ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ މައްޗަށް އަރައިފި ކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ސިއްހަތާބެހޭ އޮފިޝަލުން މިއަދު އާންމުކުރެއްވި ތަފާސްހިސާބުތައް ބުނާގޮތުން، ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 259 އަށް1 އަރާއިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 46 އަށް އަރާފައި ވެއެވެ.

ޗައިނާގައި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 11،791 އަށް އަރާފައެވެ.

މިއާއެކު، ވައިރަސްއަށް ތުހުމަތުކުރެވޭ މީހުންގެ އަދަދުވެސް އެތައްހާހަށް އަރާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ގިނަމީހުން މަރުވެފައިވަނީ، ވައިރަސް އެންމެ ފުރަތަމަ ފެތުރޭންފެށި ވުހާން ސިޓީ ހިމެނޭ ހޫބޭ ޕްރޮވިންސުން ނަމަވެސް، މި ވައިރަސްހުރި މީހުން ދުނިޔޭގެ 20 ގައުމަކުން މިހާރުވަނީ ފެނިފައެވެ. ކޮރޯނާވައިރަސް އަލަށް ފެނުނު ގައުމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތް، ރަޝިޔާ އަދި ސްވީޑަން ހިމެނެއެވެ.

މިކަމާހެދި ޗައިނާގެ ދަތުރުވެރިންނަށް ގައުމުތަކުގެ ދޮރާށިތައް މިހާރު ގެންދަނީ ބަންދުވެސް ކުރަމުންނެވެ.

ކޮރޯނާވައިރަސްއާގުޅޭ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން، ވައިރަސްގައި އެންމެ ގިނަމީހުން މަރުވެފައިވަ އަދި އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވާ ހޫބޭ ޕްރޮވިންސްގައި މިހާރުވަނީ ޗައިނާގެ އައު އަހަރަށް ދީފައިވާ ޗުއްޓީގެ މުއްދަތު ފެބްރުއަރީ 13 ގެ ނިޔަލަށް އިތުރު ކޮށްފައެވެ.

އެތައް އެއަރލައިނަކުން ޗައިނާއަށް ކުރަމުންދާ ދަތުރުތައް ހުއްޓާލަމުން ގެންދާއިރު، އުޒްބަކިސްތާން، ތުރުކުމަނިސްތާން، އީރާން، ވިއެޓްނާމުންވަނީ ޗައިނާއިން އެގައުމުތަކަށް މަތިންދަ ބޯޓްތަކަށް އައުން މަނާކޮށްފައެވެ.

ވުހާން ސިޓީއާއި، ހޫބޭ ޕްރޮވިންސްގައި ތިބި ބޭރުގައުމުތަކުގެ ރައްޔިތުން އަނބުރަ ގެނައުމުގެ މަސައްކަތް އެ ގައުމުތަކުން ކުރަމުން ގެންދާއިރު، ވައިރަސް ހުއްޓުވަންވެސް ގައުމުތަކުން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.