި އަތްދޮވުމުގެ މުހިންމުކަމެވެ.

ކެއްސާ ކިނބިހި އަޅާފައިވާމީހަކު، އަތް ލާފައިވާ ތަނެއްގައި އެހެންމީހަކަށް ހިފިއްޖެނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު. ވިސްނަންވީ އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުކުމެ، އުޅުމަށްފަހު ގެއަށް އާދެވުމާއި އެކު އަތް ދޮންނަން. ސްކޫލުތަކަށް ގޮސްފައި ގެއަށް ވަދެވުމާއިއެކު އަތް ސައިބޯނި ލައިގެން ދޮންނަން.
ސާޖިދާ

ކޮރޯނާވައިރަސްއިން ސަލާމަތްވުމަށްޓަކާ މާސްކް އެޅުމާއި ގުޅޭގޮތުން ސާޖިދާ ވިދާޅުވީ މާކްސް އެޅުމަކުން ވަކި ރައްކާތެރިކަމެއް ނުލިބޭކަމަށެވެ. އެެހެންނަމަވެސް އެންމެ މުހިންމީ ބަލި ޖެހިފައިވާ މީހާ މާސްކް އެޅުންކަމަށާއި ސަބަބަކީ ބަލި ޖެހިފައިވާ މީހާ ކެއްސާ ކިނބިހި އަޅާ އިރު އެ ދާ ކުޅު އަދި ފެން އެހެންބަޔަކަށް ދިޔުން ކޮންޓްރޯލްކުުރުންކަމަށެވެ.

ބަލިޖެހިފައިވާ މީހާ މާސްކް އެޅުން މުހިންމީ، ބަލި ނުވާ މީހާ އާދައިގެ މާސްކެއް އެޅުމަކުން މާބޮޑު ރައްކާތެރިކަމެއް ނެތް. އެހެންނަމަވެސް ހެލްތް ދާއިރާގައި އުޅޭ މީހުންނަށް ވަކި ޚާއްސަ މަސްތަކެއް ހުރޭ. އެއީ އެފަދަ ބަލިތަކަށް ހުށަހެޅޭ ބައެއްގެ ގޮތުގައި ތިބި މީހުންނަކީ ހެލްތް ދާއިރާގައި ތިބިމީހުންކަމަށްވާތީ.
ސާޖިދާ

ޑރ މުޙައްމަދު އަލީ ވިދާޅުވީ ބަލި ޖެހިފައި ހުންނަ މީހާއާއި ކައިރީގައި އުޅޭ މީހުން އާދައިގެ މާސްކް އަޅައިގެން ރައްކާތެރިވާކަމަށް ބެލުމަކީ ކުށްހީއެއްކަމަށާ މާސްކް އަޅަންޖެހެނީ ބަލިޖެހިފައިވާމީހާކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރުންނާއި މިފަދައިން ބަލިމީހާއާއި އެންމެ ގާތްކޮށް އުޅެންޖެހޭ މީހުންނަށް ޚާއްސަ މާސްކެއް ހުންނާނެކަމަށެވެ.

ވަށައިގެން ތިބި އެންމެން މާސްކް އަޅައިގެން ތިއްބަސް ބަލި ޖެހިފައިވާ މީހާ މާސްކް އާޅާފައި ނުވާނަމަ އެ ކައިރީގައިވާ އެންމެންނަކީ ވެސް ބައްޔަށް ހުށަަހެޅިފައިވާ މީހުން. މާސްކް އަޅަންޖެހެނީ ބަލިމީހާ. އެއީ އެހެންމީހުން އެބަލިން ރައްކާތެރިކޮށްދިނުމަށްޓަކާ
ޑރ މުޙައްމަދު އަލީ

ރާއްޖެއިން މިބައްޔަށް ތައްޔާރުވެފައިވާއިރު އިތުރަށްވެސް ވާންޖެހޭ ތައްޔާރީތައް ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. ދެން އޮތީ އާންމުން ކުރަންޖެހޭ މަސައްކަތެވެ. ކުރަންވީހާވެސް ކަމަކީ އާންމު ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމެވެ. މަގުމައްޗަށް ކުޅު ނުޖެހުމެވެ. އަބަދުވެސް ސައިބޯނި ލައިގެން އަތް ދޮވުމެވެ. ރޯގާ ފަދަ ބައްޔެއް ޖެހިގެން އުޅޭކަމުގައިވާނަމަ ބަލި ފަސޭހަވަންދެން ގޭގައި މަޑުކޮށްލުމެވެ. އެކަމުން ތިމާއާއި އެހެން މީހުންވެސް ރައްކާތެރިކޮށްދޭނެ އެވެ.