ދިވެހި ރައްޔިތުންގެ އާމްދަނީން ވާރު ނުވަތަ ޓެކްސް ނެގުމަށްޓަކައި އިޞްލާޙުކޮށް އެކުލަވައިލި ޤާނޫނުގެ ދަށުން މީރާއިން އެކުލަވައިލި އާޤަވާޢިދެއް ވަނީ ޝާއިޢުކޮށް އަދި 2020 ވަނަ އަހަރު ތަޞްދީޤުކުރުމަށް ނިންމައިފައެވެ.

އަދި ޢާންމުންގެ ޚިޔާލަށް މި ޤަވާޢިދު ވަނީ ހުޅުވައިލައިފަ އެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދީޤު ކުރެއްވި ޓެކުހުގެ ނިޒާމުގެ ޤާނޫނުގެ ދަށުން މީރާ އިން އެކުލަވައިލި ޤަވާޢިދެވެ.

މީރާއިން އަލަށް ނެރުނު އާމްދަނީން ވާރު ނުވަތަ ޓެކްސް ނެގުމުގެ ޤަވާޢިދު ތަޞްދީޤު ކުރުމަށް ނިންމައިފައިވާއިރު އެ ޤަވާޢިދުގައި އާމްދަނީން ޓެކްސް ނެގުމުގައި ބުނާ ކަންކަމުގައި ފުށުއަރާ ކަންތައްތަކެއް އެބަހުއްޓެވެ.

ބައެއް މުޙައްލިލުން ވިދާޅުވެފައިވާ ގޮތުގައި ވަރަށް ގިނަ ފަހަރަށް ޤާނޫނެއް ފާސްވެގެން އަންނައިރު ޤާނޫނަށް އަހުލުވެރި ފަންނީ މީހުން ޤާބިލް ކުރެވިފައެއް ނުހުރެ އެވެ. އަދި ވަރަށް ގިނަ ފަހަރަށް ކޮންމެވެސް އެހެން ބަހަކުން އޮންނަ ޤާނޫނުތަކާއި ޤަވާޢިދުތަށް ތަރުޖަމާ ކޮށްލައިގެން ތަންފީޒުކުރުމަށް ރާއްޖޭގައި މަސައްކަތްކުރާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމުގެ ސަބަބުން ވަރަށް ދަތި އުނދަގޫތަކާ ގެއްލުންތަކާ ކުރިމަތިލުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ކަން އެހެން އޮތް ނަމަވެސް މި ޤަވާޢިދެއް، ޝާއިޢުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތް ފަށައިފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ޤަވާޢިދުގައި ބުނާ ޓެކްސް ނެގޭ ގޮތުގެ ދަހަމަލަތައް ނުވަތަ ނަގާ ނިސްބަތް މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލާއި އެއްގޮތަކަށް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުން ބިލް ފާސްވެގެން އައިސް މީރާއިން ޤަވާޢިދު އެކުލަވައިލުމަށް ލިބައިފައި ވަނީ ކުރުމުއްދަތެއް ކަމަށް ބައެއް މީޑިއާތަކަށް ކޮމިޝަނަރ އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލު ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

އެކަށީގެންވާ މުއްދަތެއްނެތި ޤާނޫނަކުން ލިބިދޭ ބާރުތައް ތަންފީޒުކުރަން ދައުލަތުގެ މުއައްސަސާއަކަށް ލާޒިމްކުރުމަކީ ކިހާވަރެއްގެ ކަމެއް ބާވައެވެ. އަދި އެފަދަ ބާރެއް ތަންފީޒުކުރުމުން ނިކުމެދާނެ ނަތީޖާތަކަށް ޒިންމާވާނެ ފަރާތެއް ނެތި އެފަދަ ޤަވާޢިދެއް ހިންގުމަކީ ގިނަ ރައްޔިތުންތަކެއް ނުވަތަ މަޖުބޫރު ޙާލަތުގައިވެސް ޓެކްސް ދައްކާ މީހާ ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަކަށް ނުވާނެ ބާވައެވެ. ސަބަބަކީ ދައުލަތް ހިންގާނެ ފައިސާ ހޯދައިދޭ އެއް ޙިއްޞާދާރަކީ ޓެކްސް ދައްކާ މީހާކަމަށް ވުމެވެ.

