"ސްޓޫޑެންޓް އޮފް ދި ޔަރ" އިން ބޮލީވުޑަށް ތަޢާރަފުވި ބަތަލް ސިދާރްތް މަލޯތްރާ މުޅިން އަލަށް ޑަބަލް ރޯލަކުން ފެނުމަށް ތައްޔާރުވެއްޖެ އެވެ.

ނިމިދިޔަ އަހަރުގެ ފަހުކޮޅު ސިނަމާތަކުގައި އެޅުވި "މަރްޖާވާ" ގެ ލީޑް ރޯލުން އެންމެ ފަހުން ފެނިގެންދިޔަ ސިދާރްތް ޑަބަލް ރޯލުން ފެންނާނީ މޫރަދް ޚޭތާނީ ޕްރޮޑިއުސް ކުރާ 2019 ވަނަ އަހަރުގެ ކާމިޔާބު ތަމިލް ފިލްމު "ތަދަމް" ގެ ހިންދީ ރީމޭކުން ނެވެ.

މަޢުލޫމާތު ލިބޭގޮތުގައި ސިދާރްތްގެ އެއް ކެރެކްޓަރ އަކަށް ވާނީ ވިޔަފާރިވެރިއެ ކެވެ. އަދި ދެވަނަ ކެރެކްޓަރ އަކީ ކުރިމިނަލް އެއްގެ ރޯލެވެ.

ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ސިދާރްތް ފިލްމުގައި ފެންނަ ދެ ރޯލަކީ ފެންނަ ފެނުމަށް ވަރަށް ތަފާތު ދެ ރޯލަށް ވާނެކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފަ އެވެ. މި ފިލްމުގައި ސިދާރްތްއާއެކު ބޮލީވުޑް އޭ ލިސްޓުގެ އަންހެން ފަންނާނެއް ފެންނާނެކަމަށް ބެލެވެއެވެ.

ސިދާރްތް މިހާރު މަސައްކަތް ކުރަމުން ދަނީ ކިއާރާ އާދްވާނީ އާއެކު ލީޑް ރޯލުން ފެނިގެންދާ "ޝަރޝާހް" ގެ މަންޒަރުތައް ނެގުމުގައެވެ.

"މަރްޖާވާ" ގެ ނާކާމިޔާބީއަށްފަހު ސިދާރްތް "ޝަރޝާހް" އިން ފެންނާނެކަމަށް ބެލެވެނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގަ އެވެ.