ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާއިން މަރުވި މީހުންގެ އަދަދު 361 އަށް އަރައިފިއެވެ.

ހަމަ އެއާއެކު، ޗައިނާއިން ބޭރު، އެހެން ގައުމެއްގައި ފުރަތަމަ ފަހަރަށް ވަނީ، މި ވައިރަސްގެ ސަބަބުން މީހަކު މަރުވެފައިވާކަން ރިޕޯޓް ކޮށްފައެވެ.

ޗައިނާއިން ބޭރުން، ކޮރޯނާވައިރަސްގެ ސަބަބުން މީހަކު މަރުވެފައިވަނީ ފިލިޕީންސްގައެވެ. ފިލިޕީންސްގައި ވައިރަސްއަށް ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އެކަކު މަރުވެއްޖެކަން އެގައުމުންވަނީ އިޢްލާން ކޮށްފައެވެ.

މިއާއެކު، ވައިރަސްގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 362 އަށް އަރާފައެވެ.

އަނެއްކޮޅުން، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފައިވަނީ، ވައިރަސްގެ ސަބަބުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 57 މީހުން މަރުވެފައިވާ ކަމަށެވެ. މި އަދަދާއެކު، ވައިރަސްގެ ސަބަބުން ޗައިނާއިން މަރުވި މީހުންގެ އަދަދު 361 އަށް އަރާފައި ވެއެވެ.

ހަމަ އެއާއެކު، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ޗައިނާ މީހުންގެ އަދަދު 17،205 އަށް އަރާފައިވާ ކަމަށްވެސް ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައި ވެއެވެ. އެއީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 2،829 އަށް އެރުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، ކޮރނާވައިރަސްއަށް ތުހުމަތުކުރެވޭ އެތައް ބައެއްގެ ޓެސްޓްތައް އަދިވެސް ނުހެދޭތީ، ޓެސްޓް ހެދުމުން ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވެދާނޭ ކަމަށެވެ.

އަނެއްކޮޅުން، ޗައިނާގައި ވައިރަސް އެންމެ ބާރުމިނުގައި ފެތުރެމުންދާ ވުހާން ސިޓީ ހިމެނޭ ހޫބޭ ޕްރޮވިންސްގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން އެ ޕްރޮވިންސުން ބޭރަށް ގެންދިއުމުގެ މަސައްކަތް އަދިވެސް ގައުމުތަކުން ކުރަމުން އެބަގެންދެއެވެ.