މީރާއިން އަލަށް އެކުލަވައިލި ޤަވާޢިދުގައި ބުނެފައިވާ ގޮތުގައި ވިޔަފާރިއެއް ރެޖިސްޓްރީ ކުރުމަށްޓަކައި މީރާގެ އާމްދަނީން ނަގާ ޓެކުހަށް ރެޖިސްޓްރީކުރާ މީރާ 117 ވަނަ ނަމްބަރު ދީފައިވާ ފޯމާއި އުޖޫރަ ލިބޭ މީހާ ރެޖިސްޓްރީކުރާ މީރާ 118 ނަމްބަރު ފޯމު ފުރުހަމަކޮށް މީރާއަށް ހުށަހަޅަން ޖެހެއެވެ. އަދި އެއާއި އެކު އެފޯމުގައި ބުނެފައިވާ ލިޔެކިޔުންތަކެއްވެސް ހުށަހަޅަން ޖެހެއެވެ.

މި ޤަވާޢިދުގައި ބުނާގޮތުން ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ މީހާވެސް ރެޖިސްޓްރީކުރަން ޖެހޭ ކަމަށް އިޝާރާތް ކުރެއެވެ. އަދި މިހާރު އޮތް ގޮތުން މި ރެޖިސްޓްރީކުރަން ކޮންމެ ރައްޔިތަކަށް ލާޒިމް ކުރަނީ 2014/18 ނަމްބަރު ޤާނޫގެ ދަށުންނެވެ.

މިއީ ވިޔަފާރި ރެޖިސްޓްރީކުރުމުގެ ޤާނޫނެވެ. އެހެންވީމާ އާމްދަނީ ލިބިގެން މީރާއިން ބުނާ ޢަދަދެއް ހަމަވާ ކޮންމެ ރައްޔިތަކު ވިޔަފާރީގެ ރެޖިސްޓްރީއެއް ކުރަން މިވަނީ މަޖުބޫރުވެފަ އެވެ. އަދި އެކަން ނުކޮށްފިނަމަ އަދަބުގެ ގޮތުގައި އެމީހާގެ އާމްދަނީން ޖޫރިމަނާ ނަގާގޮތަށްވަނީ ޤަވައިދުގައި ލިޔެފައެވެ.

އެހެން ނަމަވެސް ކުރީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާ ކުންފުނިތަކުން އަލުން މީރާގައި ރެޖިސްޓްރީކުރަން ނުޖެހޭ ކަމަށް ޤަވާޢިދުގައި ވެއެވެ. އެހެން ނަމަވެސް މީހަކަށް މުސާރަ ނުވަތަ އުޖޫރަދޭ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން މީރާގައި ރެޖިސްޓްރީކުރަން ޖެހެއެވެ.

މީގެ އިތުރުން މި ޤަވާޢިދުގައި ބުނާގޮތުން ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ (ށ) އަދި (ނ)ގެ ދެވަނަ ނަމްބަރުގައި ގުޅިގެން ހިންގާ ވިޔަފާރިއާއި ކުންފުނި ނުވަތަ ޕާރޓްނަރޝިޕަށް މީރާގެ ރެޖިސްޓްރީގެ ދަށުން ޙަވާލާދެނީ ޑީމްޑް ޕާރޓްނަރޝިޕްގެ ނަމުގައެވެ. އަދި އެ ފަރާތްތައް ކަމަށް ސިފަ ކޮށްފައިވަނީ އުޖޫރަ ނޫން އާމްދަނީ ލިބޭ ފަރާތްތަކުގެ ގޮތުގައެވެ.

މި އުޞޫލުން ބުނެފައިވާ ޝަރުޠުތަކެއް ފުރިހަމަވާ ވިޔަފާރި ޙަރަކާތަކުން 12 މަސްދުވަހުގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް ފަރުދަކަށް ނުވަތަ ޑީމްޑް ޕާރޓްނަރޝިޕަކަށް 40 ހާސް ރުފިޔާ ލިބޭނަމަ މީރާގައި ރެޖިސްޓްރީކުރުން ލާޒިމް ކުރެއެވެ. އަދި އެއިން ފަރާތެއް ރާއްޖޭގައި ވަޒަންވެރިވެފައި ނުވާނަމަ ވިތުހޯލްޑިންގ ނުވަތަ މަންފާ ލިބޭ ފަރާތް ފިޔަވައި އާމްދަނީ ލިބޭ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އުނިކުރަން ޖެހޭފަދަ ފައިސާއެއް ދައްކާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ވެސް ރެޖިސްޓްރީކުރަން ޖެހެއެވެ.

