ކޮރޯނާވައިރަސްއަށް ފަރުވާ ލިބޭ ކަމަށްބުނެ އާންމުކުރާ ގޮތްނޭނގޭ ޑޮކްޓަރީ ބޭހާއި، ހަކީމީ ބޭސްތައް ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން އާންމުންނަށް ގޮވާލައިފިއެވެ.

ކޮރޯނާވައިރަސްއަކީ މީގެކުރިން އިންސާނުންގެ މެދުގައި ފެތުރިފައިވާ ކަމަށް ދެނެގަނެވިފައި ނުވާ ބާވަތުގެ ވައިރަހެކެވެ. އަލަށް ފެނުނު ވައިރަހަށް މިހާރު ދީފައިވާ ރަސްމީ ނަމަކީ "2019-އެންކޯވީ" އެވެ. މިވައިރަސް ފެނިފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށުމާއެކުގައެވެ.

މި ވައިރަސްއަށް، ޚާއްސަކޮށް އިންޓަރނެޓް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެންދަނީ ބޭހާއި ފަރުވާ ހުށަހަޅަމުންނެވެ.

އެހެން ނަމވެސް، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިވަނީ، މުޅި ދުނިޔެއަށް ސަމާލު ނެރެފައެވެ. އޭގައި ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްއަށް މިހާތަނަށް އެއްވެސް ފަރުވާއެއް، ބޭހެއް ހޯދިފައި ނުވާ ކަމަށެވެ.

ޑަބްލިޔޫއެޗްއޯގެ ސަމާލުގައި ބުނެފައިވަނީ، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ދޭންއޮތް ފަރުވާއަކީ ބަލީގެ ސަބަބުން ފެންނަ އަލާމާތްތަކަށް ފަރުވާ ހޯދުން ކަމަށެވެ. އަދި ބަލިބޮޑު މީހުން ޚާއްސަ އެހީތެރިކަން ހޯދަންޖެހޭ ކަމަށެވެ.

ކޮރޯނާވައިރަސްގެ ބަލިން ރައްކާތެރިވެ ތިބުމަށް އެޅިދާނޭ ފިޔަވަޅެއްގެ ގޮތުން ޑަބްލިޔޫއެޗްއޯއިން އާންމުންގެ ކިބައިން އެދިފައިވަނީ، ވައިރަސްގެ އަލަމާތްތައް ކަމަށްވާ ކިނބިހި އެޅުމާއި، ކެއްސާ މީހުންނާ ދުރުހެލިވުމަށާއި، ގިނަގިނައިން އަތްދޮވުމާއި، ރައްކާތެރި ކާނާ ބޭނުންކުރުމެވެ.

"ހުންއައިސް، ކެއްސައި، ނުވަތަ ނޭވާލުމުގައި އުނދަގޫވާނަމަ ނުރައްކާތެރި އިންފެކްޝަންއެއް ތަރައްގީވުމުގެ ކުރިން ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދާ. އަދި އެންމެފަހުން ކުރި ދަތުރުތަކުގެ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތާ ހިއްސާކުރޭ"
ޑަބްލިޔޫއެޗްއޯ

ނޮވެލް ކޮރޯނާވައިރަސް ފެތުރޭން ފެށިގެން ފުރަތަމަ ފަހަރަށް ޗައިނާއިން ބޭރު ގައުމަކުން ބަލިމީހަކު މަރުވެފައިވާކަން ޑަބްލިޔޫއެޗްއޯއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ބަލީގައި މީހަކު މަރުވެފައިވަނީ ފިލިޕީންސުންނެވެ.

ވައިރަސްގެ ނާޒުކު ހާލަތު ވަޒަންކޮށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިއަދުވަނީ ރިޕޯޓް އާންމުކޮށްފައެވެ. އެގޮތުން، ޗައިނާ އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ކަނޑައަޅާފައި ވާއިރު، ދުނިޔެއަށްއޮތް ނުރައްކާ އަދިވެސް މަތި ކަމަށް ބުނެފައި ވެއެވެ.