ޗައިނާގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދަނިކޮށް، ޗައިނާގައި ދޫނި ރޯގާ ފެތުރެންފަށާފައިވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ދޫނި ރޯގާ ފެނިފައިވަނީ ހުނާންގެ ދެކުނު ޕްރޮވައިންސްގެ އަވަށެއްކަމަށްވާ ޝައޮޔަންގ ސިޓީއިންނެވެ. ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއަރޒްއިން ބުނެފައިވަނީ އެސިޓީގެ ފާރމްއަކުން އެޗް5އެން1 ވައިރަސްގެ އަސަރުތައް ފެނިފައިވާކަމަށެވެ.

ހަބަރުތައް ބުނާގޮތުން މިވައިރަސް ކުކުޅު ފިޔަވައި އަދި އެހެން ޖަނަވާރަކުން ފެނިފައެއް ނުވެއެވެ. އެގޮތުން ޝައޮޔަންގް ސިޓީގެ ކުކުޅު ގެންގުޅޭ ފާރމްއަކުން 7،850 ކުކުޅުތަކުގެ ތެރެއިން 4،500 ކުކުޅު މިހާތަނަށް މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަދި މިބަލިން ފެތުރުން މަދުކުރުމުގެ ގޮތުން އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ދޫނިގެ ބާވަތްތަކަށް ނިސްބަތްވާ 17،828 ޖަނަވާރު ކަތިލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެޗް5އެން1 އަކީ ދޫނިތަކަށް ޖެހޭ ވައިރަސްއެކެވެ. މިވައިރަސްގެ ސަބަބުން އެޖަނަވާރުތަކުގެ ނޭވާލާ ނިޒާމަަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ.

މިވައިރަސްގެ ސަބަބުން އިންސާނުންވެސް ބަލީގެ ނުރައްކަލަށް ހުށައެޅެއެވެ. ދުވަސްތަކަކަށްފަހު މިބަލި އަނެއްކާވެސް ދުނިޔެއިން ފެންނަން ފަށާފައިވާއިރު، މިބަލީގައި މުޅި ދުނިޔެއިން މިހާތަނަށް 350 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ)އިން ވަނީ ހާމަކޮށްފައެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ރޯގާ ޖެހުމުން ފެންނަ އަލާމާތްތައް ހިމެނެއެވެ. އަދި ގައިގައި ރިއްސުމާއި ބޭރަށް ހިންގުންވެސް މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މިބަލިން ރައްކާތެރިވުމަށް ދޫނި ފަދަ ޖަނަވާރުތަކުގެ މަސް އަދި އެތަކެތީގެ ބިސް ކެއުމުގެ ކުރިން، އެތަކެތި ރަނގަޅަށް ރޯފިލުވުން ހިމެނެއެވެ.