މި ޤަވާޢިދުގައިވާ އުޖޫރަ ލިބޭ މީހުން ރެޖިސްޓްރީ ކުރުމުގެ 1 ވަނަ މާއްދާގައި ބުނާ ގޮތުން ކުންފުންޏަކުން ވިޔަސް ވިޔަފާރިއަކުން ވިޔަސް އުޖޫރަދޭ ފަރާތުން ވިތުހޯލްޑިންގސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި މަހަކު 60 ހާސް ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބޭނަމަ މުސާރަދޭ ފަރާތުން މުސާރަ ލިބޭ މީހާ ރެޖިސްޓްރީކުރަން މަޖުބޫރުވެއެވެ. އަދި އުޖޫރަ ލިބޭ މީހާއަށް އެފަދަ ޓެކުހެއް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60 ހާސް ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ނަމަވެސް ރެޖިސްޓްރީކުރަން ޖެހެއެވެ.

އަދި މިއުޞޫލުން އުޖޫރަ ދޭ މީހާގެ މައްޗަށް އުޖޫރަ ލިބޭ މީހާ ރެޖިސްޓްރީކުރަން ލާޒިމް ކުރަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 20 ހާސް ލިބޭނަމައެވެ. ނުވަތަ އެވަރަށް ލިބޭނެކަމަށް އަންދާޒާ ކުރެވޭ ނަމައެވެ.

އެހެން ނަމަވެސް އެއްފަރާތަކަށްވުރެ ގިނަ ފަރާތުން އުޖޫރަ ލީބޭ މީހާ މީރާގައި ރެޖިސްޓްރީ ކުރުމަކީ އެމީހާގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. އަދި މިއުޞޫލަށް ޢަމަލު ކުރަނީ އެކި ދިމަދިމާއިން އާމްދަނީ ލިބޭ މިންވަރު މަހެއްގެ މައްޗަށް 40 ހާސް ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާނަމަ އެވެ.

އަދި ހަމަ މި ޤަވާޢިދުގައި ބުނާ އާމްދަނީ ލިބޭ މީހުން ރެޖިސްޓްރީ ކުރުމާބެހޭ މާއްދާގައި ކޮންމެ ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް އެމީހަކު ރެޖިސްޓްރީ ކޮށްފައިވާކަން މީރާއިން ނާންގާނަމަ އެމީހަކު އަމިއްލައަށްގޮސް މީރާގައި ރެޖިސްޓްރީކުރަން ޖެހެއެވެ.

ޖުމްލަކޮށް މީރާގެ ޤަވާޢިދުގައިބުނާ ގޮތުން އާމްދަނީއެއްލިބޭ ދިވެހި ކޮންމެ ރައްޔިތެއް ކަހަލައިން މީރާގައި ރެޖިސްޓްރީކުރަން ޖެހިފައިވެއޭ ބުނުމަކީ މުޅީން ދޮގަކަށް ވެސް ނުވާނެއެވެ. ސަބަބަކީ މިކަމާގުޅޭ ގޮތުން ކުރެވުނު މަޝްވަރާ ތަކާއި ބަހުސުތަކާއި އަވަސް ގޮތެއްގައި ފަސްކުރެވުނު ޤާނޫނާއި މިހެން ގޮސް ހުރިހާ ކަމެއް އަވަސްއަރުވާލައިގެން ކުރެވުނުއިރު ބައެއް ކަހަލަ ކަންކަމަށް ބަލައި ނުލެވި އޮތުމެވެ.

ނީލަން ފިހާރަތަކުގައި ކުރާ ވިޔަފާރިއާއި ކޯރޕަރޭޓް ވިޔަފާރިތަކަށް އުފެއްދުންތައް ވިއްކައިގެން އާމްދަނީ ހޯދާ މީހުންނަކީ ޢާންމު ގޮތެއްގައި އެމީހުނަށް ލިބޭ އާމްދަނީ ނަޤުދު ފައިސާއިން އަތުގައި ބަހައްޓައިގެން ދައުރުކުރާ މީހުނެވެ. ހަމަ އެފަދައިން މަސްވެރީނަކީވެސް ހަމަ އެފަދަ ބައެކެވެ.

ނަމަވެސް މީރާއިން މިކަން ކުރަން ރާވައިފައިވާ ވަރަށް ގިނަ ގޮތްތަކެއް ހުންނަ ކަމަށް ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް އެ ގޮތްގޮތުން ބަލާ ބެލުންތަކުން ޓެކްސް ނުދެއްކޭ ކަމަށް މީރާއަށް ފެންނަ ހިނދެއްގައި އެއްދުވަހުގެ ޚިދުމަތަށް ހޯދާ އެއްޗަކުން ޓެކްސް ދެއްކުމަށްފަހު އެއެއްޗެއް އެހެން ދުވަހަކަށް ހުންނަނަމަ އެއީ އަނެއްކާވެސް އެއިން ޓެކްސް ނަގާ އަދި ޓެކްސް ނުދެއްކި ކަމަށްބުނެ ބޮޑު ޖޫރިމަނާ އެއްވެސް ދައްކަން ޖެހޭ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ޚާއްޞަކޮށް މި ޝަކުވާ އެންމެ ބޮޑީ ގެސްޓުހައުސް ވިޔަފާރި ހިންގާފަރާތްތަކުންނެވެ.

