ދިވެހި ސިނަމާގެ ކާމިޔާބު ބަތަލާ މަރިޔަމް އައްޒައާ ބަތަލް އަބްދުﷲ މުޢާޒު ކައިވެނީގެ ރަން ކިޔައިފިއެވެ.

02.02.2020 ގެ ރީތި ތާރީޚުގައި އައްޒައާއި މުއާގެ ރަންކިޔުމުގެ ހަފްލާ ބާއްވާފައިވަނީ އިއްޔެ ވިލިމާލޭ ގޮނޑުދޮށް ސަރަހައްދުގައެވެ. ހުދުކުލައިގެ ދިވެހި ލިބާހެއް އައްޒަ ލައިގެން ހުރިއިރު މުއާ ހުރީ ދިވެހި މުންޑާއި ގަމީހެއް ލައިގެންނެވެ.

ދެފަރާތުގެ އާއިލާއިންވެސް މި ހަފްލާގައި ބައިވެރިވެފައިވަނީ ދިވެހިވަންތަ ހެދުންތަކުގައެވެ. އައްޒައާ މުއާ ރަން ކިޔާފައިވަނީ 30 ރުފިޔާއަށެވެ.

އިއްޔެގެ ރަންކިޔުމުގެ ހަފްލާގައި ކެއުންތައްވެސް ތައްޔާރުކޮށްފައިވަނީ ދިވެހިވަންތަ ކާބޯތަކެތިންނެވެ. އެކި ބާވަތުގެ ދިވެހި ކެއުން އަތުރާލާފައިވާ ސުފުރާތަކުން ފެނުނީ ތަނަވަސްކަމެވެ.

އައްޒަގެ މޭކަޕް، މޭކަޕް ހަސަން ކޮށްދީފައިވާއިރު އޭނާ ބުނީ ދިވެހި ލިބާހެއް ލުމަކީ އަބަދުވެސް ވަރަށް ބޭނުންވިކަމެއް ކަމަށެވެ. އެހެންނަމަވެސް ލިބާހެއް ލެވުނީ ދަރިފުޅު އީތަންގެ ހިތާނީ ފެސްޓިވަލްގައި އެކަނިކަމުން ރަންކިޔުން ދިވެހިވަންތަ ކުރަން ބޭނުންވީކަމަށް އައްޒަ ބުންޏެވެ.

އައްޒަ މުއާގެ ރަންކިޔުމުގެ ހަފްލާގެ ތެރެއިން

އައްޒައާ މުއާ ލޯބީގެގޮތުން ގުޅިގެން އުޅޭތާ 2 އަހަރު ވެފައިވާއިރު މީގެކުރިން ދެމީހުންވެސް ވަނީ ކައިވެންޏެއް ކޮށްފައެވެ.

އައްޒަ ކުރިން ކައިވެނިކުރީ ފިލްމީތަރި އިސްމާއިލް ޖުމައިހްއާއެވެ. އެދެމީހުންގެ ދަރިއަކުވެސް ހުރެއެވެ. އަނެއްކޮޅުން މުއާ ކުރިން ކައިވެނިކުރީ ޕީއެސްއެމް ބޯޑުގެ ކުރީގެ ޑެޕިއުޓީ އެމްޑީ ޝާޔަންއާއެވެ. މިކައިވެންޏަށްވެސް ވަނީ ކުއްޖަކު ލިބިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައްޒައާ މުއާ ކައިވެނިކުރާނީ މިމަހުގެ 20 ވަނަ ދުވަހުގެ ރީތީ ތާރީޚުގައެވެ.