ކޮންމެއަކަސް މުސާރައާއި ޢިނާޔަތްކުން ޓެކްސް ނެގުމަށް މީރާއިން އެކުލަވައިލި ޤާވާޢިދުގައި މިހާރު އެފަދަ ޓެކްސް ނެގުމަށް ނިންމައިފައިވަނީ 60 ހާސް ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ކަމަށް ވަނީ ބުނެފައއެވެ.

ރައްޔިތުންނަށް ލިބޭ އާމްދަނީ ޓެކްސް ނެގުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ން ފެށިގެން ޓެކްސް ދައްކަން ޖެހޭނެކަމަށް ހުށަހަޅައިފައިވަނީ މަހެއްގެ މައްޗަށް 40 ހާސް ރުފިޔާއިން މަތީގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް ޤާނޫނަކަށްވެގެން އައިއިރު މިހާރު ޓެކްސް ނެގުމަށް ކަނަޑައަޅައިފައިވަނީ 60 ހާސްރުފިޔާއިންފެށިގެން މައްޗަށް އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށް މީރާގެ ޤާވާޢިދުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

މީރާގެ ޤަވާޢިދުގައިވާ ގޮތުން މަހެއްގެ މައްޗަށް 60،000ރ. އާއި 1 ލައްކަ ރުފިޔާއާއި ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ 5.5 ޕަސެންޓެވެ. އަދި 100،000ރ. އާއި 150،000ރ. ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގަން ހަމަޖައްސައިފައިވަނީ އާމްދަނީގެ 8 އިންސައްތައެވެ. އަދި، 150،000ރ. ރުފިޔާއިން ފެށިގެން 200،000ރ. އާއި ހަމައަށް އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. މީގެ އިތުރުން އާމްދަނީ 200،000ރ. އަށް ވުރެ މަތީގެ އާމްދަނީއެއްލިބޭނަމަ 15 ޕަސެންޓު ނެގުމަށް ނިންމައިފައިވެއެވެ.

ހަމަ މިއާއި އެކު މީރާއިން ވަނީ އިތުރު އެހެން ގޮތް ގޮތަށް އާމްދަނީ ލިބޭ މީހުން ރެޖިސްޓްރީކުރަން ލާޒިމް ކޮށްފައެއެވެ. އެގޮތުން މަހެއްގެ މައްޗަށް 20 ހާސް ރުފިޔާ ލިބޭ މީހުންވެސް މީރާގައި ރެޖިސްޓްރީކުރަން ޖެހެއެވެ.

ރާއްޖޭގައި ޓެކްސް ދައްކައިގެން ލިބޭ އާމްދަނީގެ 85 ޕަސެންޓް ހިއްސާ ކުރަނީ 60 ފަރާތެއް ކަމަށް ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް މިހާރު އޮންލައިނަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ. އެހެން ވިމާ ރާއްޖޭގެ އާބާދީގެ ކޮންމެ ރައްޔިތަކީ މިއަދު ސީދާ ގޮތުންނާއި ނުސީދާގޮތުން ޓެކްސް ދައްކައިގެން ދިރިއުޅޭ މީހުންނެވެ.

މީރާއިން ޓެކްސް ނަގަން ކަނޑައަޅައިފައި އޮތްގޮތާއި ޓެކްސް ނެގުމުގެ ޤަވާޢިދުގެ ދަށުން ރެޖިސްޓްރީކުރަން ޖެހޭ ގޮތުން މަހެއްގެ މައްޗަށް އެވްރެޖް އާމްދަނީ ލިބޭ ގޮތުގެ ތަފާސް ހިސާބު ބެލެހެއްޓުމަށް އުނދަގޫ ފަރާތްތަކުން ޓެކްސް ނަގާނެ ގޮތަކާއި އެކަމުގައި އިންޞާފުވެރި އުޞޫލެއް ގެންގުޅޭނެ ގޮތެއް ހޯދުންވަނީ ސުވާލެއްގެ ތެރޭގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.